22 ޖެނުއަރީ 2012 އާ ގުޅޭ

"މަންމީ..." ކިޔާން ރޮވެން އުޅޭ ފަދަ އަޑަކުން ޔޫހާއަށް ގޮވާލި އެވެ.
ޒައުލް ޔޫހާގެ ފައިގާ ހިފަހައްޓާލައިގެން ހުރި ކިޔާންއަށް އެވަގުތު ބަލާލިއެވެ. އޭނައަށް ކިޔާންގެ މޫނުމަތިން ފެނުނު މަންޒަރުތަކާއިއެކު ޔޫހާގެ އަތުން ދޫކޮއްލަމުން ދުރަށް ޖެހިލި އެވެ.
"މަށަށް ދަރިފުޅުގެ ބައްޕަ ޔަގީންވާތީއެއްނު މިހާރު މިބުނަނީ މިދަރިފުޅުގެ ބައްޕައަކީ ޒައުލްއެއް ނޫނޭ" ޔޫހާ ނިތަށް ރޫއަރުވާލަމުން ބުނެލި އެވެ.
"ކިޔާން، ކޮއްކޮ ކޮޓަރި ކޮބާ؟" ޒައުލް މިފަހަރުވެސް ކިޔާން އާއި ވާހަކަދެއްކީ އޭނަ އާއި އެއްހަމައަކަށް ތިރިވެލާފައެވެ. އެހިނދު ކިޔާން ޔޫހާ ނިދާކޮޓަރި އާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮއްލަމުން އިޝާރާތްކޮއްލި އެވެ.
"ޒައުލް، ޒައުލް... ނުވަންނާތި، އަޑުއިވޭތަ އެބަ، ނުވަންނާށޭ... ޒައުލް..." ޔޫހާ މިހެން ބުނަމުން އޭނަގެ ފައިގާ އޮޅުލައިގަނެގެން ހުރި ކިޔާން ދުރުކޮއްލާފައި ޒައުލްގެ ފަހަތުން ހިނގައިގަތެވެ. ޒައުލް އޭނަގެ ބޮޑެތި ފިޔަވަޅުތަކުގައި ގޮސް ޔޫހާގެ ނިދާކޮޓަރީގެ ދޮރުގައި އަތްލިއިރު ދޮރުހުރީ ކުޑަކޮށް ހުޅުވިފައެވެ. އެހެންވެ ބަލަންނުހުރެ ދޮރުގައި އަތްތިލަ ޖައްސާލަމުން ކޮއްޕާލި އެވެ. ހުޅުވިގެން ދިޔަ ދޮރާއިއެކު އޭނަ އެތެރެއަށް ވަނެވެ. އެކޮޓަރީގައި ހުރި އެނދަށް އޭނަ ބަލާލިއެވެ. ރީތިކޮށް ތަންމަތިއަޅާ އޮމާން ކުރެވިފައިވެއެވެ. އެއީ ޔޫހާ ނިދާތަނަށް ވީތީ އިރުކޮޅަކު އެނދާއި ދިމާލަށް ބަލަހައްޓައިގެން ޒައުލްއަށް ހުރެވުނެވެ. ޔޫހާ ގޮވާލުމުން ސިހިފައި އެއްފަރާތުގައި ހުރި ރީތިވާ މޭޒުމަތި ހޯދަން ފެށިއެވެ.
"ޒައުލް، މިގޭން ނުކުމޭ، ހަމަ މިހާރު ނުކުމޭ، އެހެންނޫނީ..." ޔޫހާގެ ޖުމްލަ ފުރިހަމަ ނުވަނިސް ޒައުލް ވާހަކަ ދެއްކިއެވެ.
"އެހެންނޫނީ ކޯއްޗެއް... ބުނެބަލަ، އެހެންނޫނީ ކިހިނެއް ހަދާނީ" ކުއްލިއަކަށް ޔޫހާ އާއި ދިމާލަށް އެނބުރުނު ޒައުލް ބުނެލިއެވެ. އޭނަގެ އަޑުގައިވެސް މިހާރުވަނީ ރުޅިވެރިކަމުގެ އިޙްސާސް އެކުވެފައެވެ. އޭނަ ހޯދަނީ ކޯއްޗެއްކަމެއް ނޭގެއެވެ. ރީތިވާ މޭޒުމަތީ ހުރި ހުރިހާ އެއްޗެއް ބަލަމުންގޮސް ވަތްގަނޑުތައްވެސް ހުޅުވާ ބަލައިފިއެވެ.
