ދުވަސް ނުފުރާ ވިހެއުން، ހިތްދަތި ވޭނީ ތަޖުރިބާއެއް

އެންއައިސީޔޫގައި ބާއްވައިފައިވާ ދުވަސްނުފުރާ ވިހެއި ކުއްޖެއް-- ފޮޓޯ ޓްވިޓާ

ކޮންމެ މަންމައަކާއި އަދި ބައްޕައަކުވެސް ދިގު އިންތިޒާރެއް ކުރަނީ ދެލޮލުގެ ކޮއިފަދަ ލޯބިލޯބި ދަރިފުޅު ދެކިލުމަށެވެ. އެ މީހުންގެ އުންމީދަކީ އަދި ދުއާއަކީ އެ ދަރިފުޅަކީ މި ދުނިޔެއަށް އުފަންވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި އުފަންވާނެ ކުއްޖަކަށް ހެދުމަށެވެ. އެ މީން އެދި އެދި ތިބެނީ އެ އުމުރުގެ އެހެން ކުދިން ފަދައިން ގާބިލް ކުޅަދާނަ ދަރިއަކަށް އެ މީހުންގެ ކުއްޖާވެސް ހެދުމަށެވެ.

އެހެންވެ، މާބަނޑުކަން އެނގޭ ވަގުތުން ފެށިގެން އެންމެ ފަހު ވަގުތުކޮޅާއި ހިސާބަށްވެސް އެތަށް ގުރުބާނީއެއްވެ އެތަށް ބުރަތަކެއް އުފުލަ އެވެ. އެހެންނަމަވެސް، އާހިރުގައި އުންމީދުކުރާ ގޮތާއި ހިލާފަށްކަންކަންވެ ނިމިގެންދަނީ އެއްވެސް ބާރެއް އިހުތިޔާރެއް ނެތި އެވެ.

އެންމެ 28 ހަފްތާގައި ވިހެއުމަށްފަހު ހިތްދަތި ތަޖުރިބާތަކެއް

އުމުރުން 31 އަހަރުގައި، އަލަތު ދަރިފުޅަށް ބަލިވެ އިން ފާތުމަތު ޚާލިދުއަކީވެސް ހަމަ އެހެން ކޮންމެ މަންމައެއް ފަދައިން ދަރިފުޅަށްޓަކައި ފޮނި އުންމީދުތަކެއް ކުރަމުން އައި، މާބަޑު ދުވަސްވަރު ހުރިހާ ކަމަކަށް އިތުރަށް ބަލައިގެން އުޅުން ހޭލުންތެރި މައެކެވެ. އެހެންނަމަވެސް، ބަނޑަށް 24 ވަނަ ހަފްތާގައި ސްރީލަންކާގައި ކުރި ސްކޭނަކުން ލިބުނީ މާޔޫސީ ޖަވާބެކެވެ.

"ވަކި އެއްވެސް މައްސަލައެއް ހުރެގެނެއް ނޫން ޑޮކްޓަރަށް ދެއްކީކީ އެއް. ބޭބީގެ ޖެންޑާ ބަލާލާހިތުން އޭރު ލަންކާގައި ސްކޭނެއް ކުރީ. ކޮށްފައި ޑޮކްޓަރު ބުނި އަވަހަށް ވިހާފާނޭ. މި ހަފްތާގައިވެސް ވިހާފާނޭ. ދެން ބޭބީސް ސަވައިވްވުމުގެ ފުރަތަމަ މާކާ އަކީ 28 ހަފްތާ. އެހާހިސާބަށްވެސް ހުންނާނެ ހެން ހިޔެއް ނުވެއޭ ޑޮކްޓަރު ބުނީ،" ފާތުން ބުންޏެވެ

