އަބްދުﷲ ގާޒީގެ މައްސަލައިގައި ފަސީހާއި ޖަލީލު ކޯޓް ހާޒިރުވާން ނެރުނު އަމުރު ހައިކޯޓުން ފަސްކޮށްފި

މީގެ ހަފުތާއެއް ކުރިން ސިފައިން ހައްޔަރުކޮށް ގިރިފުށީގައި ބަހައްޓާފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ އަބްދުﷲ މުހައްމަދުގެ ވަކީލުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުމެއް މިއަދު އެ ކޯޓްގައ ބާއްވަން ޝެޑިއުލްކޮށްފައިވާއިރު އެ މައްސަލައާ ގުޅިގެން ފުލުސް ކޮމިޝަނަރު އަހުމަދު ފަސީހާއި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް މިއަދު 3:00 ޖަހާއިރަށް އެ ކޯޓަށް ހާޒިރުވާން ފޮނުވި އަމުރު ދައުލަތުން ހައިކޯޓްގައި އިސްތިއުނާފު ކުރުމުން އެ ދެ އަމުރު ވެސް ފަސްކޮށްފި އެވެ.

ބަންޑާރަ ނައިބު އޮފީހުގެ އިސްވެރިޔަކު ވިދާޅުވީ ކްރިމިނަލް ކޯޓުން ޗިޓް ފޮނުވާފައި ވަނީ ފުލުސް ކޮމިޝަނަރު އަހުމަދު ފަސީހާއި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު ކޯޓަށް މިއަދު ހާޒިރުވެ ވަޑައިގަތުމަށް ކަމަށާއި ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރުމުން ކޮމިޝަނާ ފަސީހު ހާޒިރުކުރުން ފަސްކުރުމުގެ އަމުރެއް ހައިކޯޓުން މިއަދު ނެރެފައިވާ ކަމަށެވެ.

ހައިކޯޓުން ނެރުނު ދެ އަމުރުގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓްގައި ހިންގަމުންދާ މައްސަލައާ ގުޅިގެން އެ ދެބޭފުޅުން ހާޒިރުވާން އަންގާފައިވާ އަމުރު ބާތިލުކޮށްދެއްވުމަށް ދައުލަތުން އެދިފައިވާތީ އެ މައްސަލައާމެދު ހައިކޯޓުން ވަކި ގޮތެއް ކަނޑައެޅެންދެން ކްރިމިނަލް ކޯޓްގެ ދެ އަމުރު ފަސް ކުރީ ކަމަށެވެ.

ފަސީހާއި ޖަލީލް ހާޒިރު ކުރުން ފަސް ކުރުމުގެ އަމުރު ނެރެފައިވާއިރު އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ބަންދާބެހޭ ގޮތުން ގޮތެއް ނިންމަން އޭނާގެ ވަކީލުން މައްސަލަ ހުށަހަޅާފައިވާތީ އެ މައްސަލައިގެ އަޑު އެހުމެއް މިއަދު 3:00 ޖަހާއިރަށް ކްރިމިނަލް ކޯޓުގައި ބާއްވަން ވަނީ ޝެޑިއުލް ކޮށް އިސް ގާޒީ އެގަޑިއަށް ހާޒިރު ކުރުމަށް ސިފައިންނަށް އަމުރު ފޮނުވާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު