ޔައުގޫބުގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲގެ މެންބަރު ކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ބުނެ އޭނާގެ ގޮނޑިއާ މެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

ޔައުބޫގުގެ ގޮނޑިއާ މެދު ސުވާލު އުފެއްދީ، ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ހުރެ ޗާޓާޑް އެކައުންޓެންޓްސް ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސްގެ ކައުންސިލުގެ މެމްބަރުކަމާ އޭނާ ހަވާލުވެވަޑައިގަތުމުންނެވެ. އެ މަގާމާ ހަވާލުވެވަޑައިގަތުމުން އަމާޒުވި ފާޑުކިޔުމާއެކު ޔައުގޫބު މަގާމުން އިސްތިއުފާ ދެއްވި އެވެ.

ދައުލަތުގެ މުއައްސަސާއެއްގެ އެހެން މުސްތަގިއްލު މަގާމެއް އަދާ ކުރެއްވުމަކީ ޔައުގޫބުގެ ގޮނޑި ގެއްލޭނެ ކަމެއް ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އަލީ އާއި ޕީޕީއެމް، ޕީއެންސީގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އައްސަދު ޝަރީފެވެ. އެ ދެ ބޭފުޅުން ވިދާޅުވާ ގޮތުގައި ދައުލަތުގެ މުއައްސަސާއެއްގެ އެހެން މުސްތަގިއްލު މަގާމެއް އަދާ ނުކުރެއްވުމަކީ މަޖިލިސް މެމްބަރެއްގެ ހުންނަން ޖެހޭ ޝަރުތެކެވެ. ޗާޓާޑް އެކައުންޓެންޓްސް އިންސްޓިއުޓުގެ ކައުންސިލު މެމްބަރު ކަމާ ހަވާލުވެވަޑައިތުމުން އެ ޝަރުތު އުނިވެފައިވާ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

ޔައުގޫބާ ދެކޮޅަށް ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާއާ ޔައުގޫބު ހިލާފުވެވަޑައިގެންފައިވާ ކަމަށާއި އެހެން ކަމުން އޭނާ ފުރުއްވަމުންދާ ދާންދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައިދެއްވުން އެދޭ ކަމަށެވެ. އަދި 73 ވަނަ މާއްދާގެ (ރ)ގައި މެމްބަރުންގެ ޝަރުތުތައް ބަޔާންކުރަމުން ވަނީ މަޖިލީހުގެ މެމްބަރުންނަށް މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާނުކުރެވޭނެ ކަމަށެވެ. ނަމަވެސް، އެ މާއްދާގެ (ނ)ގައި މެމްބަރުކަމުން ވަކިވާނެ ސަބަބުތައްވެސް ބަޔާންކޮށްފައިވެ އެވެ.

އެ މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުން ނިންމާލުމުގެ ކުރިން ފަނޑިޔާރުން ކުރެއްވި ސުވާލުތަކަށް މިއަދު ދެ ފަރާތުން ވަނީ ޖަވާބު ދީފަ އެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ)ގައި ބުނާ ފަދަ ކަމެއް ކޮށްފި ނަމަ މެމްބަރު ކަމުގެ މަގާމުންް ވަކިވާނެތޯ ކުރީގެ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ސުވާލުކުރައްވައިފަ އެވެ. ގާނޫނުގައި އެއް މާއްދާއެއްގައި ވަކި ކަމަކަށް ކަނޑައަޅާފައި އޮންނަ އުގޫބާތެއް އެ ގާނޫނުގައި މަނާކޮށްފައި އޮންނަ އެހެން ކަމަކަށް ދެވިދާނެތޯވެސް ސުވާލު ކުރައްވާފައިވެ އެވެ. ޔައުގޫބުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މަހުފޫޒު ސައީދު ވިދާޅުވީ، އެއްވެސް ކަމަކަށް އަދަބެއް ކަނޑައަޅަން ވާނީ އެ މަނާ ކުރާ ކަމަކާއި އެ ކަމެއް ކުރުމުން ލިބޭނެ އަދަބު ކަނޑައެޅިގެން ގާނޫނުގައި ބަޔާންކޮށްފައި އޮވެގެން ކަމަށެވެ. މި ހާލަތުގައިވެސް ތަތުބީގު ކުރެވޭނީ އެ ހަމަ ކަމަށް ގަބޫލު ކުރައްވާ ކަމަށް މަހުފޫޒު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)ގައި މަޖިލީހުގެ މެމްބަރުުކަމުން ވަކިވާނެ ހާލަތުތައް ބަޔާންކޮށްފައި ވަނިކޮށް، މެމްބަރު ކޮށްގެން ނުވާނެ ކަންކަން ގަނޫނޫގެ 73 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައި އޮތުމުން، ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)ގައި އޮތް ނަތީޖާ އެއީ ހަމަ (ރ)އަށްވެސް ތަތުބީގު ކުރެވޭނެ ނަތީޖާއެއް ކަމަށް ކަނޑަނޭޅޭނެ ކަމަށް މަހުފޫޒު ވިދާޅުވި އެވެ.