"ކޯޗެއްތަ ތިހޯދަނީ، ޒައުލް އާއި ހެދި އަހަރެންގެ ދަރިފުޅު އެހަރަ ބިރުން ފިތްކަނޑައިގެންދަނީ، ހަމަ ތެދެއް މިބުނީ ތިކަން ނުހުއްޓައިފިއްޔާ އަހަރެން ދެންގުޅާނީ ފުލުހުންނަށް" ދޮރުކަނީގައި ދެ ލޯބޮޑުކޮއްގެން ބަލަން ހުރި ކިޔާންފެނި ޔޫހާ ބުނެލިއެވެ.
"އަހަރެން މިހެން އުޅެން ޖެހުނީ ޔޫހާގެ ސަބަބުން، ރީތިކޮށް އަހަރެން ބުނީމަ ޓެސްޓު ހެދޭނެގޮތް މަގުފަހިކޮއްދިންނަމަ މިހެނެއް ނުވާނެއެއްނު، މިވަރު އަހަރެން ކުރާތީވެސް ހިތްނުފުރެނީތަ؟ ބަލަ މިހިރަ ކުއްޖާއީ އަހަރެންގެ ދަރިއެއްކަން ޔަގީންކުރަން އަހަރެން ބޭނުންވީމަ ޔޫހާ އުފާކުރަންވީނު" ނިތްކުރިން ދާތިކިތަށް ފާޅުވަމުންދިޔަ ޒައުލް ބުނެލި އެވެ. އަދި ރުޅިގަނޑާއިއެކު ރީތިވާ މޭޒުމަތީގައި ހުރި ހުރިހާ އެއްޗެއް އަތުން ކަހާލި ކަހާލީނުން ޓައިލްސްތަކުގެ މައްޗަށް ވެރިގެންދިޔަ އަޑުގޮވައިގެން ދިޔައެވެ. ޔޫހާގެ އުފަންދުވަހު ޝާއިން އޭނައަށް ދިން ސެންޓުފުޅި ވެސް ވެއްޓުނު ގޮތަށް ފުނޑު ފުނޑުވީއެވެ. ޔޫހާ އަވަސްވެގަތީ ކިޔާންގެ ގާތަށް ދިއުމަށެވެ. އޭރު ދޮރުކަނީގައި ކުޑަކޮށް ފިލާހުރި ކިޔާންއަށް ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ. ޒައުލް ރުޅިކޮންޓްރޯލް ކުރަން މަސައްކަތްކުރި އެވެ. ކުޑަކުޑަ ކިޔާންގެ ރުއިމުގެ އަޑުން ޒައުލްއަށްވަނީ ހިމޭންކަން ވެރިވެފައެވެ. ޔޫހާ ކިޔާން އުރާލަމުން ދަރިފުޅު މަސަލަސް ކުރެވޭތޯ އުޅުނެވެ. ތަޅައިގެން ދިޔަ ސެންޓުފުޅީގެ ވަސް މުޅިކޮޓަރިއަށް ފެތުރިގެން ދިޔައެވެ. ޒައުލްއަށް އޭނަގެ ނިތުގައި އަތުން ހިފަހައްޓާލަމުން ލޯމަރާލާ ހަމަޖެހިލަން މަސައްކަތް ކުރިއެވެ. އޭނަ ހޯދަމުން ދިޔައީ ކިޔާންގެ ޑީއެންއޭ ނެގޭނޭފަދަ އެއްޗެކެވެ. އެހެންނަމަވެސް އެކަން ފަސޭހަ ކަމާއިއެކު ކާމިޔާބު ނުވުމުން އެކަމާ އޭނަ ހިތްހަމަ ނުޖެހުނީއެވެ.
