ޕްރީއޯޑަރަށް ހުޅުވާލުމާއެކު އުރީދޫއިން އައިފޯން 12ޕްރޯގެ ސްޓޮކް ހުސްވެއްޖެ

އެޕަލްއިން އެންމެ ފަހުން ނެރުނު އައިފޯން 12 ސީރީޒްގެ ފޯނުތައް އުރީދޫއިން ޕްރީއޯޑަރަށް ހުޅުވާލުމާއެކު ޕްރޯ މޮޑެލްގެ ސްޓޮކް ހުސްވެއްޖެ އެވެ.

އުރީދޫ މޫލީ މެދުވެރިކޮށް އައިފޯން 12 އަދި 12 ޕްރޯ ޕްރީއޯޑަރަށް ހުޅުވާލީ އިއްޔެގަ އެވެ. އައިފޯން 12 ޕްރޯއަށް އޮތް ޑިމާންޑު ބޮޑުވުމާއެކު 24 ގަޑިއިރުގެ ތެރޭގައި އެ މޮޑެލްގެ ސްޓޮކް ވަނީ ހުސްވެފަ އެވެ.

އައިފޯން 12 މޮޑެލްގެ ސްޓޮކް އުރީދޫގައި މިހާރުވެސް ހުރިއިރު، އެކުންފުނިން ބުނީ މިހާރު ޕްރީއޯޑާ ކުރުމުން ކުރިއަށް އޮތް ނޮވެމްބަރު މަހުގެ މެދެއްހާ ހިސާބުގައި ފޯނު ލިބޭނެ ކަމަށެވެ.

ޕްރީއޯޑާކޮށްގެން ފޯނު ގަންނަ ކަސްޓަމަރުންނަށް ހަ މަހުގެ މުއްދަތަކަށް ކޮންމެ މަހަކު 12ޖީބީގެ ޑޭޓާ މުޅިން ހިލޭ ލިބޭނެ އެވެ.

އުރީދޫއިން އައިފޯން 12ގެ 128 ޖީބީ ވިއްކަނީ 20،099 ރުފިޔާއަށެވެ. އަދި 256 ޖީބީ ވިއްކަނީ 22،299 ރުފިޔާއަށެވެ. މި ދެ މޮޑެލްވެސް ލިބެން ހުރީ ކަޅު ކުލައިންނެވެ.

މިހާރު ވިކި ހުސްވެފައިވާ އައިފޯން 12 ޕްރޯގެ ދެ ކުލަ (ގްރެފައިޓް ބްލެކް، ޕެސިފިކް ބްލޫ) ވެސް ވިއްކަނީ 25،799 ރުފިޔާއަށެވެ. އެއީ 256ޖީބީގެ މޮޑެލް އެވެ.

ރީތި އައު ޑިޒައިންތަކެއް ހިމެނޭ، އައިފޯން 12 ގެ މޮޑެލްތަކުގައި ވާދަވެރި ކެމެރާ ސިސްޓަމްތަކަކާއެކު، އެޖް-ޓު-އެޖް ސުޕަ ރެޓިނާ އެކްސް.ޑީ.އާރް ޑިސްޕްލޭ ހިމަނާފައިވެ އެވެ.

ހަމައެއާއެކު ސެރަމިކް ޝީލްޑް ފްރަންޓް ކަވަރަކާއި އެކު އައިފޯން 12 ސީރީޒްގެ ފޯނުތަކުގައި ހިމަނާފައިވާ އެޕަލްގެ އޭ-14 ބަޔޮނިކް ޗިޕްއަކީ މިހާތަނަށް ސްމާޓްފޯނެއްގައި ބޭނުންކޮށްފައިވާ އެންމެ ހަލުވި ޗިޕް އެވެ.

އެޕަލްއިން ވަނީ މިއަހަރު މުޅިން އާ ސައިޒަކާއެކު އައިފޯން 12ގެ ހަތަރު މޮޑެލްއެއް ނެރެފަ އެވެ. އެއީ އައިފޯން 12، އައިފޯން 12 ޕްރޯ، އައިފޯން 12 ޕްރޯ މެކްސްގެ އިތުރުން މުޅިން އަލަށް ނެރުނު ސައިޒު ކަމަށްވާ އައިފޯން 12 މިނީ އެވެ.

comment ކޮމެންޓް