"ގާނޫނުއަސާސީގައި ނެތް ކަމެއް، ގާނޫނުއަސާސީގައި ވަކި ކަމެއް ކުރުމުން ނުކުންނާނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނެތް ނަތީޖާއެއް ގާނޫނުއަސާސީއަށް އިތުރު ކުރުމުގެ ބާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ ކަމަށް އެއްވެސް މަސްދަރެއް އަޅުގަނޑުމެންނަށް ނުފެނުނު. އެފަދަ މަސްދަރެއް ނެތް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ، އަދި އެއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށް،" މަހުފޫޒު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމި ގަޒިއްޔާއަކާ ހަވާލާ ދެއްވައި މައްސަލަ ހުށަހެޅުއްވި ހަލީމް ވިދާޅުވީ، މެމްބަރުކަމުން ވަކިވާނެ ހަމައެކަނި ހާލަތްތަކަކީ 73 ވަނަ މާއްދާގެ (ނ)ގައި ބުނާ ފަދަ ކަމެއް ކުރުން ނޫން ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ކަމަށެވެ. ވަކީލު މަހުފޫޒު ވިދާޅުވީ، ސުޕްރީމް ކޯޓުގެ އެ ނިންމުމަށް ފަހުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުން ބަދަލުގެނެސްފައިވާ ކަމަށެވެ. އަދި ކުރިން ނިންމީ އެއްވެސް ގާނޫނީ މަސްދަރަކީ ހަވާލާދިނުމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީއިން ލިބިދޭ ބާރުގެ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށާއި އެހެންކަމުން އެ ނިންމުމާ ދުރަށް ދާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އައްސަދު ޝަރީފުގެ ފަރާތުން ވާހަކަ ދެއްކެވި ވަކީލު އަލީ ޝާހު ވިދާޅުވި ގޮތުގައި، ދައުލަތުގެ މަގާމެއްގައި ހުރި މީހަކު ގާނޫނުއަސާސީއާ ހިލާފު ކަމެއް ކޮށްފި ނަމަ އެ މީހަކު އެކަން ކުރީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައި އެ މީހަކު މަގާމުން ވަކި ކުރުމަށް ކަނޑައެޅުމުގެ ބާރު އޮންނާނީ ސުޕްރީމް ކޯޓަށެވެ. އެހެން ވިދާޅުވުމުން، ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކުރައްވައިފިއްޔާ ސުޕްރީމް ކޯޓަށް އޭނާ މަގާމުން ވަކި ކުރުވޭނެތޯ ފަނޑިޔާރު ސުއޫދު މިއަދު ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ޝާހު ފާހަގަކުރެއްވީ، ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގޭނެ ގޮތެއް ގާނޫނުއަސާސީގައި އޮންނަ ކަމަށެވެ. ނަމަވެސް، މެމްބަރެއް މަގާމުން ވަކި ކުރާނެ ގޮތުގެ އިޖުރާއަތެއް ބަޔާންކޮށްފައި ނޯންނަ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މަގާމެއް ހުސްވެއްޖެ ކަމާ މެދުގައި ނުވަތަ އޭނާ މަގާމުން ވަކި ކުރުމާ ގުޅޭ ގޮތުން އިތުރު އެއްވެސް އިޖުރާއަތެއްގެ ތެރެއިން ނުވަތަ އެއްވެސް މެކޭނިޒަމެއްގެ ތެރެއިން އެކަން ކުރެވޭނެ ގޮތެއް ބަޔާންކޮށްފައެއް ނެތް. ހަމައެކަނި އެކަން ކުރެވޭނެ ކަމަށް ވަކިން ހާއްސަ ބާރެއް ދީފައި އޮތީ ސުޕްރީމް ކޯޓަށް، އޮތީމާ އެކަން ކުރަން އޮންނަ ހަމައެކަނި މަގަކީ ސުޕްރީމް ކޯޓު ކަމަށް ބަލަން ޖެހޭ،" ޝާހު ވިދާޅުވި އެވެ.

ދައުލަތުގެ ބާރުތައް ވަކިކޮށް އޮތުމާ ޔައުގޫބުގެ ގޮނޑީގެ މައްސަލައާ ގުޅެނީ ކިހިނެއްތޯ ފަނޑިޔާރުން ކުރީގެ އަޑުއެހުމުގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ޝާހު ވިދާޅުވީ، ދައުލަތުގެ އެއް ބާރުގައި މަސައްކަތް ކުރާ މީހުން އެހެން ބާރެއްގައި މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ. އަދި ޗާޓާޑް އެކައުންޓެންޓްސް އިންސްޓިޓިއުޓުގެ ކައުންސިލު މެމްބަރުކަން ޔައުގޫބު އަދާ ކުރެއްވުމުން އެހެން ބާރުތަކުގެ މަސައްކަތުގެ ތެރެއަށް ވަދެވެނީ ކަމަށް ދޭހަވާ ގޮތަށް އޭނާ ވާހަކަ ދެއްކެވި އެވެ.