ޔޫހާ އާއި ކިޔާންއަށް ބަލަން ހުރި ޒައުލް އިރުގަނޑެއްގައި ހިމޭނުން ހުރުމަށްފަހު އެގެއިން ނުކުމެއްޖެއެވެ. މީއަދި މިކަން ވާނެގޮތެއްނޫންކަން ޒައުލްއަށް ވިސްނުނީ ދެނެވެ. ކިޔާންގެ ކުރިމަތީގައި އެފަދަގޮތަކަށް ކަންތައް ކުރެވުމުން އޭނަގެ އަމިއްލަ ނަފްސު ކުއްވެރިކުރިއެވެ.

"ކުޑަސާހަބް..." ކާރުގެ ބޭރުގައި މަޑުކޮއްލައިގެން ހުރި ޖަމާލްއަށް ޒައުލް ފެނުމާއިއެކު ބުނެލެވުނެވެ. އޭނައަށް ޒައުލްގެ މޫނުމަތީގައިވާ އުދާސްކަން ދެނެގަނެވުނެވެ. އަވަސް އަވަހަށް ކާރުގެ ދޮރުފަތް ޒައުލްއަށް ހުޅުވާދީފައި އެކާރުގައި އޭނަގެ މަގާމުގައި އޭނަ އިށީނދެއްޖެއެވެ. އެއްވެސް ސުވާލެއް ކުރުމެއްނެތިއެވެ.
"ހިނގާ ހޮޓަލަށް" ޒައުލް ކުރެހިފައިވާ އަޑަކުން ބުނެލިއެވެ.

"މްމްމް... ހާދަ މީރުވަހެކޭ، އެކަމަކު ހާދަވަރަކަށް ސެންޓުޖަހާލައިގެން ތިއުޅެނީ، އައްދޭ އަފޫ ދައްތަ ކިޔާންއަށް މީނީ ކިހިނެއްވެފަ، ރޮވިފަތަ" ގެއަށްވަތް އަފްލީންއަށް ބުނެލެވުނެވެ. އެހެނީ ގެއަށް ވަތްތަނާހެން އެންމެ ފުރަތަމަވެސް އޭނަގެ ނޭފަތުގައި ޖެހުނީ ތަޅައިގެން ދިޔަ ސެންޓުފުޅީގެ ވަހެވެ. އެއަށްފަހު ސޯފައިގައި ތުންފިއްތަ ފިއްތާއިން ކިޔާންއެވެ. ލޮލުން ދެންމެ ކަރުނަ ހިކިފައިވާކަން ފެންނަން ހުއްޓެވެ.
"އޯ މައި ގޯޑް، ކިހިނެއް ހަދައިގެން ތިއުޅެނީ" ޔޫހާގެ ކޮޓަރި ދޮރުކުރިމައްޗަށް ހުއްޓުނު އަފްލީންއަށް ބުނެވުނެވެ.
"ވެއްޓުނީ، ދެން މިކަހަލަ އެއްޗެހި ވެއްޓުނީމަ ވާނީ މިހެންނެއްނު" ޔޫހާ ޓައިލްސްތައް ސާފުކުރަމުން ބުނެލިއެވެ.
"ކިހިނެއްވީ އަނެއްކާ ކޮންފަދަ ތޫފާނެއް އައި، ކިޔާންގެ އަތް އެހިސާބަށް ވެސް ފޯރަންފެށީތަ" އަފްލީން އަހާލިއެވެ.
"އުހޫ، މަގޭއަތުން ވެސް ވެއްޓިދާނެއެއްނު، ދެން ދޭ އަވަހަށް ޔޫނީފޯމް ބަދަލުކޮއް ފެންވަރާލައިގެން ކާން ނުކުންނަން، ޑިއުޓީއަށް ދާގަޑިވެސް ޖެހެނީ" ޔޫހާ އެއްކޮއްލި ބިއްލޫރިކޮޅުތައް ނަގަމުން ބުނެލިއެވެ.

