ސިމްބޮލިކްގެ "ނުއެއް ފެނޭ"އިން ބޮޑު މެސެޖެއް

ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ނަން މަޝްހޫރު ރެކޯޑް ލޭބަލް "ސިމްބޮލިކް ރިކޯޑްސްއިން" މިވަނީ އަނެއްކާ ވެސް އާ ލަވައެއް ފޭނުންނަށް ދޫކޮށްލައިފަ އެވެ. "ނުއެއް ފެނޭ"ގެ ނަމުގައި ދިވެހި ރެޕް ލަޝްކަރުން ރިލީޒްކޮށްފައިވާ މި ލަވަައަކީ ކޮވިޑް-19 އާ ގުޅޭގޮތުން ނެރެފައިވާ ލަވަ އެކެވެ. އެ ވައިރަހުގެ ނުރައްކަލަށް މީހުން ހޭލައްވަން ނެރުނު ލަވައެކެވެ.

ހޯމަ ދުވަހު ރިލީޒް ކުރި މި ލަވައާ ބެހޭގޮތުން ސިމްބޮލިކް ގެ އޮފިޝަލަކު ބުނީ މިއީ ކޮވިޑް-19ގެ މި ހާލަތުގައި ބަލިޖެހޭ މީހުންގެ އަދަދު މަދުވަމުންދާއިރު ފަރުވާކުޑަކުރެވި ކުރެވޭ އަމަލުތަކެއްގެ ސަބަބުން އަނެއްކާވެސް އިތުރު ރާޅެއް އައިސްދާނެތީ އެކަަމަށް ހޭލުންތެރިކުރުމުގެ ގޮތުން ނެރުނު ލަވައެއް ކަމަށެވެ.

ޕެސްޓް، ޓޯއީ އަދި ރައިޑޭ ގެ އަޑުން އިވިގެންދާ މި ލަވައިގައި ގިނަ މެސެޖުތަކެއް ހިމެނޭއިރު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފެނިގެންދަނީ ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ގިނަ ވަގުތުތަކެއް ގޭގައި ހޭދަކުރުމަށްފަހު ފަރުވާކުޑަކުރެވި ކުރެވޭ އެންމެ ކަމެއްގެ ސަބަބުން ލޯބިވާ އާއިލާގެ މެންބަރެއް ގެއްލިގެންދާ ތަނެވެ.

ކޮވިޑް-19 ގެ އަސަރު އެންމެ ބޮޑަށްކޮށް ފުރާނަ ގެއްލޭ ހިސާބަށް ގިނައިން ގޮސްފައިވަނީ އުމުރުން ދުވަސްވީ މީހުންކަމަށް ވިޔަސް އެފަރާތްތަކާއި ހިސާބަށް ބަލި ގެންގޮސްދޭ ފަރާތްތަކަކީ ގިނަ ފަހަރަށް ޒުވާނުންނެވެ. އެހެންކަމުން ބޭކާރު ގޮތުގައި ބޭރުގައި އުޅެ ބުރުޖެހުމާއި، ކޮފީތަކުގައި ހޭދަކުރާ ވަގުތުތައް މަދުކޮށް ތިމާއާއި ތިމާގެ ގާތް މީހުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ސިމްބޮލިކް އިން މި ލަވައިގައި ނަސޭހަތްތެރިވެ އެވެ.

މި ލަވަ ތައްޔާރުކުރުމުގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އިރުޝާދުތައްވެސް ސިމްބޮލިކް އިން ހޯދާފައިވާއިރު ލަވައިގެ ވީޑިއޯއަކީ ބައިސްކޯފުގެ ވަރަށް ބޮޑު އެހީތެރިކަމާއި އެކު ކޮށްފައިވާ މަސައްކަތެކެވެ.

ގާތްގަނޑަކަށް މަހެއްހާ ދުވަސްތެރޭގައި ލަވައިގެ އޯޑިއޯ އާއި ވީޑިއޯ ނިންމާލެވުނުއިރު މިއީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކު ނިންމާލެވުނު މަސައްކަތެއްކަން ފާހަގަކޮށް ސިމްބޮލިކް އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

"މިއީ ވަރަށް ބައިވަރު މީހުންގެ މަސައްކަތް. އެޗްޕީއޭއާއި ބައިސްކޯފުގެ އިތުރުން ސިމްބޮލިކްގެ ހުރިހާ ރަށްޓެހިން. އެ އެންމެންގެ އެހީތެރިކަން އެކިގޮތްގޮތުން ލިބުނު. އެހެންވީމަ ވަކި ނަމެއް ނުކިޔާ އެ ހުރިހާ އެންމެނަށް ޝުކުރުއަދާކުރަން. އަދި ހާއްސަކޮށް ސިމްބޮލިކްގެ ފަރާތުން ހުރިހާ ފްރަންޓްލައިނާސް އަށް ވެސް ޝުކުރު އަދާކޮށްލަން" ސިމްބޮލިކްގެ ފަރާތުން ބުންޏެވެ.

ޒުވާނުންތަކެއްގެ ފަރާތުން ޒުވާނުންނަށް މިފަދަ ހައްސާސް ދަނޑިވަޅެއްގައި ލަވައެއްގެ ގޮތުގައި ވިޔަސް ހަދިޔާކޮށްދިން މި ލަވައަކީ ހަމަ ކޮންމެހެންވެސް ބަލާލަން ނުވަތަ އަޑުއަހާލަން ކަމުދާނެ ލަވައެކެވެ. މިހާރު މި ލަވައިގެ އޮފިޝަލް ވީޑިއޯ ސިމްބޮލިކްގެ ޔޫޓިއުބް ޗެނަލްއިން ފެންނާނެ އެވެ.

comment ކޮމެންޓް