ރެހެންދި އެވޯޑް ހަތް އަންހެނަކަށް، މީޑިއާގެ ތިން ބޭފުޅެއް

މިއަހަރުގެ ރެހެންދި އެވޯޑް ލިބިފައިވާ ފަރާތްތައް ---

މުޖުތަމައަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލުންގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދޭ ރެހެންދި އެވޯޑު މިއަހަރު ހަތް ފަރާތަކަށް ދީފި އެވެ.

ޖެންޑާ މިނިސްޓްރީއިން ދެމުން އަންނަ ރެހެންދި އެވޯޑަށް މިއަހަރު ހަތް ބޭފުޅުން ހޮވިފައިވަނީ ޖުމްލަ ދެ ދާއިރާއަކުންނެވެ. އެއީ އިޖުތިމާއީ ދާއިރާ އާއި އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ އެވެ. އިޖުތިމާއީ ދާއިރާއިން ދެ ފަރާތަކަށް އެވޯޑު ލިބުނުއިރު ދާއިރާއަށް ހިދުމަތްކޮށްދިނުގެ ބައިން ފަސް ފަރާތަކަށް ވަނީ އެވޯޑު ލިބިފަ އެވެ.

އިޖުތިމާއީ ދާއިރާއިން

  • ފާތިމަތު އިބްރާހިމް، ކާނިމާގެ، ޅ.ހިންނަވަރު
  • މަރްޔަމް ޝުނާނާ، ހ.ވެލަސްފަރުގެ

އަދާކުރާ ވަޒީފާގެ ރޮގުން

  • އާމިނަތު އަމީނާ ހަނދުވަރީގެ، ލ.ކުނަހަންދޫ
  • ޝިފްޒާ މުސްތަފާ އާސާނު، ޏ.ފުވައްމުލައް
  • އާއިޝަތު ހުސައިން މަނިކު، ހ.ރީނދޫކޮކާގެ
  • ހައްވާ ލަތީފް، ހުޅުމާލެ ފްލެޓް 10-3-01
  • މިންހާ ފާއިޒު ރަޝާދު، ހުޅުމާލެ ފްލެޓް 99-1-02

މިބޭފުޅުންގެ ތެރެއިން އާމިނަތު އަމީނާއަކީ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު މިހާރު ބްރޮޑްކާސްޓިން ކޮމިޝަންގެ މެންބަރެކެވެ. އަދި ޝިފްޒާ މުސްތޮފާއަކީ ނޫސްވެރިއެއްގެ އިތުރަށް މޯލްމީޑިއާ ކައުންސިލްގެ މެންބަރެކެވެ. މިންހާ ފާއިޒަކީ އޮންލައިން ނޫސް ވަން އޮންލައިންގެ ޗެއާޕާސަން އެވެ.

ކޮންމެ އަހަރެއްގެ އަންހެނުންގެ ދުވަހުގައި ބާއްވާ ހާއްސަ ހަފްލާގައި ދެމުން އަންނަ އެ އެވޯޑު މިއަހަރު ވަނީ ކޮވިޑް-19 އާ ގުޅިގެން ފަސްކޮށްފަ އެވެ.

ރެހެންދި އެވޯޑަކީ މުޖުތަމަ އާއި ގައުމުގެ ތަރައްގީއަށާއި ލާބައާއި މަންފާ ލިބޭ ފަދަ އަގުހުރި ހިދުމަތްތައް ކޮށްދީފައިވާ އަންހެނުންނަށް، 2014 ވަނަ އަހަރުން ފެށިގެން ދޭ ހާއްސަ އެވޯޑެކެވެ.

comment ކޮމެންޓް