މިހަބަރަކީ ބަނޑުބޮޑު ވީއްސުރެ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކުރަމުން އައި ފާތުންއަށް ގަބޫލުކުރަން ދަތިވި ވާހަކަ އެކެވެ. އެހެންނަމަވެސް، ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ނަގަން ޖެހުނު ބޭސްތަކާއި ދަރިފުޅުގެ ފުއްޕާމޭ އަވަހަށް ތަރައްގީކުރަން ބޭނުންވި އިންޖެކްޝަންތައްވެސް ޖެހި އެވެ. ލަންކާގައި މަޑުކުރުމަށް ޑޮކްޓަރު ލަފާ ދިން ނަމަވެސް ހުރެވެން ނެތުމުން ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށޭ ހިތައި "ޕޮޒިޓިވްކޮށް" ދެކިގެން އެނބުރި މާލެ އައީ އެވެ. މާލެއައިސްވެސް ތަފާތު އެކި ޑޮކްޓަރުންނަށް ދެއްކުނެވެ. ނަމަވެސް އެއްވެސް މައްސަލައެއް ހުރިކަމަކަށް ޑޮކްޓަރުންނަށް ފާހަގައެއް ނުކުރެވުނެވެ.

އެހެންނަމަވެސް ވިހެއުމުގެ ރިހުންތަކާ އެކު، އަލަތު ދަރިފުޅަށް އޭނާ މަރުހަބާ ކީ ބަނޑަށް އެންމެ 28 ހަފްތާގަ އެވެ. ވިހަން ދިޔައިރުވެސް މި ދަރިފުޅު ސަލަމަތްވާނެތޯ ނުވަތަ ނުވާނެތޯ އެފަދަ އެއްވެސް ހިޔާލެއް ފިކުރެއްވެސް ނެތެވެ.

"ދަރިފުޅު ވިހައިގެން ފުރަތަމަ ފެނުނީމަވެސް ވަރަށް ވަރަށް އުފާވި. ކިތަންމެ ކުޑައަސް، އަސްލު އެކަހަލަ އެއްވެސް ޖެހިލުންވުމެއް ނެތް. ފާތުން އާއި ފިރިމީހާއަށް ހަމަ އުފަލުން ފޮޅިފައި ކަހަލަ ގޮތަކަށް ތިބެވުނީ. އެކަމަކު ފަހުން އެނގުނީ. އެހެން މިހުން ތިބީ ހާސްވެ ކަންބޮޑުވެފައި. ނޭނގުނު ކަންނޭނގެ މަރުހަބާ ތޯ ކިޔަންވީ ނޫނީ. ހަމްދަރުދީތޯ ވާންވީވެސް،" ފާތުން ބުންޏެވެ.

ފާތުންގެ ދޮށީ ދަރިފުޅު އެންއައިސީޔޫގައި ---

ކަންކަން އެނގެންފެށީ އެންއައިސީޔޫގެ ދަތުރު ފެށުމުން

ކުރިއަތް އޮތް ދުވަސްތަކާއި މެދު ކުޑަވެސް ފިކުރެެއް ނެތް ފާތުންގެ ދެމަފިރިންނަށް ކިރިޔާވެސް ކަންކަން ރެއަކާލާން ފެށީ ދަރިފުޅު އެންއައިސީޔޫއަށް ލާ، ކޮންމެ ދުވަހަކު ދަރިފުޅާ ބައްދަލުކުރަން އެތަނަށް ވަންނަން ޖެހުނު ހިސާބުންނެވެ.

ފުރަތަމަ ދުވަހު ދަރިފުޅު އޮކްސިޖަން ހޮޅިތަކާއި އެކީގައި ނުފެނުނަސް ދެވަނަ ދުވަހު އެންމެ ފުރަތަމަ ލިބުނު ސިހުމަކީ ނޭވާލުމަަށް އޮކްސިޖަން ގުޅާފައި އޮތުމެވެ. އެހެން ނަމަވެސް، އޭޑީކޭ އިން އައިޖީއެމްއެޗްގެ އެންއައިސީޔޫއަށް ދަރިފުޅު ބަދަލު ކުރެވި، ނަރުހުންނާއި ޑޮކްޓަރުންގެ އޯގާތެރިކަން ފެނި އެހާ ގާތުން އެ މަންޒަރުތައް ތަޖުރިބާކުރެވުމުން ފެށުމުން އޭނާގެ ހާސްކަމަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބުނެވެ.

