ރޮނާލްޑޯއަށް ދެ ލަނޑާއެކު ދެ ރެކޯޑް، މެސީއަށް ތަފާތު ބޮޑު ބައްޔެއް

ރޮނާލްޑޯ އާއި މެސީ ރޭގެ މެޗުގައި ... ފޮޓޯ/ އީވްނިންގް ސްޓޭންޑަޑް

ޗެންޕިއަންސް ލީގަގުގައި ރޭ ބާސެލޯނާއާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގައި ރޮނާލްޑޯ ޖެހި ދެ ލަނޑާއެކު އޭނާ ދެ ރިކޯޑް ހެދިއިރު، ބާސާ ވަނީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ.

ރޭގެ މެޗުގައި ޖެހި ދެ ލަނޑާއެކު ރޮނާލްޑޯ ވަނީ ބާސާގެ ސްޓޭޑިއަމް ކޭމްޕް ނޮއުގައި މިހާތަނަށް 14 ލަނޑު ޖަހާފައެވެ. މިއީ އޭނާގެ ކްލަބް ކެރިއަރުގައި މިހާތަނަށް އެހެން އެއްވެސް އަވޭ ސްޓޭޑިއަމެއްގައި އޭނާ ކާމިޔާބުކޮށްފައި ނުވާ އަދަދެކެވެ. އޭގެ އިތުރުން ރޭގެ މެޗަށްފަހު އޭނާ ވެގެން ދިޔައީ ޗެންޕިއަންސް ލީގުގެ ތާރީޚުގައި އެއް މެޗެއްގައި ދެ ޕެނަލްޓީ ބާސާގެ ދަނޑުގައި ކާމިޔާބު ކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ރޭގެ މެޗުގައި ރޮނާލްޑޯގެ ދެ ލަނޑުވެސް އޭނާ ކާމިޔާބުކުރީ ޕެނަލްޓީންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި ބާސާގެ ޑިފެންޑަރ ރޮނަލްޑް އަރާއުހޯ ކުރި ފައުލަކުން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އޭނާ ވަނީ ޔުވެންޓަސްއަށް ލީޑު ނަގައިދީފައެވެ. އަދި 53 ވަނަ މިނެޓުގައި ކްލެމެންޓް ލެންގްލެޓް ކުރި ފައުލަކުން ލިބުނު ޕެނަލްޓީވެސް ރޮނާލްޑޯ ވަނީ ކާމިޔާބުކޮށްފައެވެ.

މެޗުގައި ރޮނާލްޑޯގެ ޕެނަލްޓީއަށް ފަހު ޔުވެންޓަސްއަށް ލީޑު ފުޅާކޮށްލަދިނީ ކުޅަދާނަ ވަން ޓޫ ޕްލޭއަކުން ވެސްޓަން މެކެނީ އެވެ. އެ މެޗުގެ ފުރަތަމަ ހާފްގައި ފެނިގެން ދިޔައީ ޔުވެންޓަސްއިން މެޗު ކޮންޓްރޯލްކޮށް ނުރައްކާތެރި ހަމަލާތަކެއް ބާސާގެ ގޯލަށް އުފެއްދި ތަނެވެ. ބާސާއަށް މެޗުގައި ހަމަޔަކަށް އެޅުނީ ފުރަތަމަ ހާފްގެ ފަހުކޮޅު އެވެ.

ދެވަނަ ހަފްގައި ބާސާއިން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އެ ޓީމަށް ވަނީ ޔުވެންޓަސްގެ ކީޕަރ ޖިއާންލުއީޖީ ބުފޮން ބީޓުކުރެވޭގޮތް ނުވެފައެވެ. އެ ދެ ޓީމުވެސް ޗެންޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖަށް ކޮލިފައި ވެފައި ވިނަމަވެސް، ރޭގެ ބައްޔާއެކު ބާސާ ވަނީ ތާވަލްގެ ދެވަނަ މަގާމުން ފަރުޖައްސާލަން ޖެހިފައެވެ. މީ 2016 ވަނަ އަހަރުން ފެށިގެން އެ ލީގުގެ ގްރޫޕް ސްޓޭޖު މެޗެއްގައި ބާސާ ބަލިވި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް