"ފާތުންގެ ލޮލަށް ނުފެނުނަސް، އޭނަ ކަނޑުއަޑީގައި އެއުޅާގޮތުން ހީވަނީ ހަމަ އުދުހިލާހެން،" 25 އަހަރުގެ ތަޖުރިބާއާއިއެކު ރާއްޖޭގެ ފުރަތަމަ އަންހެން ޕަޑީ ޑައިވް ކޯހުގެ ޑައިރެކްޓަރު ޒޫނާ ނަސީމް ބުންޏެވެ.
މިއީ ރާއްޖޭގައި ރިކޯޑެކެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ޒުވާނެއް މިވަނީ ޕަޑީ އޯޕަން ވޯޓާ ޑައިވާ ލައިސެންސް ހޯދާފަ އެވެ. އެ ޝަރަފުވެރިއަކީ ފާތުމަތު އިބްރާހިމް (ފާތުން) އެވެ.
އުމުރުން 29 އަހަރުގެ ފާތުންއަކީ އުފަންވީއްސުރެވެސް ލޮލުގެ ފެނުމުގައި މައްސަލަތަކެއް ހުރި ކުއްޖެކެވެ. ނަމަވެސް ޅައުމުރެއްގައި ލޮލުގެ ފެނުމުން މަހުރޫމްވާން ފެށިއިރު، މިއަދު އޭނާގެ އެއް ލޮލަށް އެއްގޮތަކަށްވެސް ނުފެނެ އެވެ. އަނެއް ލޮލަށް ގަދަ އަލީގައި ކޮންމެވެސް ވަރަކަށް ފެންނަކަމަށް ފާތުން ބުންޏެވެ.
ފާތުން އަށް ޑައިވްއެއް ކޮށްލުމުގެ ފުރުސަތު ލިބިގެންދިޔައީ 2018 ވަނަ އަހަރުގެ ނޮވެމްބަރުގެ ތެރޭގައި ބޭއްވި "ދުޅަހެޔޮ ހަށިހެޔޮ" ޕްރޮގްރާމުގެ ތެރެއިން ޒޫނާއާ ދިމާވެގެންނެވެ.
"އެ ދުވަހު ދިމާވެފައި ޒޫނާ މެޑަމް ވިދާޅުވި ފާތުން ދެން ތިހުރިހާ ކަމެއް ކުރާއިރު ޑައިވްއެއްވެސް ކޮށްލަންވީނޫންހޭ. ދެން ވަގުތުން ފާތުން އާއެކޭ ބުނިން. އެކަމަކު އެކި ކަންކަމުގައި ބިޒީވެފައި އުޅެވުނީ. ކޮންމެފަހަރަކުވެސް ބުނެލަން ދާނަމޭ. އެކަމު އެކަމާ ނޫޅެވިފައި ހުއްޓާ މިފަހުން މިކަން ކުރަން މި އުޅެެވުނީ،" ޕެރެ އޮލިމްޕިކްސްގައި ސްޕްރިންޓް ރަނާ ކެޓަގަރީގައި ރާއްޖެ ތަމްސީލުކުރުމަށް މަސައްކަތްކުރަމުން އަންނަ ޒުވާނާ ބުންޏެވެ.
މޫދު ބުޅާ ޑައިވް ސެންޓަރުގެ ވެރިޔާ ޒޫނާ ބުނާގޮތުގައި މިފަދައިން ޑައިވްއެއް ކޮށްލަން ނިކަން ގިނަ ފަރާތްތަކަށް އޭނާ ދައުވަތު ދެއެވެ. އެހެން ނަމަވެސް ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު ފާތުން އާއި އެކު ދިޔަ ފުރަތަމަ ޑިސްކަވާ ސްކޫބާ ޑައިވްއިންވެސް ފާތުންގެ ހުށިޔާރުކަމާއި، ކެރުންތެރިކަމާއި، ޝައުގު އޭނާއަށް ވަރަށް ބޮޑަށް ފާހަގަވި އެވެ. އެއާއެކު މޫދު ބުޅާގެ ހާއްސަ ސްޕޮންސާޝިޕެއްގެ ދަށުން ޕަޑީ އޯޕަންވޯޓާ ޑައިވާ ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތު ފާތުންއަށް ޒޫނާ ދިނީ އެވެ.