ފާތުންގެ ދެމަފިރިންނާއި ދަރިފުޅު

ދަރިފުޅު ވިހައިގެން ފުރަތަމަ ތިން މަސްދުވަސް ހޭދަވީ ހޮސްޕިޓަލްތަކުގަ އެވެ. ފުރަތަމަ ދަރިފުޅު އޮތީ އޮކްސިޖަން ގުޅާ ފައެވެ. އެއަށްފަހު ހޮޅިން ކާއެއްޗެހި ދެމުން ދިޔައިރު ވަކި ހިސާބަކުން ހޮޑު އަންނާތީ އެކަންވެސް ހުއްޓުނެވެ. އެހިސާބުން ގޮހޮރުގެ މައްސަލައެއް ފެންމަތިވެ ހަމައެކަނި އައިވީ ގުޅާފައި ބާއްވަން ޖެހުނެވެ. އަދި އެއަށްފަހު މާބޮޑަށް ރީނދޫވުމުން ފޮޓޯތެރަޕީވެސް ފެށުނެވެ. އެއާއެކު ހަމުގެ މައްސަލަތައް ދިމާވެ ކުޑަމިނުން ނެޕިީވެސް ނުޖަހާ ބާއްވަން ޖެހުނެވެ. މިކަންކަން މަޑުމަޑުން ރަނގަޅުވިއިރު، އެންމެ ބޮޑު ކަމަކަށްދިމާވީ ދުވަސްނުފުރާ ވިހާ ކުދިންނަށް އާންމުކޮށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ލޮލުގެ މައްސަލަ އެވެ. ރެޓިނޯޕަތީ އޮފް ޕްރިމެޗުއަރިޓީ އެވެ.

ރާއްޖޭގައި މިކަމަށް ޑައިގްނޯޒްކުރުން ފިޔަވާ އިތުރު ފަރުވާއެއް ދެވެން ނެތުމުން އެމެޖެންސީގައި އިންޑިއާއަށް ގެންގޮސް ތިން ލޭޒާ ޓްރީޓްމަންޓް އާއި ލޮލުގެ ސާޖަރީއެއްވެސް ހެދުނެވެ. ނަމަވެސް ސާޖަރީ ނާކާމިޔާބުވިކަން ޑޮކްޓަރުންނަށް އެނގުނީ ދަރިފުޅުގެ ލޯ ކުޑަވާން ފެށުމުންނެވެ. އެވަރުންވެސް އުންމީދު ކަނޑާނުލައި އެ ދެމަފިރިންނާއި އާއިލާގެ ކުޅަދާނަކަން ހުރި ވަރުން ދެވެން އޮތް ހުރިހާ ގައުމަކަށް ގޮސް ޑޮކްޓަރަކަށް ދެއްކި އެވެ. އެއް ލޮލުގެ ފެނުން ގެއްލުނުއިރު، އަނެއް ލޮލުގެ ފެނުންވެސް ވަރަށް ދަށެވެ. ލޮލުގެ މައްސަލައިގެ އިތުރަށް ހެދިބޮޑުވުމުގައި އެ އުމުރުގެ އެހެން ކުދިންނާއި އަޅާބަލާއިރު ދަރިފުޅުގެ ގެ ހަރަކާތްތެރިވުން ލަހެވެ. އެއާއެކު އެކަންކަމަށް ދޭންޖެހޭ ތެރަޕީތައް މިހާރުވެސް ކުރިއަށް ދެއެވެ.

