މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ބުނެފައިވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުގެ އެކި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ދެ ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފައެވެ. އެގޮތުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ޅ. އަތޮޅަށް އަދި ތ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ހަމައަށް ވަނީ ވައިޓް އެލާޓް ނެެރެފައެވެ. ވައިޓް އެލާޓް ނެރެފައިވަނީ މިއަދުގެ 15:00 ޖެހުމާ ހަމައަށެވެ.
މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ. އެގޮތުން އިއްޔެ މެދުރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހިފައެެވެ.
ވިލާގަނޑުގައި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އެހެންކަމުން ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.