ޔާމީންގެ އިސްތިއުފާނުގެ މައްސަލައިގެ އަޑުއެހުން ސުޕްރީމު ކޯޓުން ނިންމާލައިފި

10:00


ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންނަށް ރިޝްވަތު ހުށަހަޅުއްވާފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައިގައި 15 ދުވަހުގެ ގޭބަންދެއްގައި ހުންނެވި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އިސްތިއުފާނުގެ މައްސަލައިގެ އަޑުއެހުން ސުޕްރީމު ކޯޓުން ރޭ ނިންމާލައިފި އެވެ.


ރޭ ބޭއްވި، އަޑުއެހުމުގައި ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، ހުކުމް އިއްވުމަށްޓަކައި ބާއްވާ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވުމަށް އެ ދެ ފަރާތަށް ފަހުން އަންގަވާނެ ކަމަށެވެ.


ރޭގެ ޝަރީއަތުގެ މަޖިލީސް ފެއްޓެވުމަށްފަހު ދައުވާ ހުށަހަޅުއްވާ ފަރާތަށް ފުރުސަތު ދެއްވުމުން ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ދެ ބަންޑާރަ ނައިބުން ކަމުގައިވާ އައިޝަތު އާޒިމާ ޝަކޫރާއި ޑރ. ހަސަން ސައީދާއި ކުރީގެ ޖެސަޓިސް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަރަށް ތަފްސީލްކޮށް ނުކުތާތައް ފާހަގަކުރެއްވި އެވެ. އާޒިމާ ވިދާޅުވީ ފުލުހުން ޔާމީން ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ. އެ ގޮތުން ފާހަގަކުރެއްވި މައިގަނޑު އެއް ނުކުތާ އަކީ ހައްޔްރުކުރި ވަގުތު، އެކަމުގެ ސަބަބު އަންގަވައިފައި ނެތުމާއި، ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއް ނެތި ކަމަށްވުން ކަމަށް އާޒިމާ ފާހަގަކުރެއްވި އެވެ.


ނަމަވެސް އާޒިމާގެ ނުކުތާތަކަށް ރައްދު ދެއްވަމުން ފުލުހުންގެ ލީގަލް ޓީމުން ވާހަކަ ދެއްކެވި އެޓާނީ ޖެނެރަލްގެ ސޮލިސިޓަރ ޖެނެރަލްގެ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވީ، ޔާމީން ހައްޔަރުކޮށް، ހުރިހާ ކަމެއް ކުރިއަށް ގެންގޮސްފައި ވަނީ ގާނޫނު އަސާސީ އާއި ފުލުހުންގެ ގާނޫނާއި ގަވައިދުން ލިބިދޭ އިހުތިޔާރުގެ ދަށުން ކަމަށެވެ. އަދި ޔާމީން ހައްޔަރުކުރީ، ދައުލަތާ ދެކޮޅު އަމަލު ހިންގުމާއި، ކޮރަޕްޝަންގެ މައްސަލައިގައި ކަމުން، ހެކި ފޮރުވުމާއި ހެކިންނަށް ބާރު ފޯރުވުމުގެ ފުރުސަތު އޮތުމުން ފުލުހުންގެ ހައްޔަރުގައި ޖަލުގައި ޔާމީން ބެހެއްޓުމަށް ހުކުމް ކުރެއްވުމަށް ވެސް އުއްތަމަ ފަނޑިޔާރުގެ ކިބައިން ފުލުހުން އެދެމުންގެންދިޔަ އެވެ. ޔާމީންގެ މައްޗަށް ތަހުގީގު ފެށުނީ ކޮން ގޮތަކުންތޯ ފަނޑިޔާރުން، ފުލުހުންނާ ސުވާލު ކުރެއްވުމުން ފުލުހުން ވިދާޅުވީ، އެ މައްސަލައަކީ، ރައީސް އޮފީހުން ހުށަހަޅައިގެން ބަލާ މައްސަލައެއް ކަމަށެވެ.