މިއީ ކުޑައިރުއްސުރެވެސް މޫދަށް ހާއްސަ ލޯތްބެއް ހިތުގައި އޮތް ފާތުން އަށް ލިބުނު ރަނުގެ ފުރުސަތަކަށްވީއިރު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު ޑައިވް އިންސްޓްރަކްޓާގެ ހައިސިއްޔަތުން ޒޫނާ ކުރިމަތިލި މިއީ ބޮޑު ޗެލެންޖެކެވެ.
"މީގެ ގާތްގަނޑަކަށް 15 ނޫނީ 18 އަހަރުކުރިން ނުކުޅެދުންތެރިކަން ހުރި މީހުންގެ ރައުންޑް ދަ ވޯލްޑް ޓުއާއެއްގައި ފުރުސަތު ލިބުނު ލޯ އަނދިރި މީހަކަށާއި އަދި އެއްފަޅި ވާގިނެތިފައި ހުރި މީހެއް ގޮވައިގެން ޑައިވްއަކަށް ދާން ފުރުސަތު. ލޯފަން މީހަކީ އިނގިރޭސިވިލާތަށް އުފަން 65 އަހަރުގެ ޓްރެއިންޑް ޑައިވަރެއް. އެދުވަހު އޭނާ ބުނި ވެލައެއް ފެނިއްޖިއްޔާ ތިމަންނަގެ އަތް ޖައްސާލައްޗޭ. ދެން ނަސީބަކުން ވެލައެއް ފެނި އަތްޖެއްސުވީމަ އޭނާއަށްއެކުރެވުނު އިހުސާސާއި އައި ހިނިތުންވުން އަބަދުވެސް ހަނދާންހުރޭ. އެހެންވީމަ އެ ތަޖުރިބާ އަށްފަހު އަސްލު ވަރަށް ބޭނުންވެފައި ހުރި ކަމެއް މިއީ،" މި ހާއްސަ މަސައްކަތަށް އޭނާ ޝައުގުވެރިކަން އުފެދުނު ގޮތް ޒޫނާ ކިޔައިދިނެވެ.
ޒޫނާ ބުނާގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާންމު އެހެން މީހުންނެކޭ އެއްފަދައިން މޫދުގެ އުފާ ހާސިލްކޮށްދިނުމަކީ އަބަދުވެސް އޭނާ ބޭނުންވާ ކަމެކެވެ. އަދި މިފަދަ މަސައްކަތްތަކަކީ އެއްވެސް އަގަކާއި ނުލާ މޫދު ބުޅާއިން ކޮށްދޭ ހާއްސަ މަސައްކަތްތަކެކެވެ.
މީގެ އަށް މަސް ދުވަސް ކުރިން 20 މިނިޓުގެ ޓްރެއިނިންއަކަށްފަހު އެއް ގަޑިއިރުގެ ޑައިވްއެއް 12 މީޓަރު އަޑީގައި ފާތުން ޒޫނާއާއި އެކު ފުރިހަމަ ކޮށްލިއިރު މިކަމަކީ މިހާ ޝައުގާއެކީ އޭނާ ކުރަންބޭނުންވެދާނެ ކަމެއްކަމަށް ހީވެސް ނުކުރެވެ އެވެ.