"ހެލޯ، ދޮންތާ އަޅުގަނޑޭމީ، ބިޒީ ގަޑިއެއްތޯ" ޒައުލް ލޫލުއަށް ގުޅައިގެން ހުރެ ފޯނުންވާހަކަދެއްކިއެވެ.
"ނޫން، ބިޒީއޭ ބުނާވަރެއްނޫން، ވާހަކަ ދައްކާލެވިދާނެ، އީއްކޮގެ ކަންތަކާ ދޯ ތިގުޅީ، ދޮންތަ ހަވީރުން ތަންކޮޅެއް އަވަހަށް ދެވޭތޯ ބަލާނަމޭ" ލޫލުއާ ބުނެލިއެވެ.
"ނޫން، އަޅުގަނޑުގެ އަމިއްލަ ވާހަކައެއް ދައްކާލަންކަމަށް" ޒައުލް ބުނެލިއެވެ. އޭނަ މިހާރު އެހުރީ ޕާރކްވިއު ހޮޓެލްގެ އޭނައަށް ޚާއްޞަކުރެވިފައިވާ ކޮޓަރީގައެވެ.
"އޯކޭ، އަވަހަށް ބުނޭ" ލޫލުއާ ހައިރާންވިއެއްކަމަކު އެކަން ނުދައްކާވޭތޯ މަސައްކަތް ކުރަމުން ބުނެލިއެވެ.
"ޑީއެންއޭ އާއި ބެހޭގޮތުން އެއްޗެއް އޮޅުން ފިލުވާލަންވެގެން، ދޮންތަ އާއި ބައްދަލުކޮށް މިވާހަކަ ދައްކާލެވޭނެ ގޮތެއް ނުވާނެތަ، އިޓްސް ވެރީ އިމްޕޯޓެންޓް" ޒައުލް ބުނެލިއެވެ. އޭނަ ހުރީ ލޫލުއާ ބުނެފިނަމަ މިހާރުން މިހާރަށްވެސް ބައްދަލުކުރަން ނިންމައިގެންނެވެ. އަދި އެގޮތް ބޭނުންވެސް ވެފައެވެ. އެހެންނަމަވެސް ލޫލުއާ އެދުނީ ގާރޑަންވިއުއަށް ދާގަޑި ކިހިނެއްވާނެތޯއެވެ. އެގޮތް ޒައުލްއަކަށް ކަމަކު ނުދިޔައެވެ.
"ދެން އެހެންވީރު މިރޭގެ ކޮންމެވެސް ވަގުތެއް ކޮއްކޮ އަމިއްލައަށް ހަމަޖައްސަންވީނު، ދެން ދޮންތަ ބަލާއާދޭ، އޭރުން އެކަންވެސް ހައްލުވީނު" ލޫލުއާ ބުނެލިއެވެ.

"އަފޫ، ކިޔާން މިއަދު ލައްވަންވީ ޔުނީފޯމް އިސްތިރިކޮއްފަ ކުރިންވެސް އަޅުވާފަ އިންނަބައިގަ އިންނާނެ، ރުމާކޮޅުވެސް ޖީބަށް ލާފައިންނާނީ، ފެންފުޅިދޮވެފަ އިންނާނެ އައިސްއަލަމާރި ކައިރީ ތިރީކަބަޑުމަތީ ބަހައްޓާފަ، ދެން ދަނީ އެނގޭ، މަގޭދަރި ގޮވައިގެން އަފޫވެސް ބަލައިގެން އުޅޭތި... މިބުނީ ކޮޓަރި އެއޮތީ މަށަށް ސާފުކުރެވުނު އެންމެ ބޮޑަކަށް ސާފުކޮއްފަ އެހެންނަމަވެސް ވަރަށް ބިރުގަނޭ އަދިވެސް ތަޅައިގެން ދިޔަ ބިއްލޫރިކޮޅުތަކުގެ އަސަރު ހުރެދާނެތީ" ޔޫހާ އޭނަގެ ދަބަސް ދެވަނަ ފަހަރަށް ޗެކްކޮއްލަމުން ބުނެލިއެވެ.