ފުލުހުންގެ ފަރާތުން ހުށަހެޅުއްވި ނުކުތާތަކަށް ޖަވާބު ދެއްވަމުން ޑރ. ހަސަން ސައީދާއި އާޒިމާ ވިދާޅުވީ، މި މައްސަލަ ފެށިފައި ވަނީ ވެސް ގާނޫނާ ހިލާފަށް ކަމަށެވެ. އެގޮތުން ފުލުހުން ޔާމީން ހައްޔަރުކޮށްފައި ވަނީ އޮޅުވާލައިގެން، ގަދަކަމުން ކަމަށާއި، ހައްޔަރުކޮށްފައި ބެހެއްޓި ވަގުތުތަކުގައި ވެސް ގާނޫނު އަސާސީން ޔާމީނަށް ލިބެންޖެހޭ ހައްގުތައް ލިބިފައިނުވާ ކަމަށެވެ. އަދި ޖިނާއީ ކޯޓާއި، ހައިކޯޓުން އިއްވި ހުކުމުގައި، އެ ހުކުމް އިއްވެވި ފަނޑިޔާރުން ވެސް އެކަމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި، ފުލުހުން ޔާމީން ހައްޔަރުކޮށްފައި ވަނީ، ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ޔާމީންގެ ފަރާތުން ހުށަހަޅާ ނުކުތާއަށް ފުލުހުން އިންކާރު ނުކުރާތީ، އެކަން ސާބިތުވާ ކަމަށް ވެސް ޔާމީންގެ ވަކީލުން ވިދާޅުވި އެވެ. އެހެންކަމުން ޔާމީން މިހާރުން މިހާރަށް ދޫކޮށްލެއްވުމަށް ހުކުމް އިއްވެވުމަށް ވެސް ޔާމީންގެ ވަކީލުން ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.


ފުލުހުން ޔާމީން ހައްޔަރުކުރި ގޮތް ޔާމީން ވެސް ވަނީ ޝަރީއަތުގައި ވިދާޅުވެފަ އެވެ. ޔާމީން ވިދާޅުވީ ފުލުހުން އޭނާގެ ގެއަށް ވަނީ ވާހަކައެއް ބުނެލަން ބޭނުންވެގެން ކަމަށް ބުނެ ކަމަށާއި ނަމަވެސް ފަހުން އެންގީ ފުލުހުންގެ މަރުކަޒަށް ދިއުމަށް ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ކޯޓު އަމުރެއް ނެތި ޕޮލިސް ސަމަންސް އެއް ނެތި ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވުމުން، ކަރަންޓު މުގުރާއެކު އެ ގޭތެރެއަށް ވަދެ ތިބި ސްޓާފޯސްގެ ފަސް މީހުންގެ ތެރެއިން ދެ މީހަކު ޔާމީންގެ މުލައްދަނޑީގައި ހިފައިގެން، ގަދަކަމުން ގެންދަން އުޅުނު ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.


އާޒިމާ ވިދާޅުވީ ޔާމީން ހައްޔަރުކުރުމުގައި ފުލުހުން ވަނީ ގާނޫނު އަސާސީއާ މުޅިން ހިލާފުވެފައި ކަމަށާއި އެހެންވެ، ގާނޫނު އަސާސީއާ ހިލާފަށް ފަށައިފައިވާ ކަމެއް، ފަހުން ކޮންމެ ގޮތަކަށް ހެދިޔަސް ގާނޫނު އަސާސީއާ އެއްގޮތް ނުވާނެ ކަމަށް ވިދާޅުވި، ޔާމީން ގޭބަންދުން ވަގުތުން ދޫކޮށްލުމަށް އެދިވަޑައިގެންނެވި އެވެ.


ފުލުހުން އެދިފައިވާ ގޮތަށް ފަނޑިޔާރުން ހުކުމް އިއްވަވައިފި ނަމަ، ރާއްޖެ ޕޮލިސް ސްޓޭޓަކަށް ބަދަލުވެގެން ދާނޭ ކަމަށާއި، ސަރުކާރާ ދެކޮޅު މައްސަލައެއް ނުވަތަ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގައި އޮންނަ ދުވަހަކު މެމްބަރުންތައް ގެންގޮސް ހައްޔަރުކުރުމުގެ ފުރުސަތު ހުޅުވާލެވުނީ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މީހުން ހިފައި ހައްޔަރުކުރެވޭ ގޮތް ކަނޑައަޅާ ގާނޫނު އަސާސީގެ 46 ވަނަ މާއްދާ އާއި ހައްޔަރުކުރާ ވަގުތު އެ ކަމުގެ ސަބަބު އަންގަންޖެހޭ ކަމަށް އޮންނަ ގާނޫނު އަސާސީގެ 48 ވަނަ މާއްދާ ވަގުތުން ޑަސްބިނަށް ލާންޖެހޭނެ ކަމަށް ޑރ. ހަސަން ސައީދު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންގެ ހިމާޔަތާއި ހައްގުތަކާ ބެހޭ ގޮތުން މަޖިލިހުން ހަދައިފައި އޮންނަ ގަވައިދުގެ 202 ވަނަ މާއްދާ އާއި 205 ވަނަ މާއްދާ ވެސް ވަގުތުން ޑަސްބިނަށް ލާންޖެހޭނެ ކަމަށް ޑރ. ހަސަން ސައީދު ވިދާޅުވި އެވެ.


މި މައްސަލައިގެ ހުކުމް ހިއްވަވާނެ ދުވަހެއް އަދި އިއުލާނެއް ނުކުރައްވަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު