ހިޔާ ފުލެޓްތައް މާޗް މަސްތެރޭ ހަވާލު ކުރުމަށް ތައްޔާރީތައް ވަނީ

ހިޔާ ފްލެޓް: އެތަންތަން މަޗު މަހު ހަވާލު ކުރެވެން ފެށޭނެ ކަމަށް އެޗްޑިސީން. ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް ދޭއް ގައި އިމާރާތްކޮށްފައިވާ ފްލެޓްތައް މާޗް މަސް ތެރޭ މީހުންނާ ހަވާލު ކުުރުމަށް ތައްޔާރީތައް ވަމުންދާކަމަށް އެޗްޑީސީން ބުނެފި އެވެ.

ޖުމްލަ 6،720 ފްލެޓް ހިމެނޭ އެ މަޝްރުގެ ފެނާއި ނަރުދަމާގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހަމަދު މިއަދު "ސަން"އަށް ވިދާޅުވީ، ކުރިންވެސް ރޭވިފައިވާ ގޮތައް ފެބްރުއަރީ މަސްތެރޭ މުޅި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

"ފެބްރުއަރީއަށް މަސައްކަތް ނިމި، މާޗް މަސް ތެރޭ ފްލެޓްތައް ހަވާލު ކުރަން ފެށޭނެ،" އޭނާ ވިދާޅުވި އެވެ.

ސުހައިލް ވިދާޅުވީ، ފެނާއި ނަރުދަމާ އަދި ތަޅުން އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލެޓްތައް މީހުންނާ ހަވާލު ކުރާއިރު، އެތެރޭގެ ދޮރުތަކާއި ޓައިލް، ބޮކި ފަންކާ ނުހުންނާނެ އެވެ. އެޗްޑީސީން ނިންމާފައިވަނީ އެ މަސައްކަތްތައް ކުރުމަށް ވަކި މުއްދަތަކަށް ކުލި ނުހިނގާ ގޮތަށް ހެދުމަށެވެ.

ސުހައިލް ވިދާޅުވީ، އެގޮތަށް ކުލި ހިލޭ ކޮށްދޭނީ ކިހާ މުއްދަތަކަށް ކަމެއް އަދި ނުނިންމާ ކަމަށެވެ. އެހެން ނަމަވެސް އެކަންކަން ކުރުމަށް އެކަށީގެންވާ ވަގުތު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން އަދި ޕްލޭނިން މިިނިސްޓަރު އަސްލަމް ވިދާޅުވީ ފްލެޓްތަކުގައި ތަޅުން އެޅުމާއި ކަރަންޓާއި ފެން މީޓަރު ލުމުގެ މަސައްކަތްތަކަށް އަށް މަސް ހޭދަވާނެ ކަމަށެވެ.

އެ ފްލެޓްތަކުގެ ފެނާއި ކަރަންޓް ލުމުގެ މަސައްކަތް ކުރަމުން އަންނަނީ ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީންނެވެ.

މިދިޔަ ސަރުކާރުގައި ފެށި އެ މަޝްރޫއުއަކީ 430 މިލިއަން ޑޮލަރަށް ޗައިނާ ކުންފުންޏަކާ ހަވާލުކުރި މަޝަރުއުއެކެވެ. އެ މަޝްރޫރުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާފައިވެ އެވެ.

comment ކޮމެންޓް