މާސްކް ތި ދޮންނަނީ ރަނގަޅަށްތަ؟

އޭޕްރީލް 22، 2020: ބިދޭސީއެއް ފޭސްމާސްކު އަޅައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާއޭޕްރީލް 22، 2020: ބިދޭސީއެއް ފޭސްމާސްކު އަޅައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19ގެ ނިއުނޯމަލްއާ އެކު އެންމެ ޑިމާންޑް ބޮޑީ ފޭސް މާސްކަށެވެ. ގެއިން ބޭރަށް ކިތަންމެ ކުޑަ ކަމަކު ނުކުމެލިޔަސް މާސްކް އެޅުން މިއަދު މަޖުބޫރެވެ. އޮފީސްތައް ހުޅުވި، ސްކޫލްތަކުގެ ކިޔެވުމާއި އަމިއްލަ ވިޔަފާރިތައްވެސް އާ ފެށުމަކުން މިވަނީ ފަށާފަ އެވެ. އެއާއެކު، ކޮންމެ ހެދުމަކާއި، ގަމީހަކާއި އެކު މިއަދު އެންމެ ހާއްސައީ އެމީހަކު އަޅާ މާސްކެވެ.

އިތުރުވި ޑިމާންޑާއި އެކު މާސްކްގެ އަގުތައްވެސް އުފުލިފައިވާއިރު، އާންމުންގެ ތެރޭގައި އެންމެ ގިނައިން ބޭނުންކުރަނީ ފޮތީ މާސްކް އެވެ. ދެވަނަ ފަހަރަށްވެސް ބޭނުންކުރެވޭ މި މާސްކްއަކީ ހަރަދު ކުޑަ ނަމަވެސް ފަރުވާތެރިކަމާއި އެކު ބެލެހެއްޓެން ޖެހޭ އެއްޗެކެވެ. ސުވާލަކީ މާސްކް މި ދޮވެނީ ރަނގަޅަށް ހެއްޔެވެ؟

އެމެރިކާގެ ގައުމީ ސިއްހީ އިދާރާ، ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ވަނީ ވަރަށް ތަފްސީލީ ގޮތެއްގައި މާސްކް ގެންގުޅުމާއި ބެހޭ އުސޫލުތަކެއް އެކުލަވާލާފަ އެވެ.

ފޭސް މާސްކްތަކެއް ޒިޕްލޮކް ބޭގެއްގައި --

މާސްކް ބޭނުން ނުކުރާއިރު ބާއްވާނީ ކިހިނެއް؟

މާސްކް އަޅައިން ހުންނަ ވަގުތު ނޫން އެހެން ވަގުތުތަކުގައި މާސްކް ބާއްވާފައި އޮންނަ ތަނަކީ ނުވަތަ އެއްޗަކީ އެކަށީގެންވާ ތަނެއްތޯ ޔަގީންކުރެވެން ޖެހެއެވެ. މިގޮތުން މާސްކް ތެތް ވެފައިވާނަމަ ނުވަތަ ބޭނުންކޮށް ދާވެފައި ވާނަމަ އެންމެ ރަނގަޅީ މާސްކް ޕްލާސްޓިކް ކޮތަޅެއްގައި ބޭއްވުމެވެ.

އެޕިޑެމޯލޮޖިސްޓް، ޑރ. އިބްރާހިމް އަފްޒަލް މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ތެތް މާސްކެއް ބޭނުން ކުރުމަށްވުރެ ރަނގަޅީ ބޭނުން ނުކުރުމެވެ. އަދި މިއީ މީހާ ނޭވާލުމަށްވެސް ހުރަސްތަކެއް ދިމާވެދާނެ ކަމަކެވެ. އެހެންކަމުން ދާހިތްލައިގެން، ނުވަތަ ކުޅު، މޭކަޕް ނުވަތަ އެނޫންވެސް ދިޔާއެއްޗެއް ޖެހި މާސްކް ތެތް ވެއްޖެ ކަމުގައިވާނަމަ އެންމެ ރަނގަޅު ގޮތަކީ މާސްކް ނެގުމަށްފަހު މިފަދައިން ޕްލާސްޓިކް ކޮތަޅަކަށް ލުމެވެ. އެހެންކަމުން ދަބަސް ތެރޭގައި ނުވަތަ އަތުޖެހޭ ހިސާބެއްގައި ޒިޕްލޮކް ބޭގެއް ބޭއްވުން ބުއްދިވެރި އެވެ.