އެންމެ ހިތްދަތިވީ މީހުންގެ އިލްޒާމުތަކަށް

މިއީ 2013 ގައި ފާތުން ކުރި ތަޖުރިބާ އެވެ. އެދުވަހާއި މިއަދާއި ދެމެދު ތާރީހުގެ ބޮޑު ފަރަގެއް އެބައޮތެވެ. ފާތުންއަށް މިހާރު އިތުރު ދަރިއެއްވެސް ލިބިއްޖެ އެވެ. ދުވަސްނުފުރަ އެވެ. މި ދަރިފުޅުވެސް ލިބުނީ 32 ވަނަ ހަފްތާގަ އެވެ. ތަފާތަކީ މިފަހަރު މާބޮޑަށް ކަންކަން އެނގުމާއި ހޭލުންތެރިވެފައިތިބުމެވެ.

ދޮށީ ދަރިފުޅަށްފަހު ހުރިހާ ވަގުތެއްވެސް ދަރިފުޅާއި އެކު ހޭދަކުރުމަށް އޭނާ ހުންނަނީ ހުސްކޮށްގެނެވެ. އެ ހިތްދަތި އަދި ބިރުވެރި ތަޖުރިބާތަކަށްފަހު މިއަދުވެސް އޭނާ މަސައްކަތްކުރަނީ އެހެން އާންމު ކުދިންނެކޭ އެއްފަދަ އުފާވެރި "ނޯމަލް" ދިރިއުޅުމެއް ދަރިންނަށް ދެވޭތޯ އެވެ.

ދަރިފުޅުގެ ސާޖަރީއަށްފަހު އިންޑިއާގައި އުޅެނިކޮށް ފާތުންގެ ބައްޕަ އަށް ސްޓްރޯކެއް ޖެހި ވަނީ މި ދުނިޔެ ދޫކޮށްފަ އެވެ. ހިތާމައާއި ވޭނުން ފުރިފައިވީ އެ ދުވަސްތަކަކީ މިއަދު މާޒީ އެވެ. ނަމަވެސް އަދިވެސް ބަދަލުނުވާ އެއްކަމަކީ އޭނާއަށް އަމާޒުވާ މީހުންގެ ބަދު ބަސްތަކާއި އިލްޒާމުތަކެވެ. އެ ކަންކަމުގެ ސަބަބުން ކުރި އަސަރުތަކާ ހެދި ނަފްސާނީ އެހީތެރިކަންވެސް އޭނާ ހޯދި އެވެ.

ފާތުންނާއި އޭނާގެ ދެދަރިން.

"އެންމެ ދެރަވަނީ މީހުން ބުނާތީ، ދަރިފުޅަށް އެހެންވީ ފާތުންއާ ހެދިއޭ. ނުބަލާ އުޅުނީމަ އޭ. މިވެނި ކަމެއް ކުރީމަ އޭ. އެކަމަކު އެއްވެސް މައްސަލައެއް ނެތި ވިހެއުމާއި ހަމައަށް ހުރިހާ ކަމެއް ދިޔައީ ހަމަ ނޯމަލް ޕްރެގްނަންސީއެއްގެ ގޮތުގައި. އެހެން ބުނެލަން ފަސޭހައަސް، އަސްލު މަންމައެއްގެ ހައިސިއްޔަތުން އެ ކުރެވޭ އިހުސާސް އެއްވެސް މީހަކަށް ނުވިސްނޭނެ ކަންނޭނގެ" ފާތުން ބުންޏެވެ.

ނޮވެމްބަރު 17، ދުވަސް ނުފުރާ ވިހާ ކުދިންނަށް ހާއްސަ ދުވަހެއް

އިއްޔެ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ދުވަސްނުފުރާ ވިހާ ކުދިންގެ ދުވަހެވެ. ދުނިޔޭގައި އަހަރެއްގެ މައްޗަށް 15 މިލިއަން ކުދިން ދުވަސް ނުފުރާ ވިހާއިރު، މިދުވަހުގެ ބޭނުމަކީ ދުވަސްނުފުރާ ވިހާ ކުދިންގެ ހާލަތު ދެނެގަތުމާއި އެކުދިންނާއި އާއިލާތަކަށް އެހީތެރިވެދިނުމެވެ.