ޔައުގޫބު ހަވާލުވެވަޑައިގެންނެވި އިންސްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އަކީ މެމްބަރަކަށް މަގާމެއްގައި ނުހުރެވޭނެ މިނިވަން މުއައްސަސާއެއް ކަމާ މެދު މިއަދު ދެ ފަރާތުން ބަހުސް ކުރި އެވެ. ވަކީލު ހަލީމް އަދި އައްސަދު ޝަރީފުގެ ފަރާތުން ވިދާޅުވި ގޮތުގައި އެއީ މިނިވަން މުއައްސަސާއެކެވެ. ނަމަވެސް ޔައުގޫބުގެ ފަރާތުން އެކަމަށް ދެކޮޅު ހެދި އެވެ.

ސަރުކާރުގެ ކިހާވަރެއްގެ ނުފޫޒެއް އެ ކައުންސިލުގައި އޮންނާނެތޯ ފަނޑިޔާރުން މިއަދު ސުވާލުކުރެއްވި އެވެ. އައްސަދު ޝަރީފުގެ ފަރާތުން ވަކީލުން ވިދާޅުވީ، އެ އިންސްޓިޓިއުޓުގެ މެމްބަރުކަމުގައި މީރާގެ އިސްވެރިޔާ އަދި ފައިނޭންޝަލް ކޮންޓްރޯލާ ފަދަ ބޭފުޅުން ތިއްބަވާ ކަމެވެ. އެ ބޭފުޅުން އެތަނުގައި ތިއްބެވުމުން ސަރުކާރުގެ ނުފޫޒު އޮންނާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދެއްކެވި އެވެ. ނަމަވެސް، ޔައުގޫބުގެ ފަރާތުން ވިދާޅުވި ގޮތުގައި އެ ބޭފުޅުން އެތަނުގައި ތިބުމަކީ ނުފޫޒެއް އޮންނާނެ ކަމެއް ނޫނެވެ.

އޭގެ އިތުރުން، ވަޒީރުންވެސް ކޮށްގެން ނުވާނެ ކަންކަން ގާނޫނުގައި ބަޔާންކޮށްފައިވާއިރު، އެފަދަ ކަމެއް ކޮށްފި ނަމަ މަގާމުން ވަކިވާ ކަމަށް މިއަދު ހަލީމް ވިދާޅުވި އެވެ. އެކަމުގެ މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިނިސްޓަރު ކަމާ ހަވާލު ކުރެވުނު ގޮތެވެ. މައުސޫމް ފުރަތަމަ ވަޒީރު ކަމަށް އައްޔަން ކުރެއްވި އިރު އެހެން މަގާމެއްގައި ހުރުމުން، އިސްތިއުފާ ދެއްވުމަށްފަހު އަލުން ހުވާ ކުރެއްވިކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެހެން ހަދަން ޖެހުނީވެސް، ވަޒީރުން ކޮށްގެން ނުވާނެ ކަންކަމުގެ ގޮތުގައި އެހެން މަގާމެއްގައި ހުރުން ހިމެނޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލިސް މެމްބަރު ކަމުގައި ހުންނަވައިގެން އެހެން މަގާމަކާ ހަވާލުވެވަޑައިގަތުމަކީ މަނާ ކަމެއްކަން އެނގިވަޑައިނުގަންނަވާ ކަމަށް ޔައުގޫބު މީޑިއާގައި ވިދާޅުވެފައިވާ ކަމަށް ވަކީލު މިއަދު ޝާހު ވިދާޅުވެވައިވެ އެވެ. އަދި އެކަމުން އޭނާ އިއުތިރާފުވެވަޑައިގެންފައިވާކަން އެނގޭ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ދެއްކެވި އެވެ. ނަމަވެސް، މަހުފޫޒު ވިދާޅުވީ، ޔައުގޫބު މަގާމާ ހަވާލުވެވަޑައިގެންނެވީ ގާނޫނީ ލަފާ ހޯދެއްވުމަށްފަހު ކަމަށާއި، އިސްތިއުފާ ދެއްވީ އެކަމާ މެދު ހިޔާލު ތަފާތުވުންތަކެއް ހުރީތީ ކަމަށް ވިދާޅުވި ކަމަށެވެ. ގާނޫނުއަސާސީއިން ހުއްދަ ނުކުރާތީ އިސްތިއުފާ ދެއްވި ކަމަށް ވިދާޅުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، އިތުރު ކަމެއް ސާފު ކުރަން ނެތް ނަމަ ދެން އެ މައްސަލައިގައި އޮންނާނީ ހުކުމް ކުރަން ބޭއްވޭ އަޑުއެހުން ކަމަށެވެ.

އެ މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ސުއޫދެވެ. ދެން ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫންއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ.

comment ކޮމެންޓް