"ހާސްނުވޭ، އަހަރެން މިހުރީނު... ދެންދޭ އަވަހަށް ޑިއުޓީއަށް، ގަޑިނުޖެހި ދެވޭނީ އޭރުން" އަފޫ ބުނެލިއެވެ.

ހަވީރުގެ ހިޔާޖެހިލިވަގުތެވެ. ޒައުލްގެ ކުރިއަށްހުރެ އީލާކް ހިނގަމުން ދިޔައީ ވަށައިގެން ނަޒަރު ހިންގަމުންނެވެ. އޭނަގެ ދެލޯ ބޮޑުވެ އަނގަހުޅުވިފައިވެއެވެ. މުޅި މޫނުމައްޗަށް އުޖާލާކަންވެރިވެފައިވަނީ އަޖައިބެއްފެނުމުން ހިނިތުންވެލާ އުސޫލުން އެމޫނަށް ވެރިވެފައިވާ ހިނިތުންވުމެވެ.
"ވާއު، ލޯބިކަން، އައި ލަވް ދިސް ޕްލޭސް، އިޓްސް ޓޯޓަލީ ލައިކްއަ ހެވަން" އީލާކް ފަހަތުގައި ހުރި ޒައުލްއަށް އެނބުރި ބަލާލަމުން ބުނެލިއެވެ.
"އައި ނޯ..." ޒައުލް ހިނިތުންވެލަމުން ބުނެލިއެވެ.
"އަޅެ ދޮންބޭ މިތަނުން މަލެއް ބިނދެލަންތަ، ޕްލީޒް، ދީސް ރޯޒާސް އާރ ސޯ ބިއުޓިފުލް" އީލާކް ގާޑަންވިއުގެ ފެންއަރުވާވަޑާންގެ ވަށައިގެން ހައްދާފައިހުރި ފިނިފެންމަލުގެ ބަގީޗާފެނި ބުނެލިއެވެ. އެހޮޓެލްގެ ނަންކިއިފައިވަނީ އެތަނުގެ ކޮންމެ ދިމާލަކުންވެސް ފެންނަން އޮންނަ އެކިމާމެލާމެލީގެ ޚާއްޞަ ބަގީޗާ އާއި ގުޅުވައިގެންނެވެ. ގިނައީ ފިނިފެންމަލުގެ އެކިކުލަތަކެވެ. ޒައުލް އީލާކް ގޮވައިގެން ގާރޑަންވިއުގެ ލޮބީއަށް ވަނެވެ. އޭރު އަދި އެއްވެސް ފަރުނީޗަރެއް އެތަނުގައި އެތުރިފައިނެތެވެ.
"ވަރަށް ކަމުދޭ، މިތަން ހަމަ ޕާރފެކްޓު، ދޮންބޭ ޔޫ އަރ ގްރޭޓް، އެކޮޅުން މިކޮޅަށް އަންނަ ގޮތަށް ހަދާނީ، އާ ދޮންބެ އަދި ވަރަށް މުހިއްމު އެއްވާހަކަ ބުނަން ހަނދާންނެތުނީއޭ" އީލާކް ލޮބީގެ އެއްފަރާތަށް އިޝާރާތްކޮއްލަމުން ބުނަމުންދިޔަ ވާހަކަ ބަދަލުކޮއްލިއެވެ.
"ކޮންވާހަކައެއް" ޒައުލް އަހާލިއެވެ. އޭނަ އީލާކް އާއި އެކު އުޅުނެއްކަމަކު އޭނަގެ ހިތާ ސިކުނޑިވަނީ އެހެން ދިމާލަކުއެވެ.
"އަޅުގަނޑާއިއެކު ޝޯގައި ނަހޫވެސް ބައިވެރިވާނެ، އަޅުގަނޑުމެން ދެމީހުންގެ ހެނދުންތައް ފެނިގެންދާނެ، ސޯ ޓައިމް ތަންކޮޅެއް ދިގުދެމިގެން ހިނގައިދާނެ" އީލާކް ދެބުމަ ހިއްލާލާފައި ބުނެލިއެވެ.
"އެހެންވީރު ކިހިނެއް ހަދަންވީ" ޒައުލް އަހާލިއެވެ.
