އެތުލެޓިކްސްގެ އިންތިހާބު މާދަމާ ހަވީރު

އެތުލެޓިކްސް އެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާ މާދަމާ ހަވީރު 4:30ގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓަރީ އަހުމަދު މުންތަގިމް ވިދާޅުވީ، ކުރިން މާދަމާ ރޭ ބޭއްވުމަށް ނިންމާފައިވާ ޖަލްސާ މިހާރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 4:30ގައި މާލޭ ސިޓީ ހޯލްގައި ކަމަށެވެ.

މުންތަގިމް ވިދާޅުވީ، އިންތިހާބުގައި ވާދަކުރާ މަޤާމު ތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވެ، އިންތިހާބު މާދަމާ ބޭއްވުމަށް ނިންމާފައިވާ އިރު، ރައީސްގެ މަޤާމަށް ކުރިމަތިލާފައި ވަނީ ތިން ބޭފުޅުން ކަމަށެވެ. އެއީ މުހައްމަދު ތޮލާލާއި ނަސީރު އިސްމާއީލް އަދި މުހައްމަދު ހާނިމެވެ. އަދި ނައިބް ރައީސްގެ މަޤާމަށް ދެ ބޭފުޅުން ކުރިމަތިލައްވާފައިވާ އިރު، އެއީ މާދިހު އިސްމާއީލާއި އަހުމަދު ޝަފީގެވެ. އަދި ޚަޒާންދާރުގެ މަގާމަށް ކުރިމަތި ލާފައިވަނީ މުސްތޮފާ މުހައްމަދާއި މުހައްމަދު ޝިހާން ކަމަށް މުންތަގިމް ވިދާޅުވި އެވެ.

މީގެއިތުން އަންހެން މެމްބަރުގެ މަގާމަށް ކުރިމަތިލާފައި ވަނީ އާމިނަތު ޝާޒްލީން އާއި ޔަޒުނީ ނަޝީދާ އެވެ. އާންމު މެމްބަރުންގެ ގޮތުގައި ކުރިމަތިލާފައި ވަނީ ފާރިސް ޢަބްދުﷲ އާއި އަހުމަދު އަޒީލާއި ޢަލީ ނަދީމާއި އިބްރާހީމް ޢުމަރުގެ އިތުރުން މުޙައްމަދު ޝާހިދެވެ. އަދި އިބްރާހީމް ތައުފީގާއި އަހުމަދު ޝަޣީފާއި މުހައްމަދު ޝުޖާޢާއި މުހައްމަދު ޝިހާން ކަމަށް ވެސް މުންތަގިމް ވިދާޅުވި އެވެ.


މުންތަގިމް ވިދާޅުވީ، މާދަމާގެ އިންތިހާބުގައި ވޯޓްލެވޭނެ ހަ ކްލަބަކީ ދިވެހި ސިފައިންގެ ކުލަބާއި، ކަސްޓަމްސް ރިކްރިއޭޝަން ކުލަބާއި ޕޮލިސް ކުލަބުގެ އިތުރުން ބީޖީ ސްޕޯޓްސް ކްލަބާއި ތިނަދޫ ޒުވާނުންގެ ކްލަބް އަދި ޒިފިއަސް ސްޕޯޓްސް ކްލަބް ކަމަށެވެ. އަދި އިންޑިވިޖުއަލްކޮށް ވޯޓްލެވޭނެ ހަތަރު މެންބަރުންނަކީ މުޙައްމަދު ހާނިމް (ކޯޗަސް ރެޕްރެޒެންޓޭޓިވް)، ނީޝާ ޙަލީމް (ސޯޝަލް ރެޕްރެޒެންޓޭޓިވް)، އަހުމަދު ރައުހާން (ޓެކްނިކަލް އޮފިޝަލްސް ރެޕްރެޒެންޓޭޓިވް) އަދި ޢަލީ ޝަރީފް (އެތުލީޓް ރެޕްރެޒެންޓޭޓިވް) އެވެ.


އެތުލެޓިކްސް އެސޯސިއޭޝަންގެ މިހާރުގެ ހިންގާ ކޮމިޓީގެ މުއްދަތު އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާ އިރު، މިފަހަރު އަލަށް އިންތިހާބު ކުރެވޭ ހިންގާ ކޮމިޓީގެ މަސައްކަތް އަންނަ ޖުލައި މަހުގެ އެއް ވަނަ ދުވަހު ފަށާނެ ކަމަށް މުންތަގިމް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު