ދަނޑުވެރިކަމަށް ދޫކުރާ ރަށްތަކުގެ ޕްރީބިޑް މީޓިން ދެ ވަނަ ފަހަރަށް ލަސްކޮށްފި

ދަނޑުވެރިކަމަށް ދޫކުރަން ނިންމާފައިވާ ބ. މާއްޑޫ

ދަނޑުވެރިކަމަށް ދޫކުރަން އިއުލާންކޮށްފައިވާ ރަށްތަކަށް ބިޑް ހުށަހެޅުމަށް އިއުލާންކޮށްފައިވާ ތާރީހު ދެެވަނަ ފަހަރަށް ލަސްކުރުމާ ގުޅިގެން ބިޑްފޮތް ގަނެފައިވާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، ފުރަތަމަ ބުރުގައި ކުއްޔަށް ދޫކުރާ ހަ ރަށެއް ސަރުކާރުން އިއުލާނުކުރީ މިދިޔަ އޮކްޓޫބަރު މަހުގެ އަށްވަނަ ދުވަހު އެވެ. އެއީ؛

  • ހއ. މަޑުލު
  • ށ. ކަކާއެރިޔަދޫ
  • ށ. ނެޔޮ
  • ނ. ތޮޅެންދޫ
  • ބ. މާއްޑޫ
  • ގދ. އޮއިނިގިއްލާ

ބީލަން ފޮތް ވިއްކަން ހަމަޖައްސާފައި އޮތީ ނޮވެމްބަރު ފަސްވަނަ ދުވަހާ ހަމައަށެވެ. އަދި އެރަށްރަށުގެ ބީލަން ކަރުދާހާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިން ބާއްވާނެ ތާރީހުގެ ގޮތުގައި ބީލަން ކަރުދާހުގައި އޮތީ ނޮވެންބަރު 17ވަނަ ދުވަހެވެ.

ނަމަވެސް އޭގެ ފަހުން ދެފަހަރެއްގެ މަތިން އެ ބައްދަލުވުން ބާއްވާ ތާރީހުވަނީ ފަސްކޮށްފަ އެވެ. ފުރަތަމަ ފަސްކުރީ ނޮވެމްބަރު 19 އަށެވެ. އަދި އިއްޔެ ކުރި އިއުލާނެއްގައި މި މަހުގެ 25 ވަނަ ދުވަހަށް މީޓިން ވަނީ ފަސްކޮށްފަ އެވެ.

"ސަން"އާ ވާހަކަދެއްކި، ބިޑު ފޮތް ގަނެފައިވާ މީހަކު ބުނީ މިގޮތަށް ތާރީހު ފަސްކުރާތީ ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

"މުއްދަތު ކައިރިވެފައި އޮއްވާ މީޓިން ފަސްކުރުމަކީ ދެރަކަމެއް. ޕްރީބިޑް މީޓީންއަށް ފަހު ރަށްރަށަށް ދެވޭ ގޮތަށް ހުއްދަ ދީފައި އޮތީ. އެހެންވެ ބޭރުގެ އެކްސްޕާޓުންގެ ޓީމުތައް ވެސް ރާއްޖެއަށް އަންނަން ބުކިން ހަދައިގެން ތިބީ. މެލޭޝިއާ، ސިންގަޕޫރު ފަދަ ގައުމުތަކުގައި ތިބޭ މީހުންނަށް ވެސް ރާއްޖެއަށް އާދެވެނީ ދުބާއީއަށް ގޮއްސައި،" އޭނާ ބުންޏެވެ.

އޭނާ ސިފަކުރީ ފަޅުރަށް ދޫކުރުމުގެ އެންމެ ފުރަތަމަ މަރުހަލާތަކުގައި މިގޮތަށް ލަސްތަކެއް ދިމާވުމަކީ ސަރުކާރުގެ ބަލިކަށިކަމާއި ނާގާބިލުކަން ހާމަވާކަމެއްގެ ގޮތުގަ އެވެ.

ސަރުކާރުގެ ވުޒާރާއަކުން މިގޮތަށް ޓެންޑާ ކުރުމަށްފަހު ދެތިން ފަހަރަށް ތާރީހުތައް ފަސްކުރުމަކީ މީހުންގެ އިތުބާރު ގެއްލޭނެކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ފުރަތަމަ ބުރުގައި ހަ ރަށެއް އިއުލާނުކޮށްފައިވާއިރު، ފިޝަރީޒް މިނިސްޓްރީން ބުނީ މި ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގެ މަގުސަދަކީ ރާއްޖޭގައި ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަން ޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދިނުން ކަމަށެވެ.

އޭގެ އިތުރުން، ކޯލި (ޕޯލްޓްރީ) އާއި ބަކަރި ގެންގުޅުމާއި ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ވެސް އިތުރުކުރުން ކަމަށެވެ.

މިރަށްތަކަށް ދައްކަން ޖެހޭ އަހަރީ ފީގެ ގޮތުގައި ހަމަޖައްސާފައި ވަނީ އަކަފޫޓަކަށް 10 ލާރި އެވެ.

comment ކޮމެންޓް