ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ޔައުބޫގުގެ ގޮނޑިއާ މެދު ސުވާލު އުފެއްދީ، ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ހުރެ ޗާޓާޑް އެކައުންޓެންޓްސް ގާނޫނުގެ ދަށުން އުފެއްދި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސްގެ ކައުންސިލުގެ މެމްބަރުކަމާ އޭނާ ހަވާލުވެވަޑައިގަތުމުންނެވެ. އެ މަގާމަކީ ދައުލަތުގެ މުއައްސަސާއެއްގެ މުސްތަގިއްލު މަގާމެއް ކަމަށް ބުނެ، އެ މަގާމާ ހަވާލުވުވަޑައިގަތުމަކީ ޔައުގޫބުގެ ގޮނޑި ގެއްލޭނެ ކަމެއް ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އަލީ އާއި ޕީޕީއެމް، ޕީއެންސީގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އައްސަދު ޝަރީފެވެ.
އެ ދެ ބޭފުޅުން ވިދާޅުވާ ގޮތުގައި މެމްބަރަކު، ދައުލަތުގެ މުއައްސަސާއެއްގެ އެހެން މުސްތަގިއްލު މަގާމެއް އަދާ ނުކުރެއްވުމަކީ މަޖިލިސް މެމްބަރެއްގެ ހުންނަން ޖެހޭ ޝަރުތެކެވެ. ޗާޓާޑް އެކައުންޓެންޓްސް އިންސްޓިއުޓުގެ ކައުންސިލު މެމްބަރު ކަމާ ހަވާލުވެވަޑައިތުމުން އެ ޝަރުތު އުނިވެފައިވާ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
ޔައުގޫބާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާއާ ޔައުގޫބު ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ އޭނާ ފުރުއްވަމުންދާ ދާންދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައިދެއްވުމަށް އެދިފައިވެ އެވެ. ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގައި މެމްބަރުންގެ ޝަރުތުތައް ބަޔާންކުރަމުން، މަޖިލީހުގެ މެމްބަރުންނަށް މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާނުކުރެވޭނެ ކަމަށްވެ އެވެ. އަދި ހަމަ އެ މާއްދާގެ (ނ)ގައި މެމްބަރުކަމުން ވަކިވާނެ ސަބަބުތައްވެސް ވަކިން ކަނޑައެޅިގެން ބަޔާންކޮށްފައިވެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސުއޫދެވެ. ދެން ބެންޗުގައި ތިއްބެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫންއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ. ފަނޑިޔާރު ސުއޫދުގެ ރައުޔަށް އެ ހުރިހާ ފަނޑިޔާރުންވެސް ތާއީދުކުރެއްވި އެވެ.
ޗާޓާޑް އެކައުންޓެންޓްސް އިންސްޓިޓިއުޓަކީ ދައުލަތުގެ މުއައްސަސާއެއް ނޫން
ފަނޑިޔާރު ސުއޫދު އިއްވި ތަފްސީލީ އެ ހުކުމުގައި ވަނީ ދައުލަތުގެ ވަޒީފާއަކީ ކޮބައިކަމާއި، ފަންނުތަކުގެ ޖަމާއަތްތަކަކީ ކޮބާ ކަމާއި، މުސްތަގިއްލު ކޮމިޝަންތަކަކީ ކޮބައިކަން ކިޔައިދެއްވައިފަ އެވެ.
ފަންނުތަކުގެ ޖަމާއަތްތައް، ނުވަތަ ޕްރޮފެޝަނަލް ބޮޑީތަކާ ބެހޭގޮތުން ހުކުުމުގައި ވަނީ، އެފަދަ ޖަމާއަތްތަކަކީ ވަކި ދާއިރާއަކުން އިލްމު އުގެނިގެން ތިބި ބަޔަކު އެ މީހުންގެ ފަންނަށް ނިސްބަތްވާ މީހުންގެ ފެންވަރާއި ޕްރޮފެޝެނެލަޒަމްއާއި އިތުބާރު ހިފެހެއްޓުމަށް އެ ފަންނުގެ ކަންކަން އަމިއްލައަށް ހިންގުމަށް އުފައްދާ ޖަމައާއަތްތައް ކަމަށެވެ.
ބައެއް ފަންނުތަކުގެ ޖަމާއަތްތަކަށް ގާނޫނީ ހައިސިއްޔަތު ދީ، ދައުލަތުގެ އެހީ ދިން ނަމަވެސް، އެއީ ދައުލަތުގެ މުއައްސަސާއަކަށް ނުވާނެ ކަމަށް ހުކުމުގައިވެ އެވެ. ބާ ކައުންސިލަކީވެސް ހަމަ އެފަދައިން ދައުލަތުގެ މުއައްސަސާއެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.