އެހެންނަމެސް، އެ ލިބުނު ހިތްހަމަޖެހުމާއި މޫދު ބުޅާއިން ބެހެއްޓި ގާތްކަމާއިއެކު މާ ބޮޑަށްވެސް މިކަމުގެ ތެރެއަށް ވަދެވިއްޖެ އެވެ. ކޮވިޑް 19ގެ ބަލިމަޑުކަމުގެ ތެރޭގައި ޒޫނާ މާލެއިން ބޭރުގައި ހުރިއިރުވެސް ފާތުން އިންތިޒާރުކުރަމުންދިޔައީ އެނބުރި ޑައިވްއަކަށް ގޮސް، އިމްތިހާނުތައް ފުރިހަމަ ކުރެވޭނެ ދުވަހަކަށެވެ.
"ޒޫނާ މެޑަމް އަޅުގަނޑަށް ދިން ތިއަރީ ދަސްކުރަން ފޮތް. ދެން ޔޫޓިއުބް ވީޑިއޯ ލިންކްސް. ދެން ކޮއްކޮމެން ލައްވާ ފޮތް ކިޔައިދީގެން ދަސްކުރީ. ދެން ވީޑިއޯތައްވެސް އަޑުއަހައި ކޯސް ފެށެންވާއިރަށް ތިއަރީ ބައި އެއްކޮށް ދަސްކޮށްލިން" ފާތުން ބުންޏެވެ.
ތެދެކެވެ. ޒޫނާ ބުނިގޮތުގައި ފާތުން މިކަމަށް ދީފައިވާ އަހަންމިއްޔަތާއި، ތިއަރީ ދަސްކޮށްފައިހުރިލެއް މޮޅުކަމުން ހުދު އޭނާވެސް އަޖައިބުވި އެވެ.
ކޯހުގެ ހުރިހާ ރިކުއަމެންޓެއް އެންމެ ފުރިހަމައަށް ހާސިލްވެ 94 ޕަސެންޓްގެ މޮޅު ނަތީޖާއަކާއި އެކު ފާތުން ކޯސް ނިންމާލީ އަށް ދުވަސްތެރޭ ޖުމްލަ 10 ޑައިވްއާ އެކު އެވެ. އޭގެ ތެރެއިން ދެ ޑައިވްއަކީ ޒޫނާ ބުނާގޮތުން މަޖަލަކަށް ކުރި ދެ ޑައިވް އެވެ. ކޯހުގައި ފުރިހަމަ ކުރަންޖެހޭ ޝަރުތެއްގެ ގޮތުގައި އޮންނަނީ 8 ޑައިވް އެވެ. ޒޫނާ ބުނާގޮތުގައި މި ނަތީޖާއަކީ އެންމެ ގާބިލް، ހުރިހާ ހިއްސުތަކެއް އެންމެ ފުރިހަމަ މީހަކަށްވެސް ހޯދަން އުނދަގޫވާނެ ނަތީޖާއެކެވެ.
މި ބޮޑު މަސައްކަތް ކާމިޔާބުވިއިރު ޒޫނާ މި މަސައްކަތް ސިފަކުރަނީ އޭނާގެ މުޅި ކެރިއާގައިވެސް ކުރެވުނު އެންމެ ކާމިޔާބު އެންމެ ބޮޑު އުފަލެއް ލިބުނު މަސައްކަތުގެ ގޮތުގަ އެވެ.
"ފާތުން އަށް ހަމަ ކަނޑު އަޑީގައި އަހަރުމެން އެންމެނަށް މި ކުރެވޭ އިހުސާސްތައް ކުރެވޭ. އަޑިއަށް ދިޔައިމަ އެވާ ލުއިކަމާއި، ހިތްހަމަޖެހުމާއި ހުރިހާ ކަމެއް. ލޮލަށް ނުފެނުނަސް، ފާތުން ކަނޑުއަޑީގައި އެއުޅޭތަން ބަލާލީމަ ހަމަ ހީވަނީ އުދުހިލާފައި އުޅޭހެން" ޒޫނާ ކިޔައިދިނެވެ.
