މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ މިއަދު ބާއްވައި ކުރިއަށް އޮތް އަހަރު ގެންދާނެ ހަރަކާތްތަކާ މެދު މަޝްވަރާކޮށްފި އެވެ.
އެ ބައްދަލުވުން ބޭއްވީ އިއްޔެ މެންދުރު 2:30 ގައި ސޯޝަލް ސެންޓަރުގެ ސެމިނާ ހޯލްގަ އެވެ.
އެމްއެސްއޭގެ އަހަރީ އާންމު ޖަލްސާ ނިންމާލުމަށްފަހު އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓެރީ އަލީ އަހުސަން "ސަން"އަށް ވިދާޅުވީ އެމްއެސްއޭގެ އަހަރީ އާންމު ޖަލްސާ ވަރަށް ކާމިޔާބު ކަމަށެވެ. އެ ޖަލްސާގައި އެމްއެސްއޭގެ ހިންގާ ގަވައިދު އިސްލާހު ކުރުމާ ބެހޭގޮތުންނާއި، އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ އެކިއެކި ކަންކަމާ މެދު މަޝްވަރާ ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަހުސަން އަދި ވިދާޅުވީ އެމްއެސްއޭއަށް މި އަހަރަކީ ގޮންޖެހުން ބޮޑު އަހަރެއް ކަމަށެވެ. އަދި މި އަހަރު ހިންގަން އެ އެސޯސިއޭޝަނުން ރާވާފައިވާ ގިނަ އަދަދެއްގެ މުބާރާތްތަކާއި ތަމްރީނުތައް ކޮވިޑް-19ގެ ސަބަބުން ކުރިއަށް ގެންދެވޭގޮތް ނުވި ކަމަށެވެ. އަދި މާޗް މަހު ބާއްވަން ނިންމި އެ އެސޯސިއޭޝަންގެ އަހަރީ ޖަލްސާވެސް އެޗްޕީއޭއިން ހުއްދަ ލިބެންދެން ފަސްކުރަން ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްއެސްއޭއިން މި އަހަރު ހިންގަން ރާވާފައިވާ ބައެއް ކަންކަމުގެ ތެރޭގައި ސަރފިންގް އިންސްޓްރަކްޓާ ކޯސްތަކާއި، ޖަޖުން ތަމްރީން ކުރުމުގެ ކޯސްތަކާއި، އެމްއެސްއޭގެ ވައިޑީޕީ ޕްރޮގްރާމް ކުރިއެރުވުމުގެ މަސައްކަތް ހިމެނޭކަމަށް އަހުސަން ވިދާޅުވި އެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިން ގައުމީ ސާފިންގް ލީގެއް ރާއްޖޭގެ ތިން ސަރަހައްދެއްގައި މިއަހަރު ކުރިއަށް ގެންދަން ރޭވި އެވެ. އެ ލީގުން ރާއްޖޭގެ ގައުމީ ސާފިންގް ޓީމު ހޮވުމުގެ މަސައްކަތްވެސް މި އަހަރަށް ރޭވި އެވެ. އަހުސަން ވިދާޅުވި ގޮތުގައި އެކަންކަން ވަނީ މި އަހަރު ކުރެވޭގޮތް ނުވެފަ އެވެ.
އޭގެ އިތުރުން އަހުސަން ވިދާޅުވީ އޭޝިއާގެ އެންމެ ބޮޑު އެއް ސާފިންގް މުބާރާތް ކަމަށްވާ އޭޝިއަން ސާފިންގް ޗެންޕިއަންޝިޕް އެމްއެސްއޭ އާއި ޔޫތް މިނިސްޓްރީ ގުޅިގެން މި އަހަރު ރާއްޖޭގައި ބާއްވަން ހަމަޖެއްސި ކަމަށާއި، އެ މުބާރާތް މި އަހަރު ބޭއްވޭ ގޮތް ނުވުން އެއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށެވެ. ނަމަވެސް އަންނަ އަހަރުވެސް އެ މުބާރާތް ރާއްޖޭގައި ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަންކަން ފައިނަލް ކުރާނީ އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީގައި ބާއްވާ އެމްއެސްއޭގެ 2021 ވަނަ އަހަރުގެ އާންމު ޖަލްސާގައި ކަމަށް އަހުސަން ވިދާޅުވި އެވެ.