މާބަނޑުވެ 37 ހަފްތާ ކުރިން ވިހާ ކޮންމެ ކުއްޖަކީ ދުވަސްނުފުރާ ވިހާ ކުއްޖެއްގެ ގޮތުގައި ގުނެ އެވެ. ދުވަސް ނުފުރާ ވިހެއުން ނުވަތަ "ޕްރީޓާމް ބާތު" ތިން ބަޔަކަށް ގިންތި ކުރެވެ އެވެ.

  • އެކްސްޓްރީމް ޕްރީޓާމް (28 ހަފްތާއަށް ވުރެ ކުޑަ)
  • ވެރީ ޕްރީޓާމް (28 ހަފްތާއާއި 32 ހަފްތާއާއި ދެމެދު)
  • މޮޑަރޭޓް ޓު ލޭޓް ޕްރީޓާމް (32 ހަފްތާއާއި 37 ހަފްތާއާއި ދެމެދު)

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހްމަދު ފައިސަލް ވިދާޅުވާ ގޮތުގައި ދުވަސްނުފުރާ ވިހަން ދިމާވާ ބައިވަރު ސަބަބުތައް ހުރެ އެވެ. މިގޮތުން މާބަނޑުއިރު ހަކުރު މައްޗަށް ދިއުމާއި، ލޭ މައްޗަށް ދިއުމާއި، ބަރުދަން އިތުރުވުމާއި އަދި ސާވިކްސް ގެ މައްސަލަތައް ހުރުމަކީ ދުވަސް ނުފުރާ ވިހެއުމަށް މެދުވެރިވާ ކަންކަމެވެ. މީގެ އިތުރުން އެއް މާބަނޑު ދެ ކުދިން ނުވަތަ އެއަށްވުރެ އިތުރުވުމާއި ޕްލެސެންޓާގެ މައްސަލަތަކެއް ހުރެއްޖެނަމަ އެއީވެސް މިކަމަށް މެދުވެރިވާ ސަބަބުތަކެވެ.

ދިވެހިންގެ ސަމާލުކަން މިކަމަށް ބޭނުންވޭ!

ރާއްޖޭގެ ނިއުބޯން އެންޑް ބާތު ޑިފެކްޓް ރެޖިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮޮތުން 2019 ވަނަ އަހަރު އެކަނިވެސް ރާއްޖޭގައި 635 ކުދިންވަނީ ދުވަސް ނުފުރާ ވިހާފަ އެވެ. މިއީ އަލަށް އުފަންވި ކުދިންގެ ޖުމްލަ 11.96 ޕަސެންޓެވެ އެވެ.

އައިޖީއެމްއެޗްގެ އެންއައިސީޔޫގެ 2016 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން، 24 ހަފްތާގައި ވިހާ ކުދިން ނުކުޅެދުންތެރިކަމާއި އެކު ނުވަތަ ނުކުޅެދުންތެރިކަމެއް ނެތި ފުރާނަ ސަލާމަތްކުރުމުގެ 50 ޕަސެންޓް ފުރުސަތު އޮވެ އެވެ. އަދި 28 ހަފްތާއިން ފެށިގެން ވިހާކުދިންގެ މި ޕަސެންޓޭޖު މަތިވަމުން ދެ އެވެ.

މިހާތަނަށް އައިޖީއެމްއެޗްގައި ދުވަސްނުފުރާ ވިހެއި ކުދިންގެ ތެރެއިން ފުރާނަ ސަލާމަތްކުރެވުނު އެންމެ ކުޑަކުއްޖަކީ 23 ހަފްތާގައި ވިހެއި ކުއްޖެކެވެ. ދުވަސް ނުފުރާ ވިހެއުން ހުއްޓުވުމަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތް ނަމަވެސް، އުފަންވާ ކުދިންގެ ހާލަތު ރަނގަޅުކުރުމަށް ކުރެވޭނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.