ފާތުން އަކީ މި ނޫނަސް ތަފާތު އެތައް ދާއިރާއަކުން އެތަށް ގޮތަކަށް ފާހަގަކޮށްލެވޭ ނަމޫނާ ޒުވާނެކެވެ. ކުޅެދޭ މީހަކާއި ނުކުޅެދުންތެރިކަން ހުންނަ މީހަކާއި ދެމެދު މުޖްތަމައުގައި ގެންގުޅޭ ފަރަގުތައް ނައްތާލަންޖެހޭ ކަމުގެ ލާމަސީލު މިސާލެކެވެ.
ދިވެހި ރެޑްކްރެސެންޓްގެ ހީވާގި ދަރުމަވެރިންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ ފާތުންވަނީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ އެންމެ މޮޅު ދަރުމަވެރިޔާގެ އެވޯޑު ހޯދާފައެވެ. އަދި ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ހައްގުތައް ހޯދައިދިނުމުގެ ދާއިރާގައި ކުރި މަސައްކަތްތަކުން "ރިވެލި" އެވޯޑު ވެސް ހާސިލްކޮށްފައިވާ މި ޒުވާނާ ބުނާގޮތުން އޭނާއަށް ކަނޑުއަޑީގައި އުޅެވޭއިރު ހީވަނީ "ލިޓިލް މާމެއިޑް"ގެ ކާޓޫނުގެ ތެރޭގައި އުޅެވޭ ހެނެވެ.
"ވަރަށް އަރާމުވޭ، ހިތްހަމަޖެހޭ. އަޑިއަށްދާކަން އެނގޭ. މިހާރު އަދި ކިޔެވީމަ ވެސް އެނގޭ ކިހާ ވަރަކަށްކަން އަޑިއަށް މިދެވެނީވެސް. އޮއެވެސް ހަމަ ފާހަގަކުރަން އެނގޭ. ދެން ވިޝުއަލައިޒްކޮށްދޭން އެހީވަނީ ބޭނުންކުރާ ސްކްރީން ރީޑާ އެޕްލިކޭޝަން. ހީވަނީ ކުޑައިރު ބަލާ ލިޓްލް މާމެއިޑް ކާޓޫންހެން،" އޭނާ ބުންޏެވެ.
ފާތުން އޭނާގެ މި ގައުމީ ރިކޯޑެއްފަދަ ކާމިޔާބީގެ އެންމެ ބޮޑު ކްރިޑިޓެއް ދެނީ ޒޫނާއަށެވެ.
"ވަރަށް ޝުކުރުވެރިވަން ޒޫނާ މެޑަމް އަށް. މޫދު ބުޅާއަށް. އެއީ ހަމަ ދެވަނަ އާއިލާ. އަސްލު ކިތަންމެ މޮޅު އިންސްޓްރަކްޓަރަކަށް ފާތުން ކަހަލަ މީހަކަށް ޑައިވްކުރަން ދަސްކޮށްއެދިނީ ހަމަ ލިބިފައި ހުރި ތަޖުރިބާއާއި ހުނަރުގެ މޮޅުކަމުން. އެއްވެސް މެނުއަލްއެއް ނޫނީ ފޮތެއްގައި ހިޔެއްނުވޭ ލޯފަން މީހަކަށް ޑައިވިންގެ އެ ހުނަރާއި އުކުޅު ކިޔައިދެވޭހެން އޮތްހެނެއް. ހަމަ ޒޫނާމެޑަމްއަކީ އެއްވަނަ،" ޒޫނާ ބުންޏެވެ.
ފާތުން އާއި ޒޫނާއާ ދެމީހުންވެސް ބުނާގޮތުގައި އެންމެ ބޮޑު ގޮންޖެހުމަަކަށްވީ ކަނޑު އަޑީގައި ދެމީހުން މުއާމަލާތު ކުރާނެ ގޮތެއް ހޯދުމަށެވެ. ފާތުންގެ ހަރަކާތްތައް ޒޫނާއަށް ފެނުނު ނަމަވެސް ޒޫނާކުރާ ހަރަކާތެއް ފާތުންއަކަށް ނުފެންނާނެތާ އެވެ. އެހެންކަމުން ދެމީހުންނަށް ވެސް ޖެހުނީ އަމިއްލަ ގޮތަކަށް އިޝާރާތްކޮށްގެން ކަނޑު އަޑީގައި މުއާމަލާތް ކުރާާނެ ގޮތް ދަސްކޮށްފަ އެވެ.
