ހއ. ހޯރަފުށީގައި ތަރައްގީކުރި އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެރަށަށް ވަޑައިގެންފި އެވެ.
މިއީ ރާއްޖޭގައި ކޮވިޑު ފެތުރެން ފެށިފަހުން މިވީ ގާތްގަނޑަކަށް ނުވަ މަހެއްހާ ދުވަހުގެ ތެރޭގައި ރައީސް ސޯލިހު ރަށަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ހޯރަފުށިން ރައީސް ސޯލިހަށް މަރުހަބާ ދެންނެވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުންނެވެ. ރައީސްގެ މި ދަތުރުފުޅުގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވެސް ވަނީ ބައިވެރިވެވަޑައިގެންނެވި އެވެ.
ހޯރަފުށީގައި އެއާޕޯޓު ހުޅުވުމަށްޓަކައި މިއަދު ހަވީރު 4:00 ޖަހާއިރު އެ ރަށުގައި ހާއްސަ ރަސްމިއްޔާތެއް އޮންނާނެ އެވެ.
އެއާޕޯޓު ހުޅުވުމުގެ ކުރިން މި މަހުގެ 16 ވަނަ ދުވަހު އެ އެއާޕޯޓަށް މޯލްޑިވިއަންގެ ޓެސްޓް ފްލައިޓެއް ވެސް ވަނީ ޖައްސައިފަ އެވެ.
ހޯރަފުށީގައި އެއާޕޯޓު ތަރައްގީ ކޮށްފައި ވަނީ އެމްޓީސީސީ އާ ހަވާލުކޮށްގެންނެވެ. މިއީ މި ސަރުކާރުން ކުރިއަށް ގެންގޮސް، ނިންމައިލި ފުރަތަމަ ބޮޑު މަޝްރޫއެވެ.
އެ އެއާޕޯޓު ތަރައްގީ ކޮށްފައި ވަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކު އެވެ.
ކުރީ ސަރުކާރުން ހއ. މާފިނޮޅުގައި ތަރައްގީ ކުރަން ނިންމި އެއާޕޯޓު ހޯރަފުށީގައި އެޅުމަށް ނިންމީ މި ސަރުކާރުންނެވެ. އެއާޕޯޓު އެޅުމަށް ހޯރަފުށީ ފަޅުން 345،000 އަކަ މީޓަރުގެ ސަރަހައްދެއް ވަނީ ހިއްކައިފަ އެވެ.