މަގުމަތިން ދިމާކޮށް ޝައިހު އިމްރާންގެ ގަޔަށް އަތްލައިފި

އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ މިރޭ މަގުމަތިން ވަޑައިގަންނަވަނިކޮށް ބަޔަކު އޭނާއާ ދިމާކޮށް ގަޔަށް އަތްލައި ތުނބުޅީގައި ހިފައި ހުތުރު ބަހުން މުއާމަލާތްކޮށްފި އެވެ.

މީގެ ކުރިން ވެސް މަރުގެ އިންޒާރުތައް ލިބިފައިވާ އިރާކޮޅު ހިނގި މި ހާދިސާއަށް ފަހު އިމްރާން ވަނީ ދިޓީވީއަށް އިންޓަވިއުއެއް ދެއްވާފަ އެވެ.

ޝައިހު އިމްރާން ވިދާޅުވީ އެހެން މީހަކާއެކު ސައިކަލްގައި އަދާލަތު ޕާޓީގެ ބައްދަލުވުމަކަށް އެމަނިކުފާނު ވަޑައި ގަންނަވަނިކޮށް މަޖީދިއްޔާ ސްކޫލް ކައިރިން ދެ މީހަކު ސައިކަލެއްގައި ފަހަތުން އައިސް ހުތުރު ބަސްތަކުން މުއާމަލާތް ކޮށް ކުރިމައްޗަށް ސައިކަލް ހުރަސް ކޮށްލުމަށް ފަހު ގަތް އަތްލައި ތުނބުޅީގައި ހިފައި ދަމައިގެންފައިވާ ކަމަށެވެ. އަދި ތުނބުޅީގައި ހިފުމަށް ފަހު ވެސް ދިމާކޮށް ހުތުރު ބަސްތަކުން މުއާމަލާތް ކުރި ކަމަށެވެ.

"އެ ވަގުތު އެ ތަނަށް މީހުން ޖަމާވެ، އަދި އަޅުގަނޑާއެކު ދިޔަ މީހާ އާއި އެހެން މީހުން އެދެމެދަށް ވަދެ ދުރުކުރީ. އެތަނަށް ފުލުހުން ވެސް އައި އެހެން ނަމަވެސް އެމީހުން ވަނީ ފިލާފައި. އަޅުގަނޑަކަށް އެއީ ކޮންބައެއް ކަމެއް ނޭނގޭ،" ދިޓީވީގައި އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެ މައްސަލައިގައި ފުލުހުން އޭނާއާ ސުވާލުކޮށް ބަޔާނެއް ދެއްވުމަށް އެދިފައިވާ ކަމަށާއި ނަމަވެސް މިރޭ ޖަލްސާއަކަށް ވަޑައިގަންނަވަން ޖެހޭތީ ވަޑައިގަތީ ކަމަށާއި ވަޑައިގަތީ ފަހުން ބަޔާން ދިނުމަށް ކަމަށެވެ.

ހުކުރު ދުވަހުގެ ޖުމްހޫރީ މައިދާނުން ހައްޔަރުކޮށްފައި ވަނިކޮށް ކޯޓު އަމުރަށް ދޫކޮށްލާފައިވާ އިމްރާނަށް ހަމަލާ ދިން މައްސަލަ ފުލުހުންނަށް މިހާރު ވަނީ ރިޕޯޓްކޮށްފަ އެވެ.

އިމްރާނަށް ހަމަލާ ދީފައިވާތީ ޕީޕީއެމުންވަނީ އެކަން ކުށްވެރިކޮށް މިރޭ ބަޔާނެއް ނެރެފަ އެވެ. ޕީޕީއެމްގެ ބަޔާން ބުނަނީ އިމްރާނަށް ދިން ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށާއި އެއީ އިންސާނިއްޔަތާ ހިލާފު ޖަރީމާއެއް ކަމަށެވެ.

"އިދިކޮޅު ފަރާތްތަކަށް މިގޮތަށް އަނިޔާކޮށް ބިރު ދެއްކުމަކީ ޑިމޮކްރަސީގެ ރޫހާ މުޅިން ހިލާފު ކަމަކަށްވާތީ މިފަދަ އަނިޔާވެރި އަމަލުތައް މިހާރުން މިހާރަށް ހުއްޓާލުމަށް މި ޕާޓީން ގޮވާލަމެވެ،" ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު