ބޭނުންޖެހޭ ކޮންމެ ވަގުތެއްގައި ރާއްޖެއަށް އެހީވާން ޗައިނާ އޮތީ ތައްޔާރަށް: ސަފީރު

ރައީސް އިބްރާހިމް މުހައްމަދު ސީޯލިހު ޗައިނާ ސަފީރާ ބައްދަލު ކުރުން --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް އެހީވާން ޗައިނާ ތައްޔާރަށް އޮތް ކަމަށް، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީޖޮންގެ މިއަދު ވިދާޅުވެއްޖެ އެވެ.

ސަފީރު މިހެން ވިދާޅުވީ އަންނަ އަހަރު ރާއްޖެއިން ޗައިނާ އަށް ދައްކަން ޖެހޭ ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަން ފާހަގަކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

ސަފީރު ވިދާޅުވީ ހަގީގީ ރަހުމަތްތެރިންނަކީ ބޭނުން ޖެހިފައިވާ ވަގުތު އެހީވާ މީހުން ކަމަށެވެ.

ރާއްޖެ، ޗައިނާއިން ނަގާފައިވާ ޖުމްލަ ލޯނުގެ އަދަދަކީ 1.5 ބިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ސީދާ ސަރުކާރުން ސަރުކާރަށް ނަގާފައިވާ ލޯނުތަކުގެ އަދަދަކީ 600 މިލިއަން ޑޮލަރެވެ. ދެން ހުރީ ކުންފުނިތަކަށް ނަގާފައިވާ ލޯނުތަކެވެ.

ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނިޝިއޭޓިވް ނޫނީ ލޯނު ދެއްކުމަށް ލުއި ދިނުމުގެ ސިޔާސަތުގެ ދަށުން މިއަހަރުގެ މެއި-ޑިސެމްބަރު ގެ ނިޔަލަށް ރާއްޖޭގެ ބައެއް ލޯނުތަކަށް ޑިފާމަންޓެއް ނުވަތަ ލޯނު ދެއްކުން ޗައިނާއިން ވަނީ ފަސްކޮށްދީފައެވެ.

ޗައިނާ ސަފީރު ވިދާޅުވީ މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއެކު ބައްދަލުވުމެއްގައި ލޯނުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށާއި ޗައިނާގެ ލޯނުތައް ދެއްކުމުގައި ދީފައިވާ ލުއިތަކަށް މިނިސްޓަރު ޝުކުރުއަދާކުރެއްވި ކަމަށެވެ.

ޗައިނާގެ އެހީގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރީ ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ވިދާޅުވީ ޗައިނާ ލޯނުތަކުގެ އިންޓްރެސްޓަކީ ދެ ޕަސެންޓު ކަމަށާއި އެ ލޯނުތަކުގެ ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ފަސް އަހަރު އަދި އަނބުރާ ދެއްކުމަށް 20 އަހަރު ލިބިފައިވާ ކަމަށެވެ.

comment ކޮމެންޓް