އަފްޣާނިސްތާނުގައި ނޫސްވެރިޔާ މަލާލާ މޭވަންދުގެ ގަޔަށް ބަޑި ޖަހާ މަރާލައިފި

އަފްޣާނިސްތާނުގެ ނޫސްވެރިޔާ މަލާލާ މޭވަންދު -- ފޮޓޯ: ޕްރެޒިޑެންޝަލް ޕެލެސް

ކާބުލް (ޑިސެމްބަރު 10): އަފްޣާނިސްތާނުގެ ޖަލާލައަބާދުގައި މިއަދު އަންހެން ނޫސްވެރިޔަކާއި އޭނާގެ ކާރު ދުއްވަން އިން މީހާގެ ގަޔަށް ބަޑި ޖަހާ މަރާލައިފި އެވެ.

އަފްޣާނިސްތާނުގެ އެނިކަސް ޓީވީ އެންޑް ރޭޑިއޯގައި މަސައްކަތް ކުރަމުން ދިޔަ މަލާލާ މޭވަންދު މަރާލީ އޭނާގެ ކާރުގައި އޮފީހަށް ދިޔަ މަގުމަތީގައި ހަތިޔާރު އަޅައިގެން ތިބި ބަޔަކު ދިން ހަމަލާއެއްގަ އެވެ. އެ ހާދިސާގައި ކާރު ދުއްވަން އިން މުހައްމަދު ތާހިރުވެސް ވަނީ މަރުވެފަ އެވެ.

ޖަލާލައާބާދު ނިސްބަތްވާ ޕްރޮވިންސުގެ ގަވަރުނަރު އަތައުﷲ ޚޮގިޔާނީ ވިދާޅުވި ގޮތުގައި އެ ހަމަލާ ދިން މީހުން ވަނީ ފިލާފަ އެވެ. އަދި އެ ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު ނަގާފައި ނުވެ އެވެ.

ސިވިލް ސޮސައިޓީ އެކްޓިވިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި މޭވަންދު ވަނީ އަފްޣާނިސްތާނުގައި އަންހެން ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މީގެ ކުރިން ވާހަކަ ދައްކާފަ އެވެ.

މޭވަންދު މަރާލާފައި ވަނީ، އަފްޣާނިސްތާނުގައި ފާއިތުވި ދުވަސްތަކުގައި ނޫސްވެރިންނާއި އެކްޓިވިސްޓުންނާއި ސިޔާސީ ފަރާތްތައް މަރަމުން ދާތީ އެކަމާ ބެހޭ ގޮތުން ޔޫރަޕިއަން ޔޫނިއަން އާއި ނޭޓޯއިން ކަންބޮޑުވުން ފާޅުކޮށް، އެކަން ކުށްވެރި ކުރި ފަހުންނެވެ.

މިދިޔަ މަހު އެގައުމުގައި ދިން ކާރު ބޮމުގެ ދެ ހަމަލާއެއްގައި ކުރީގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރަކާއި ރޭޑިއޯ ލިބަޓީ މީޑިއާގެ ރިޕޯޓަރަކު މަރާފައިވެ އެވެ. އެ ދެ މީހުންވެސް މަރާލީ އެމީހުންގެ ކާރުގައި ބޮން ހަރު ކުރުމަށް ފަހު ގޮއްވާލައިގެންނެވެ.

comment ކޮމެންޓް