ދެން އޮތް ހާލަތަކީ ތެތް އަދި ދާ ނުވާ މާސްކެވެ. މި ހާލަތުގައި ސީޑީސީ އިން ބުނާގޮތުން އެންމެ ރަނގަޅީ ކަރުދާސް ކޮތަޅެއްގައި މާސްކް ބޭއްވުމެވެ. މިސާލަކަށް ރެސްޓޯރެންޓެއްގައި ކާން އިށީންނަމުން، ނުވަތަ އޮފީހުގައި އިނދެ ކޮފީތަށްޓެއް ބޯލަމުން ވިޔަސް، މާސްކް ކުޑައިރުކޮޅަކަށް ނަގާނަމަ " ޑްރައި، ބްރީތަބަލް" އެއްޗެއްގައި ބޭޢްވުމަށް ސީޑީސީއިން ބުނެ އެވެ. އެއީ މިސާލަކަށް ކަރުދާސް ކޮތަޅެއް ނޫނީ، ފޮތި ދަބަހެކެވެ. ސަމާލުކަންދޭންވީ އެންމެ މުހިންމު އެއްކަމަކީ މާސްކްގައި އަތްލާ ކޮންމެ ފަހަރަކު އަތް ދޮންނަން ނުވަތަ ސެނެޓައިޒް ކޮށްލުމެވެ.

މާސްކް މެޝިނުން ދޮންނަންވީ ކިހިނެއް؟

މާސްކް ދޮވުމުގައި އާންމު އެހެން ހެދުންތަކާއި އެއްކޮށްލުމުން އެއްވެސް މައްސަލައެއް ނެތެވެ. އަދި އާންމުކޮށް ބޭނުންކުރާ ޑިޓާޖެންޓް ނުވަތަ އޯމޯގައި ދޮވެލެވޭނެ އެވެ. އަދި ދޮންނަންވީ ވަގުތާއި، ސްޕީޑް ބިނާވަނީ މާސްކްގެ މެޓީރިއަލްއަށް ކަމަށް ސީޑީސީ އިން ބުނެއެވެ.

މާސްކްތަކެއް އަވީގައި ހިއްކަނީ --- ފޮޓޯ:ނިއުޔޯކްޖޯނަލްސް

އަތުން ދޮންނަން ވެސް އެންމެ ރަނގަޅު

އަތުން މާސްކް ދޮންނައިރު ބޭނުންކުރުމަށް ސީޑީސީ އިން އެދެނީ އާންމު އިސްކުރޫ ފެނެވެ. އަދި ހެދުން ދޮންނަން ބޭނުންކުރާ ޑިޓާޖެންޓް ނުވަތަ ސައިބޯނި ބޭނުންކުރުމުގައިވެސް އެއްވެސް މައްސަލައެއް ނެތެވެ. ނަމަވެސް ރަނގަޅަށް ދޮވެ، ފެނުން ސާފުކޮށް ހުރިހާ ސައިބޯނި/ޑިޓާޖެންޓް ފިލާފައިވާކަން ޔަގީންކުރަން ޖެހޭނެ އެވެ.

އަންނައުނު ދޮވެ ހިއްކުމަށް ހާއްސަ ޑްރައާ އެއް ބޭނުންކުރުމުގެ ބަދަލުގައި އަހަރެމެން އާންމުކޮށް ބޭނުން ކުރަނީ އެއާ ޑްރައި އެވެ. މިހާލަތުގައި އެންމެ ރަނގަޅީ މާސްކް އަވިން ހިއްކުމެވެ. ސީދާ އަވީގައި ނުހިއްކޭނަމަ މާސްކް އެއްޗެއްގައި އެލުވައިގެން ނުވަަތަ ރަނގަޅަށް ފެތުރުމަށްފަހު އެއްކޮށް ހިކެންދެން ކޮންމެހެންވެސް ބާއްވަން ވާނެ އެވެ.

comment ކޮމެންޓް