ކުޑަކުދިންނަށް ކުރިމަތިވާ އެކި މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގައި އެ ކުދިންގެ ހިޔާލާއި ބައިވެރިވުން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.
ފަޒްނާ އެހެން ވިދާޅުވީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އޮންލައިންކޮށް ބޭއްވި، ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގައި އެ ކުދިންގެ ބައިވެރިވުން ހޯދުމާ ގުޅޭ ކޮންސަލްޓޭޝަން ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ކުޑަކުދިންނަށް ދިމާވާ މައްސަލަތަކާމެދު، ވާހަކަ ދައްކައި، ވަކާލާތުކުރުމުގެ ފުރުސަތު އެ ކުދިންނަށް ލިއްބައިދިނުމަކީ މުޅި މުޖުތަމައުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.
މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަސްޓްލޭޑީ ވަނީ، އެ ރަސްމިއްޔާތުގައި ދަރިވަރުން ހުށަހަޅައިދިން ޕްރެޒެންޓޭޝަނާއި، ދިން މައުލޫމާތުގެ ފުރިހަމަކަށް ފާހަގަކުރައްވައި، އެ ކުދިންނަށް ތައުރީފު ކުރައްވާފައެވެ.
އަދި، ޕްރެޒެންޓޭޝަންގައި ހުށަހަޅާފައިވާ މައުލޫމާތުގެ މައްޗަށް އަލިއަޅުއްވައިލައްވާ ވާހަކަ ދައްކަވަމުން ފަސްޓްލޭޑީ ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށްދޭ ގާނޫނުތަކާއި ގަވާއިދުތަކަށް އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރަން ޖެހޭކަމަށެވެ.
އޭގެ އިތުރުން، އެ ރޮނގުން އިތުރު ކުރިއެރުންތައް ހޯދަން މައިންބަފައިންނާއި ބެލެނިވެރިންނަށް ހާއްސަކޮށްގެން ސްކިލް މެނޭޖްމަންޓް ޕްރޮގްރާމްތައް ހިންގަންޖެހޭ ކަމަށާއި، ސަޕޯޓް ގްރޫޕް ފަދަ ވަސީލަތްތަކުގެ ބޭނުން ހިފުމުގެ މުހިންމުކަން ވެސް ފަޒްނާ ފާހަގަކުރެއްވިއެވެ. އަދި މާދަމާ އަމަލުކުރަން ފަށާ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ މައްޗަށް ވެސް އަލިއަޅުއްވައިލެއްވިއެވެ.
މިއަދު ބޭއްވި ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފަޒްނާ ވަނީ، އެފަދަ ޕްރޮގްރާމްތަކުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ކުޑަކުދިންނަށް ގޮވައިލައްވާ، އެ ކުދިންގެ ހައްގުތަކުގެ ދިފާއުގައި ވާހަކަ ދައްކައި އަޑު އުފުލުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.
އަދި، ކޮންމެ ހައްގަކާއެކު ޒިންމާތަކެއް ވެސް އެކުދިންގެ ކޮނޑުގައި އެޅޭކަން ހަނދުމަކޮށްދެއްވާ، އެ ޒިންމާތަކަށް އެންމެ ފުރިހަމަ ގޮތުގައި އިހްތިރާމު ކުރުމަށް ވެސް ކުޑަކުދިންނަށް ގޮވައިލެއްވިއެވެ.
މިއަދު ބޭއްވި ކޮންސަލްޓޭޝަން ޕްރޮގްރާމަކީ އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ޔުނިސެފް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ، ކުޑަކުދިންނަށް ކުރާ އަނިޔާއާއި ގުޅޭގޮތުން އެކުދިންގެ ހިޔާލު ހޯދައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެކުދިންގެ ބައިވެރިވުމާއި ހިޔާލު ހޯދައި، އެކަންކަމާމެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.