ހޯރަފުށީ ދަތުރުތަކުގެ ޑިމާންޑުބޮޑުވެ އިތުރު ދަތުރެއް

މޯލްޑިވިއަންގެ ފްލައިޓެއް ހޯރަފުށީ އެއާޕޯޓުގައި ---- ފޮޓޯ: ރައީސް އޮފީސް

ހޯރަފުށީ އެއާޕޯޓަށް މި މަހުގެ ތެރޭ ކުރަން ނިންމި ދަތުރަށް ޑިމާންޑު ބޮޑުވެ، މި މަހުގެ ތެރޭ އިތުރު ދަތުރެއް ބާއްވަން ނިންމައިފިއެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަން އިން މީގެ ކުރިން ނިންމާފައި އޮތީ ހޯރަފުށީ އެއާޕޯޓަށް މިމަހުގެ 26 ގައި ފުރަތަމަ ޝެޑިއުލް ދަތުރު ކުރުމަށެވެ. އެ ދަތުރަށް އޮތް ޑިމާންޑު ބޮޑުވެ މިމަހުގެ 28 ގައި އިތުރު ދަތުރެއް ބާއްވަން ނިންމާފައިވާ ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަންގެ ހޯރަފުށީ ދަތުރުގެ އަގު އުޅެނީ މާލެ- ހޯރަފުށި އެއްކޮޅު ޓިކެޓު 1،113 ރުފިޔާ އަށެވެ.

މޯލްޑިވިއަން އިން ނިންމާފައިވަނީ އަންނަ މަހުން ފެށިގެން ހޯރަފުއްޓަށް ހަފްތާއަކު ތިން ދަތުރު ބޭއްވުމަށެވެ.

މި ސަރުކާރުން ތަރައްގީ ކުރި ފުރަތަމަ އެއާޕޯޓު، ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

އެމްޓީސީސީ އާއި ހަވާލުކޮށްގެން ތަރައްގީ ކުރި އެ އެއާޕޯޓަކީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކު ތަރައްގީ ކުރި އެއާޕޯޓެކެވެ.

އެއާޕޯޓު އެޅުމަށް ހޯރަފުށީ ފަޅުން 345،000 އަކަ މީޓަރުގެ ސަރަހައްދެއް ވަނީ ހިއްކައިފަ އެވެ.

comment ކޮމެންޓް