ފާތުންގެ އާއިލާއަކީ މިފަދައިން އޭނާ ކުރާ ކޮންމެ މަސައްކަތެއްގައިވެސް އަބަދުވެސް އެންމެ ގާތުގައ ތަރުހީބުދޭން ތިބޭ ފަރާތަށްވާއިރު، ފުރަތަމަ ޑައިވްގެ މަންޒަރުތައް ފެނުމާއެކު ހުރިހާ ބިރެއް ފިލައި މިއީވެސް ކުރެވޭނެ ކަމެއް ކަމުގައި ބަަލައިގަތްކަމަށް ފާތުން ބުންޏެވެ. އަދި ކޮންމެ ދުވަހަކު އޭނާ މޫދު ބުޅާ ސެންޓަރާއި ހަމައަށް ގެންގޮސް ގެނައުމަށް އެހީވި ރަހުމަތްތެރިއެއްކަމުގައިވާ އިފާގެ ނަންވެސް ފާތުން ފާހަގަކުރި އެވެ.
ފާތުން ބުނާގޮތުން ކޯސްފުރިހަމަ ކުރުމުގައި އޭނާ އެންމެ ބިރުގަތް ވަގުތުތަކަކީ ޖެކެޓް ބޭލުމާއި އެއް މިނިޓް ވަންދެން މާސްކް ނަގައިގެން އެއް މިނިޓު ވަންދެން އަޑީގައި ނޭވާ ލާން ޖެހުމެވެ. ނަމަވެސް އެކަން ފުރިހަމަ ކުރެވުމުން ދެން ކޮންމެ ކަމެއްވެސް ފަސޭހަކަމާއިއެކު ކާމިޔާބު ވާނޭކަމުގެ އިތުބާރު އާވެގެން ދިޔަ އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އައިޖީސީއެސްއީ އިމްތިހާނުގައި ބައިވެރިވި ލޯފަން ދަރިވަރުކަމުގައިވާ ފާތުންއަކީ މިވަގުތުވެސް މޯލްޑިވްސް ޓުއަރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ ކަސްޓަމާ ރިލޭޝަންސް އޮފިސާއެކެވެ. އޭނާގެ މިފަދަ ހުރިހާ މަސައްކަތްތަކަށް އޮފީހުގެ މެނޭޖްމަންޓްއިން ތަރުހީބުދޭކަން ނިކަން ޝުކުރާއިއެކު ފާތުން ފާހަގަކުރެ އެވެ.
ފާތުން ބުނާގޮތުން މޫދު ބުޅާއިން މިއަދު މުޖްތަމައަށް ދަސްކޮށްދިނީ ވަރަށް ރަނގަޅު ފިލާވަޅެކެވެ. އެއްވެސް މީހަކީ އެމީހެއްގެ ހުރި ސިފަތަކަކަށް ބަލައި އެކަހެރިކޮށް ބާކީ ކުރެވޭނެ މީހެއް ނޫންކަމެވެ. މޫދަކީ ކަނޑަކީ ހަމަ ކޮންމެ މީހަކަށްވެސް އޭގެ އުފަލާއި ހިތްހަމަޖެހުން ހާސިލްކުރެވޭނެ ކަމެކެވެ. ކުރިއަށްވެސް އެހީތެރިކަން ލިބިިއްޖެނަމަ ފާތުން ހުރީ ޑައިވިންއިން ދެވެން އޮތް އެންމެ ކުރިއަކަށް ދިއުމުގެ އަޒުމުގަ އެވެ.