ޒިޔަތު 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ----

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އެ އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

ޒިޔަތުގެ މައްޗަށް ހިޔާނާތުގެ ދައުވާކޮށްފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެސްއޯއެފް ކިޔާ އަމިއްލަ ކުންފުންޏަކަށް ޖަމާކުރިކަމުގެ ތުހުމަތުގަ އެވެ. އެކަމާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން ވަނީ 32 ދައުވާއެއް އުފުލާފަ އެވެ.

އެ ދައުވާތަކަށް އޭނާ އިއުތިރާފުވެ ދައުލަތާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން އޭނާގެ އަދަބަށް ވަނީ ލުއިތަކެއް ދީފަ އެވެ. ކޮންމެ ދައުވާއެއް ވަކިވަކިން އިއްވަމުން ދާއިރު ކްރިމިނަލް ކޯޓުން މިހާތަނަށް ވަނީ ޖުމްލަ 11 އަހަރަށް ވުރެ ގިނަ ޖަލު ހުކުމް އިއްވައިފަ އެވެ. އަދިވެސް ދައުވާތަކުގެ ހުކުމްތައް ދަނީ އިއްވަމުންނެވެ.

ގާނޫނުލްއުގޫބާތުގައިވާ ގޮތުން ކުށްވެރިޔާގެ މައްޗަށް އެއް ކުށަށްވުރެ ގިނަ ކުށް ސާބިތުވާ ހާލަތްތަކުގައި އޭނާގެ މައްޗަށް ސާބިތުވާ ކޮންމެ ކުށަކަށް އަދަބު ކަނޑައަޅާނީ އެ ކުށަކަށް ވަކިން، އެ ކުށެއްގެ ދަރަޖައާއި އަދަބު ކަނޑައެޅުމުގައި ބަލަންޖެހޭ އެންމެހާ ކަންކަން ބެލުމަށްފަހު އެއީ އޭނާގެ މައްޗަށް ސާބިތުވި ހަމައެކަނި ކުށް ކަމަށް ބަލައިގެންނެވެ.

އެންމެ ބޮޑު ކުށަށް ނުވަތަ އަދަބުގެ މުއްދަތު އެންމެ ދިގު ކުށަށް ކަނޑައަޅާނީ އެ ކުށަށް ކަނޑައެޅެން އޮތް އަދަބުގެ އެންމެ ދިގު މުއްދަތެވެ. އެއީ ފަސް އަހަރާއި ހަތް މަހާއި ހަ ދުވަހެވެ. ނަމަވެސް އެއަށްފަހު ހުކުމްތަކުުގެ މުއްދަތު ކުޑަ އެވެ.

އެގޮތުން އެންމެ ބޮޑު ކުށަށް އަދަބުގެ އެންމެ ދިގު މުއްދަތު ކަނޑައެޅުމަށް ފަހު ދެން ހުރި ކުށްތަކުގައި ވަކި ތަރުތީބަކުން އަދަބުގެ މިންވަރު ދަށްކުރުމުން ޒިޔަތުގެ މައްޗަށް އުފުލާފައިވާ 12 ވަނަ ދައުވާގެ އަދަބަކީ އެއް ދުވަހުގެ ޖަލު ހުކުމެކެވެ. އެއް ދުވަހުގެ ޖަލު ހުކުމަކީ އަދަބުގެ އެންމެ ކުޑަ މިންވަރު ކަމަށްވާތީ އޭގެ ފަހުން އޮތް 20 ދައުވާގައި އޭނާއަށް އެއްވެސް އަދަބެއް ނާދެއެވެ.

ޅ. މާބިންހުރާ ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ އޭނާގެ މައްޗަށް ސާބިތުވެ، މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް ޒިޔަތަށް އިއްވައިފައެވެ. މިހާރު އެ ހުކުމުގެ ފަސް އަހަރު އޭނާ ތަންފީޒުކޮށް ނިންމާލައިފި އެވެ. އެ ހުކުމް އޭނާ ތަންފީޒު ކުރަމުން ގެންދވަަނީ ގޭބަންދުގަ އެވެ.

މާބިންހުރާ މައްސަލައިގެ ހުކުމް އޭނާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ހުކުމް ހައިކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައި އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފު މައްސަލަ ވަނީ އަނބުރާ ގެންދަވައިފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ޒިޔަތު ދައުލަތަށް ހިޔާނާތްތެރިވި ފައިސާގެ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރަ އެވެ.

comment ކޮމެންޓް