ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅޭ ގޮތުން އިދިކޮޅުފަރާތްތަކުން ބޭރުދުނިޔެ އަށް ދޮގު މައުލޫމާތުތައް ދޭ ކަމަށާއި އެފަދަ ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ފޮރިން މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަސީމު ވިދާޅުވީ އިދިކޮޅުފަރާތްތަކުން ބޭރުގެ އެކި އެކި ފަރާތްތަކުން ވަރަށް ގިނަ ދޮގު މައުލޫމާތުދޭ ކަމަށާއި މިހާރު ހިނގަމުންދާ ކަންތައްތަކުގައި ސަރުކާރުން ހުދުމުހުތާރު ގޮތަކަށް ކަންތައް ކުރާ ކަމަށް ދީފައިވާ މައުލޫމާތަކީ އެފަދަ ދޮގު މައުލޫމާތެއް ކަމަށެވެ.
"ވަރަށް ގިނަ މައުލޫމާތުތަކެއް އެބަހުރި ]ދީފައި[. އެންމެ ކުޑަގޮތެއްގައި ދިވެހި ރާއްޖޭގައި މިހާރު އަމަލުކުރަމުން މިގެންދާ ގޮތްތަކަކީ ހުދުމުހުތާރު ގޮތްތަކެއް ކަމަށް ވިދާޅުވޭ. އެއީ ކަނޑައެޅިގެން ދޮގެއް. ހުދުމުހުތާރު ގޮތަކަށް ދިވެހި ރާއްޖޭގެ ސަރުކާރަކުން އަމަލެއް ނުކުރޭ އެއްގޮތަކަށް ވެސް. އެއީ އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އެގޮތަށް ހަމަ އަޅުއްވާކަށް އެޖާގައެއް ނުވެސް އޮންނާނެ. އަޅުގަނޑުމެންގެ އަތުގައި އެބަހުރި ބައެއް ޑޮކިއުމެންޓްރީތައް ވެސް، ދޮގުމައުލޫމާތު ފެތުރުމާ ބެހޭ ގޮތުން ބައެއް ބޭފުޅުންނާ ދޭތެރޭ ސަރުކާރުން ފިޔަވަޅު ވެސް އަޅާނަން،" މިނިސްޓަރު ނަސީމު ވިދާޅުވި އެވެ.
ނަސީމު އަދި ވިދާޅުވީ ދޮގުމައުލޫމާތު ފެތުރުމަކީ އިންސާފެއް ވެސް ނޫން ކަމަށާއި އެއީ ގަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އިދިކޮޅުފަރާތްތަކުން ފަތުރާ މައުލޫމާތު ބޭރުގެ ފަރާތްތަކުން ގަބޫލު ވެސް ނުރާ ކަމަށާއި މިހާރު ހިނގާ ކަންތައްތަކާ ބެހޭ ގޮތުން ބޭރުގެ ސަރުކާރުތަކުން ސުވާލެއް ނާންނަނީ ވެސް އެހެންވެ ކަމަށެވެ.
ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ނަސީމު ވިދާޅުވީ ރާއްޖެއައި ޔޫރަޕިއަން ޔޫނިއަންގެ ވަފުދުން ވެސް އަދި ޖަޕާނުގެ ތާޑް ސެކްރެޓަރީ ވެސް ސަރުކާރާ މަޝްވަރާ ކުރައްވާފައި ނުވާ ކަމަށެވެ. އަދި ޖަޕާނުގެ ތާޑް ސެކްރެޓަރީ ދެއްކެވި ވާހަކަތަކާ މެދު ޖަޕާނު ސަރުކާރުން ވެސް ހައިރާންވާ ކަމަށެވެ.
"އަޅުގަނޑު މިތާނގައި ނެތީސް ތިޔަ ކަންތައްތަކެއް ހިނގާފައި ތިޔަ އޮތީ. ދެން ޖަޕާނުގެ ހާރިޖީން ވުޒާރާ އިން ޖަޕާނުގެ ތާޑް ސެކްރެޓަރީ މިތާނގައި ދެއްކި ވާހަކަތަކުން އެމީހުން ވެސް ތިބީ ހައިރާންވެފައި." ނަސީމު ވިދާޅުވި އެވެ.
މިނިސްޓަރު އަދި ވިދާޅުވީ ރާއްޖޭގައި މިހާރު ހިނގަމުން މިދާ ކަންތައްތަކާ ބެހޭ ގޮތުން ޔޫރަޕިއަން ޔޫނިއަން އިން ނެރުނު ބަޔާނަކީ ވަރަށް ހަމަހަމަ ބަޔާނެއް ކަމަށެވެ.
ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ބެހޭ ގޮތުން ރާއްޖެ އާއި ޑިޕްލޮމެޓިކް ގުޅުން އޮންނަ ގައުމުތަކަށް ސަރުކާރުން މައުލޫމާތު ދީފައި ވާނެ ކަމަށެވެ.