ޔައުގޫބުގެ ގޮނޑީގެ މައްސަލައިގެ ހުކުމް މި މަހު 16ގައި

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲގެ މެންބަރު ކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ބުނެ އޭނާގެ ގޮނޑިއާ މެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމްކުރާ އަޑުއެހުން މި މަހުގެ 16 ވާ ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ.

ޔައުބޫގުގެ ގޮނޑިއާ މެދު ސުވާލު އުފެއްދީ، ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ހުރެ ޗާޓާޑް އެކައުންޓެންޓްސް ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސްގެ ކައުންސިލުގެ މެމްބަރުކަމާ އޭނާ ހަވާލުވެވަޑައިގަތުމުންނެވެ. އެ މަގާމާ ހަވާލުވެވަޑައިގަތުމުން އަމާޒުވި ފާޑުކިޔުމާއެކު ޔައުގޫބު މަގާމުން އިސްތިއުފާ ދެއްވި އެވެ.

ދައުލަތުގެ މުއައްސަސާއެއްގެ އެހެން މުސްތަގިއްލު މަގާމެއް އަދާ ކުރެއްވުމަކީ ޔައުގޫބުގެ ގޮނޑި ގެއްލޭނެ ކަމެއް ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އަލީ އާއި ޕީޕީއެމް، ޕީއެންސީގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އައްސަދު ޝަރީފެވެ. އެ ދެ ބޭފުޅުން ވިދާޅުވާ ގޮތުގައި ދައުލަތުގެ މުއައްސަސާއެއްގެ އެހެން މުސްތަގިއްލު މަގާމެއް އަދާ ނުކުރެއްވުމަކީ މަޖިލިސް މެމްބަރެއްގެ ހުންނަން ޖެހޭ ޝަރުތެކެވެ. ޗާޓާޑް އެކައުންޓެންޓްސް އިންސްޓިއުޓުގެ ކައުންސިލު މެމްބަރު ކަމާ ހަވާލުވެވަޑައިތުމުން އެ ޝަރުތު އުނިވެފައިވާ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

ޔައުގޫބާ ދެކޮޅަށް ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާއާ ޔައުގޫބު ހިލާފުވެވަޑައިގެންފައިވާ ކަމަށާއި އެހެން ކަމުން އޭނާ ފުރުއްވަމުންދާ ދާންދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައިދެއްވުން އެދޭ ކަމަށެވެ. އަދި 73 ވަނަ މާއްދާގެ (ރ)ގައި މެމްބަރުންގެ ޝަރުތުތައް ބަޔާންކުރަމުން ވަނީ މަޖިލީހުގެ މެމްބަރުންނަށް މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާނުކުރެވޭނެ ކަމަށެވެ. ނަމަވެސް، އެ މާއްދާގެ (ނ)ގައި މެމްބަރުކަމުން ވަކިވާނެ ސަބަބުތައްވެސް ބަޔާންކޮށްފައިވެ އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލީ އޮކްޓޫބަރު 27 ވަނަ ދުވަހުއެވެ. އެދުވަހުގެ އަޑުއެހުން ނިންމާލަމުން މައްސަލައިގައި އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އެ މައްސަލައިގައި އޮންނާނީ ހުކުމް ކުރަން ބޭއްވޭ އަޑުއެހުންކަން އިއުލާނުކުރެއްވުމަށްފަހުއެވެ.

އެ މައްސަލައިގެ ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން މި މަހުގެ 16 ވަނަ ދުވަހު އޮންނާނެކަން އަންގައި، ސުޕްރީމް ކޯޓުން ވަނީ ޗިޓު ފޮނުވައިފައެވެ. އަދި އެ ދުވަހުގެ ހެނދުނު 10:45 އަށް ސުޕްރީމް ކޯޓަށް ހާޒިރުވާން ޗިޓުގައި އަންގާފައިވެއެވެ.

އެ މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ދެން ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫންއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ.

comment ކޮމެންޓް