މިކުދިންގެ ހާލަތު ރަނގަޅުކުރުމަށް އިތުރު އެހީބޭނުންވޭ

ޑރ. ފައިސަލް ފާހަގަކުރެއްވިގޮތުގައި އެންމެ މުހިންމު ކަމަކީ ދުވަސްނުފުރާ ވިހާފާނެކަމަށް ކިރިޔާވެސް ލަފާކުރެވޭނަމަ ނިއޯނޭޓަލް އިންޓެންސިވް ފަރުވާ ދެވޭނެ ތަނެއްގައި ހުރުމެވެ.

"މިކަމުގައި ކިތަންމެ ކުރިން އެކަން އެނގުނަސް އަޅުގަނޑަކަށް ހިޔެއް ނުވޭ އެއްވެސް މީހަކު ފުލީ މިކަމަށް ތައްޔާރުވާނެ ހެނެއް. ކޮންމެ މީހެއްވެސް އުންމީދުކުރާނީ ވީހާވެސް އަވަހަކަށް ދަރިފުޅު ގޮވައިގެން ގެއަށް ދިއުން. އެހެންވީމަ ގިނަ ފަހަރު އަސްލު މައިންބަފައިން ތިބޭނީ ޝޮކްގައި. ހާއްސަކޮށް އެންއައިސީޔޫ ތެރެއަށްވަދެ އެ މަންޒަރުތައް ފެނުނީމަ ވަރަށް ބޮޑަށް މައިންބަފައިންނަށް އަސަރުކުރޭ،" ޑރ. ފައިސަލް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅޭ ގޮތުން ޑރ. ފައިސަލް ވަނީ "ޔާގޫތު" ގެ ނަމުގައި ފޮތެއްވެސް ލިޔުއްވާފަ އެވެ. އަދި ދުވަސް ނުފުރާ ވިހާފާނެ ކަމަށް ޑޮކްޓަރުންނަށް ލަފާކުރެއްވޭނަމަ ކުޑަކުދިންގެ ޑޮކްޓަރުން މެދުވެރިކޮށް ކައުންސިލިން ދީ މިކަންކަމަށް ބެލެނިވެރިން ތައްޔާރުކޮށް ހޭލުންތެރިކުރުމުގެ މަސައްކަތްވެސް އައިޖީއެމްއެޗްގައި ކުރިއަށްގެންދާކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.

މީގެއިތުރުންވެސް ދުވަސްނުފުރާ ވިހާ ކުދިންނަށް ދޭންޖެހޭ އަވަސް ފަރުވާއަށް ބޭނުންވާ ގިނަ ކަންތައްތަކެއް އަދިވެސް ހުރިކަން ޑޮކްޓަރު ފާހަގަކުރެއްވި އެވެ. މިގޮތުން ދުވަސްނުފުރާ ވިހާ ކުދިންނަށް ބޭނުންވާ ކެފެއިން އާއި ހިއުމަން މިލްކް ފޯޓިފައާ މިހާރުން މިހާރަށްވެސް ބޭނުންވާކަމަށް ޑރ.ފައިސަލް ފާހަގަކުރެއްވި އެވެ. އަދި މިކުދިންނަށް ގާތުން ދިނުމަށްޓަކައި ކޮންމެ ތިންގަޑިއިރަކުން ކަހަލަ ގޮތަކަށް ކިރު ދިނުމަށް ނުވަތަ ކިރު ހިފައިގެން ހޮސްޕިޓަލަށް އަންނަންޖެހޭއިރު ފެމިލީ ސެންޓާޑް ކެއާއެއްގޮތަށް ފަރުވާދިނުމުގެ ކަންކަން އިންތިޒާމުކުރުމުގެ މުހިންމުކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

ދުވަސް ނުފުރާ ވިހެއުމަކީ ހީކުރެވޭ ގޮތާ ހިލާފަށް އާދައިގެ ކަމެއް ނޫނެވެ. އެއަށްވުރެ މާހިތްދަތި ތަޖުރިބާތަކެއް ކުރެވިދާނެ ކަމެކެވެ. ދުރާލާ ވިސްނައި ތައްޔާރުވެ ސަމާލުކަންދެންޖެހޭ ކަމެކެވެ.

comment ކޮމެންޓް