ހުކުމުގައި ބުނެފައި ވަނީ ޗާޓާޑް އެކައުންޓެންޓްސް އިންސްޓިއުޓަކީވެސް އެއީ ދައުލަތުގެ މުއައްސަސާއެއް ނޫން ކަމަށެވެ. އެހެންވެ، ޔައުގޫބު ހަވާލުވެވަޑައިގެންނެވި ޗާޓާޑް އެކައުންޓެންޓްސްގެ އިންސްޓިޓިއުޓުގެ ކައުންސިލް މެމްބަރުކަމުގެ މަގާމަކީ، ދައުލަތުގެ ވަޒީފާއެއް، ނުވަތަ މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ ކޮމިޝަނެއްގެ މަގާމެއް ކަމަށް ބެލެވޭނެ ސަބަބެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
"...އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސްގެ ކައުންސިލް މެމްބަރު ކަމަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގެ 8ގައި ބަޔާން ކުރާ ދައުލަތުގެ ވަޒީފާއެއް ކަމެއް ނުވަތަ އެއީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގެ 3ގައި ބަޔާން ކުރާ މުސްތަގިއްލު ކޮމިޝަނެއް ނުވަތަ މުސްތަގިއްލު މަގާމެއް ކަމެއް ބަލާނެ ހަމައެއް ނެތް،" ހުކުމުގައިވެ އެވެ.
73 ވަނަ މާއްދާގެ (ރ)އާ ހިލާފުވިޔަސް ގޮނޑި ނުގެއްލޭނެ
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގެ ދަށުން މަނާކޮށްފައިވާ ކަމެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ކޮށްފި ނަމަ އެ މެމްބަރަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުން ވަކިވާނެ ކަމަށް ބަލާނެ ހަމައެއްވެސް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
ގާނޫނުއަސާސީއިން މަނާކޮށްފައިވާ ކަމެއް ކޮށްފި ނަމަ އެކަން ވާނީ ބާތިލު ކަމަކަށް ކަން ހުކުމުގައި ފާހަގަ ކުރި އެވެ. ބާތިލުވުމުގެ އިތުރުން އެކަމުން ނުކުންނާނެ އެހެން ނަތީޖާއެއް ގާނޫނުއަސާސީގައި ސަރީހަ ބަހުން ނުވާ ހިނދު، އެކަން ކުރުމުން ވަކި ނަތީޖާއެއް ނުކުންނާނެ ކަމަށް ކޯޓުން ބުނެފި ނަމަ އެއީ ގާނޫނުއަސާސީގައި ނެތް ކަމެއް ގާނޫނުއަސާސީއަށް އިތުރު ކުރުން ކަމަށް ބެލޭނެ ކަމަށް ހުކުމުގައިވެ އެވެ.
ގާނޫނުއަސާސީއަށް އުނިއިތުރު ގެނައުމަކީ ސުޕްރީމް ކޯޓަށްވެސް ކުރެވޭނެ ކަމެއް ނޫންކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އެކަން ކުރެވޭނީ މަޖިލީހަށް ލިބިދީފައިވާ ބާރުގެ ދަށުންކަން ފާހަގަކުރި އެވެ.
އޭގެ އިތުރުން ހުކުމުގައި ވަނީ، ގާނޫނުއަސާސީ ޑްރާފްޓު ކުރި މީހުންގެ މަގުސަދަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގައި ބުނާ ކަންކަން ކުރުމުން މެމްބަރު ކަމުން ވަކިވާ ގޮތަށް އެ މާއްދާ އެކުލަވާލުން ނޫން ކަމަށެވެ. އެ މާއްދާގެ މަގުސަދަކީ މަޖިލީހުގެ މެމްބަރުން ދައުލަތުގެ އެހެން ވަޒީފާއެއް އަދާ ނުކުރުން ކަމަށްވެސް ޔައުމިއްޔާތަކުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، މެމްބަރު ކަމުގައި ހުރެ އަދާ ކުރުން މަނާ ވަޒީފާއެއް އަދާ ކުރުމަކީ މެމްބަރު ކަމުން ވަކިވާނެ ސަބަބެއް ނޫން ކަމަށް ހުކުމުގައި ކަނޑައަޅާފައިވެ އެވެ. އަދި ޔައުގޫބު ހަވާލުވެވަޑައިގެންނެވީ ގާނޫނުއަސާސީއިން މަނާކޮށްފައިވާ ފަދަ ވަޒީފާއަކާ ނޫން ކަމަށްވެސް ހުކުމުގައި ކަނޑައަޅާފައިވެ އެވެ.