ސިޔާސީ ހަރަކާތުގައި ބައިވެރިވާތީ އަޅުގަނޑު ވަޒީފާއިން ވަކިކުރަން ދަނީ މަސައްކަތް ކުރަމުން: އަބްދުﷲ މުހައްމަދު

މަދަނީ އިއްތިހާދުގެ ނައިބް ރައީސް އަބްދުﷲ މުހައްމަދު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނަވާތީ، އަރަބިއްޔާ ސްކޫލްގައި އޭނާ އަދާކުރައްވަމުން ގެންދަވާ ސިވިލް ސާވިސްގެ ވަޒީފާއިން ވަކިކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަރަބިއްޔާ ސްކޫލްގެ ގްރޭޑް 7 ން 9 އަކަށް ކިޔަވާދެއްވަމުން ގެންދަވާ އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީތަކާއި މަދަނީ އިއްތިހާދު ގުޅިގެން 23 ޑިސެންބަރުގައި މާލޭގައި ބޭއްވި ބޮޑު މުޒަހަރާގައި އޭނާ އަމަލުކޮށްފައި ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ " ކޯޑްއޮފް ކޮންޑަކްޓް" އާއި ހިލާފަށް ކަމަށް އެޑިއުކޭޝަނުން ބުނާ ކަމަށެވެ. އަދި އޭނާއާމެދު ފިޔަވަޅު އަޅައިދިނުމަށް އެދި އެޑިއުކޭޝަނުން އަރަބިއްޔާ ސްކޫލަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެކަމަކު ހިލާފުވެފައިވަނީ ކޯޑް އޮފް ކޮންޑަކްޓްގެ ކޮން މާއްދާއަކަށްކަން އެސިޓީގައި ބުނެފައި ނުވާ ކަމަށެވެ. ސިޓީއާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަދި އާޅާފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

"ސިޔާސީ ބޭފުޅުންނާއެކު ޓޯކް ޝޯތަކަށާއި ޕޯޑިއަމްތަކަށް އަރާ ވާހަކަ ދެއްކުމަކީ ހެޔޮ އެދޭ ފަރާތެއްގެ ހައިސިއްޔަތުން ތިމަންނައަށް ފެންނަ ކަމެއް ނޫން ކަމަށް އެޑިއުކޭޝަންގެ ސިޓީއާ ގުޅިގެން ސްކޫލްގެ ވެރިޔާ ފޮނުއްވި ސިޓީއެއްގައި ވަނީ އެދިވަޑައިގެންފައި،" އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ.

އަބްދުﷲ މުހައްމަދު އަދި ވިދާޅުވީ އިއްޔެ އޭނާ ހުންނެވީ ސަލާމުގައި ކަމަށާއި ނަމަވެސް އިއްޔެގެ ވަގުތެއްގައި އަރަބިއްޔާއަށް އެޑިއުކޭޝަންގެ އިސް ބޭފުޅަކު ވަޑައިގެން އޭނާގެ ހާޒިރީ ބައްލަވާފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މިއަދު އޭނާ ސްކޫލަށް ވަޑައިގަތުމުން މަދަނީ އިއްތިހާދުގެ ނައިބު ރައީސްގެ ހައިސިއްޔަތުން މިދިއަ ބުރާސްފަތި ދުވަހު ޕްރެސް ކޮންފަރެންސްއެއްގައި ބައިވެރިވެވަޑައިގެންފައިވާތީއާ ސްކޫލަށް ނުކުމެވަޑައިނުގަންނަވާ ދުވަސްތަކުގެ ގަޑި ނަގަން ޖެހޭތީ އެހެން ޓީޗަރުން ޝަކުވާކުރާ ކަމަށް ބުނެ އެކަންކަން އިސްލާހު ކުރަން އަންގާފައިވާ ކަމަށެވެ.

އަބްދުﷲ މުހައްމަދު ވިދާޅުވީ އޭނާ ވަޒީފާ އަދާ ކުރައްވަނީ ހެނދުނު ގަޑީގައި ކަމަށާއި ޕްރެސްގައި ބައިވެރިވެވަޑައިގަތީ ރަސްމީ ގަޑީގައި ނޫން ކަމަށެވެ. އަދި ވިދާޅުވީ އަރަބިއްޔާގެ ވަޒީފާއިން އޭނާ ވަކިކުރަން މިނިސްޓްރީން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަޑައިގެންފައިވާ ކަމަށާއި ވަޒީފާއިން ވަކިކުރެއްވި ނަމަވެސް ހައްގަށްޓަކައި ކުރައްވާ މަސައްކަތްތައް ހުއްޓާ ނުލައްވާނެ ކަމަށެވެ.

" އެމްޑީޕީގެ ވަރަށް އިސް ދެ ބޭފުޅަކު ވަނީ އަޅުގަނޑަށް ޔަގީން ކޮށްދެއްވާފައި އެބޭފުޅުން ތިއްބެވި މަޖިލީހެއްގައި އަޅުގަނޑު ވަޒީފާއިން ވަކިކުރުމުގެ ވާހަކަ ދައްކާފައިވާކަން. އަދި އެދެ ބޭފުޅުން ވިދާޅުވި މިފަހަރު އަޅުގަނޑު ވަކިކުރާނެއޭ، އެގޮތަށް ނިންމާފައޭ އޮތީ... ނަމަވެސް ވަޒީފާއިން ވަކިކުރުމަކީ އަޅުގަނޑަށް އާ ކަމެއް ނޫން. ކުރީގެ ސަރުކާރުގައި ވެސް ވެރިންގެ ސިޔާސަތަށް ފާޑުކިޔައިގެން އަޅުގަނޑު އޭރު ހުރި ވަޒީފާއިން ވަނީ ވަކިކޮށްފައި،" އަބްދުﷲ ވިދާޅުވި އެވެ.

އެޑިއުކޭޝަންގެ އެކްޓިން ޕާމަނަންޓް ސެކެޓްރީ މުހައްމަދު ސައީދު މިއަދު ވިދާޅުވީ ސިޔާސީ ހަރާކާތެއްގައި ބައިވެރިވެގެން އަބްދުﷲ މުހައްމަދަށް އެއްވެސް ނަސޭހަތެއް އެޑިއުކޭޝަނުން ދީފައިނުވާ ކަމަށާއި އަދި ވަޒީފާއިން ވަކިކުރަން އުޅޭ ކަމުގެ މައުލޫމާތެއް ވެސް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

"ސިޔާސީ ހަރަކާތްތަކާ ގުޅިގެން އެބޭފުޅާއާ ދޭތެރޭގައި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނޯންނާނެ. ނަމަވެސް އޮފީސް ގަޑީގައި އިތުރު ކަމެއް ކުރާނަމަ ސިވިލް ސާވިސްގެ ގަވާއިދުން ވިޔަވަޅު އަޅާނެ. އެކަން އެނގޭނީ އެ ސްކޫލަކަށް އަދި އެފިޔަވަޅެއް އަޅާނީ ވެސް އެ ސްކޫލަކުން،" ސަޢީދު ވިދާޅުވި އެވެ.

އަރަބިއްޔާގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އަބްދުﷲ ވަނީ ތައުލީމީ ދާއިރާގައި 16 އަހަރު އަދި ސަރުކާރުގައި 12 އަހަރު ހޭދަކުރައްވާފަ އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު