ޗައިނާގެ އިތުރު ވެކްސިންްއަކަށް ވަގުތީ ހުއްދައެއް ދެވޭ ވަރުވެއްޖެ

ބެއިޖިން (ނޮވެމްބަރު 19): ޗައިނާއިން ޓެސްޓު ކުރަމުންދާ ކޮވިޑް ވެކްސިންތަކުގެ ތެރެއިން އިތުރު ވެކްސިންއަކަށް ވަގުތީ ހުއްދައެއް ލިބޭ ވަރުވެއްޖެ ކަމަށް އެ ޓެސްޓުތައް ކުރިއަށްގެންދާ ސައިންސުވެރިން ބުނެފި އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ބޭނުން ކުރެވިދާނެ ވެކްސިންއެއް ހޯދުމުގެ މަސައްކަތް އެކި ގައުމުތަކުގައި މިހާރު ކުރިއަށްގެންދާ އިރު، ވެކްސިން ޓެސްޓު ކުރުމުގެ އެންމެ ފަހު މަރުހަލާތަކުގައި ޗައިނާގެ ހަތަރު ވެކްސިންއެއް ދަނީ ޓެސްޓު ކުރަމުންނެވެ. އޭގެ ތެރޭގައި ޗައިނާގެ ސައިނޯވެކް ބަޔޯޓިކް ކުންފުނިން އުފެއްދި ވެކްސިންއެއް ހިމެނެ އެވެ.

ސައިނޯވެކް ވެކްސިންގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ޓެސްޓުތަކުގެ ނަތީޖާ މިހާރު ވަނީ ދަ ލާންސެޓް ޖާނަލްގައި ޝާއިއުކޮށްފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި 144 މީހުން ބައިވެރިވި އިރު ދެވަނަ ފިޔަވަހީގައި 600 މީހުން ބައިވެރިވި އެވެ. އަދި އެ ވެކްސިން ދިނުމުން ކޮރޯނާވައިރަހުން ހަށިގަނޑު ދިފާއު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާ ކަމަށް ލިޔުމުގައިވެ އެވެ. އެހެންކަމުން އެ ވެކްސިން "އެމާޖެންސީ ހާލާތްތަކުގައި ބޭނުން ކުރަން" ހުއްދަ ދެވޭ ވަރު މިހާރު ވެއްޖެ ކަމަށް އެ ޓެސްޓުތަކުގައި އިސް ދައުރެއް އަދާ ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.

ޗައިނާގައި މިހާރު ބަލި ފެތުރުން ކޮންޓްރޯލްކޮށްފައިވާތީ އެގައުމުން ވެކްސިންތައް ޓެސްޓު ކުރަމުންދާ ގައުމުތަކުގެ ތެރޭގައި ޕާކިސްތާން، ސައުދީ އަރަބިއާ، ރަޝިއާ، އިންޑޮނޭޝިއާ އަދި ބްރެޒިލް ހިމެނެ އެވެ. އަދި ހަތަރު ވެކްސިންގެ ތެރެއިން ކޮންމެވެސް އެއް ވެކްސިންއެއް ދީފައިވާ މީހުންގެ އަދަދު ވަނީ 60،000 އަރާފަ އެވެ.

މީގެ އިތުރުން އެ ހަތަރު ވެކްސިންގެ ތެރެއިން ތިން ވެކްސިންއެއް ޒަރޫޒީ މަސައްކަތްތައް ކުރާ މުވައްޒަފުންނަށް ދިނުމަށް ވަނީ ވަގުތީ ހުއްދަތައް ދީފަ އެވެ.

ސައިނޯވެކް ވެކްސިންގެ ތިން ވަނަ ފިޔަވަހީގެ ޓެސްޓުތަކުގެ އެއްވެސް ނަތީޖާއެއް އަދި ހާމަކޮށްފައި ނުވެ އެވެ.

comment ކޮމެންޓް