"ސެވަންގަ ޝޯ ފަށާގޮތަށް ހަދާނީ، ބްރޯޝަރސްތަކެއްވެސް ބޭނުން ހަދަން، އަޅުގަނޑު ބޭނުން މިޑިޒައިންތައް ޝޯގައި ދައްކާލުމަށްފަހު އާމުންނަށް ލިބެން ހުންނާނެ ގޮތެއްވެސް ހަދަން، އެހެންވީމަ އަޅުގަނޑުގެ އަމިއްލަ ޑްރެސް ބުޓިކްއެއްވެސް ހުޅުވަން ގަސްދުކުރަން، އައިޑިއާ ރަނގަޅުތަ؟" އީލާކް ހީލާފައި އަހާލިއެވެ.
"ނައިސް، އީއްކޮއަށް ވަންޏާ ކުރަންވީ ހަމަ، ބައްޕަ އާއި މާމަ އާއި ތިހިޔާލު ބަދަލުކޮއްލުމުން ކަންނޭގެ ޢަމަލީ ސިފައެއްޖެހޭނެ ފުރުޞަތުބޮޑުވާނީ" ޒައުލްވެސް ހީލާފައި ބުނެލިއެވެ. އެވަގުތު ހާޒިމް އާއިއެކު އެތަނަށް ވަތް ލޫލުއާ އީލާކްއަށް ގޮވާލިއަޑަށް ޒައުލް އާއި އީލާކް އާއި ދެމީހުން އެނބުރި ބަލާލިއެވެ. ޒައުލްއަށް ހާޒިމްގެ ނަޒަރިއްޔާތު ލޫލުއާއިމެދު ތަފާތުވެފައިވާހެން ފުރަތަމަ ފަހަރަށް ހީވެގެން ދިޔައެވެ. އެހެނީ ލޫލުއާގެ އުނަގަނޑުން ނެއްޓިގެން ދިޔަ ހާޒިމްގެ އަތް ޒައުލްއަށް ވަރަށް ރަނގަޅަށް ފެނުނެވެ. ނިތަށް ރޫއެރިއެއްކަމަކު ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިކުރުވިއެވެ.

"ހާދަ ހާސްވެފަ...ކޮންކަމާ، މީހަކު ހޯދަނީތަ" ޔޫހާ އާއިއެކު ރިސެފްޝަނުގައި ޑިއުޓީއަށް އިން ރާއިދާ އަހާލިއެވެ. ޔޫހާ ދެފަރާތަށް ބޯހޫރުވާލީ ނޫނެކޭ ބުނުމަށެވެ. އެހެންނަމަވެސް އޭނަ ހޯދަމުން އެދަނީ ޒައުލްއެވެ.
"ޔޫހާ، ކިހިނެއްތަ" ޔޫހާ އިން ރިސެފްޝަންގެ ކައިރިއަށް ލިފްޓުން ނުކުތް ފައުޒީ ގާތްވެލަމުން ބުނެލިއެވެ. އަދި ރާއިދާއަށް ހިނިތުންވެލިއެވެ. ފައުޒީގެ އަޑުގައިވަނީ ރަޙުމަތްތެރި ގޮތެވެ.
"ގެއަށް ނުދާ ދަވަހަކީތޯ" ރާއިދާ އަހާލިއެވެ.
"ނޫން، ލޮގް ބަލާލަން މިއައީ، އެހެންނޫނަސް އަހަރުން ގެއަށް ނުގޮސް ކީއްކުރާނީ، މިތާކު ނުހުރޭވިއްޔަ ޑިއުޓީ ނިންމާފަ އަހަރުމެން ދާނެ ކޮޓަރިއެއްހާ ހިސާބެއްވެސް، އަހަރުމެންނަށްވެސް އެންމެ މަތީގަ އެހަރަ ކޮޓަރިތަކުން ކޮޓަރިއެއް ހުރިނަމަތާ..." ފައުޒީ މިހެން ބުނެލަމުން އޭނަ ކުރަން އައި ކަންތައް ކޮއްލާފައި ވަރަށް އަވަހަށް ގޮއްސިއެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު