އެކައުންޓިނގ ދާއިރާގެ ވަޒީފާތަކަށް ދިވެހީންނަށް އިސްކަން ދިނުމަށް ރައީސް އެދިވަޑައިގެންފި

އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލް މެންބަރުންނާ ރައީސް ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އެކައުންޓިންގ ދާއިރާގެ ވަޒީފާތަކަށް މީހުން ހޮވުމުގައި ދިވެހިންނަށް އިސްކަންދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

ރައީސް އެކަމަށް އެދިވަޑައިގަތީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލް މެންބަރުންނާ މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާގައެވެ.

އެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެކައުންޓިންގ ދާއިރާގެ ގާނޫނެއް ވުޖޫދު ކުރެވިފައި އޮތުމަކީ އެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

އަދި، މިހާރު ސާރުކާރުން ފޯރުކޮށްދޭ މަތީ ތައުލީމުގެ އެކިއެކި ޕްރޮގްރާމުތަކުގެ ތެރެއިން އެކައުންޓިންގ ދާއިރާއިން ތައުލީމުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން އެކައުންޓިންގ ދާއިރާގެ ވަޒީފާތަކަށް މީހުން ހޮވުމުގައި ވެސް ދިވެހިންނަށް އިސްކަންދިނުމަށް ރައީސް އެދިވަޑައިގެންކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގައި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ފަރާތުން ވަނީ އެ އިންސްޓިޓިއުޓް އުފެދުމަށްފަހު ރާއްޖޭގެ އެކައުންޓިންގ ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި އެ މަސައްކަތުގައި ދިމާވާ ދަތިތައް ރައީސްއާ ހިއްސާކުރައްވައިފައެވެ.

އަދި، ރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނާއެކު އެ ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ފަސޭހައާއި ކުރިއެރުން ލިބިފައިވާކަން ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް