ބޭރު ސިފައިންގެ މައުލޫމާތު ހާމަނުކުރީ ގާނޫނާ އެއްގޮތަށް: އައިކޮމް

އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު މޫސާ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަށްޓަކައި ޑިފެންސް މިނިސްޓްރީގައި އެދުމުން އެ މައުލޫމާތު ހިއްސާކޮށްފައި ނުވަނީ ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތުމުން ކަމަށް ނިންމާފައިވާ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް އިންފޮމޭޝަންސް ކޮމިޝަނާސް އޮފީސް (އައިކޮމް) އިން ކަނޑައަޅައިފި އެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ސިފައިންގެ މައުލޫމާތު ދިނުމަށް އެދި ދިޔަރެސްގެ ނޫސްވެރިއެއް ކަމަށްވާ އަހުމަދު އަޒާން ޑިފެންސް މިނިސްޓްރީގައި އެދުނު ނަމަވެސް އެ މައުލޫމާތުތަކަކީ ގައުމީ ސަލާމަތަށް ނުރައްކާތެރި މައުލޫމާތުތަކެއް ކަމަށް ބުނެ ޑިފެންސް އިން އެ މައުލޫމާތު ދޭން އިންކާރުކުރި އެވެ.

އެކަމަށް ގޮތެއް ނިންމުމަށް މިއަދު އައިކޮމް އިން ބޭއްވި އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނާ ހުސައިން ފިޔާޒު ވަނީ އެ މައްސަލައާ ގުޅިގެން ފާހަގަކުރެވޭ ކަންތައްތައް ހިއްސާކުރައްވާފަ އެވެ.

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ދައުލަތުގައި ހުންނަ މައުލޫމާތެއް ލިބިގަތުމަކީ އާންމުގޮތެއްގައި ހުޅުވާލާފައިވާ ކަމެއް ކަމަށް ފިޔާޒު ވިދާޅުވި އެވެ.

"އެހެންނަމަވެސް ގާނޫނުގައި ބަޔާންކޮށްފައި ހުރި ސަބަބުތަކުން ސަބަބެއް ހިމެނޭނަމަ އެ މައުލޫމާތެއް ނުދީ ހިފެހެއްޓުމުގެ ހައްގު ދައުލަތުގެ އިދާރާއަށް ލިބިގެންވޭ،" ފިޔާޒު ވިދާޅުވި އެވެ.

އެ މައްސަލައިގައި އަޒާން ހޯދުމަށް އެދިފައިވަނީ ބޭރުގެ ގައުމަކަށް ނިސްބަތްވާ ސިފައިންގެ އަދަދާއި ކުރަމުންދާ ހަރަދުތަކުގެ ތަފްސީލު ދިނުމަށެވެ.

އެ މައްސަލައާ ގުޅިގެން ޑިފެންސުން ބުނެފައިވަނީ އެ މައުލޫމާތު ދޫކުރުމުން ގައުމީ ސަލާމަތަށް ނުރައްކާތެރިކަމެއް ކުރިމަތިވެދާނެ ކަމަށެވެ.

"މައްސަލަ ރައްދުވާ ފަރާތް [ޑިފެންސް] އިން ޖަވާބުގައި ބުނެފައިވަނީ ގައުމުގެ ސިފައިން ރާއްޖޭގައި ތިބީ ރާއްޖޭގައި ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށް ދިވެހި ދައުލަތުން ދީފައިވާ ހުއްދައިގެ ދަށުން ކަމަށް ޝަކުވާ ރައްދުވާ ފަރާތުން ބުނޭ،" ފިޔާޒު ވިދާޅުވި އެވެ.

އެފަދަ މައުލޫމާތެއް ހާމަކުރުމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބުރޫ އަރާފާނެ ކަމެއް ކަމަށް ޑިފެންސުން ވަނީ ބުނެފަ އެވެ. އެގޮތުން ސިފައިންގެ އަދަދުގެ އިތުރުން އެމީހުންނަށް ހަރަދު ކުރާ އަދަދު ހިއްސާކުރުމަކީ ސިފައިންގެ އަދަދު އެނގޭނެ ގޮތެއް ކަމަށްވެސް ޑިފެންސް އިން ވަނީ ބުނެފަ އެވެ.

އެހެން ގައުމެއްގައި އެ ގައުމުގެ ސިފައިން ތިބޭ ނަމަ އެ އަދަދު ހާމަކުރުމަކީ އެ ސިފައިން ނިސްބަތްވާ ގައުމަކުން ކުރާނެ ކަމަކަށްވާއިރު ރާއްޖެއިން އެފަދަ މައުލޫމާތެއް ހިއްސާކުރުމުން ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ޑިފެންސުން ވަނީ ބުނެފަ އެވެ.

ފިޔާޒު ވިދާޅުވީ ޑިފެންސުގެ ނިންމުން ނިންމާފައިވަނީ ގާނޫނާ އެއްގޮތުގެ މަތީން ކަމަށާއި އަދި އެ ނިންމުން ބަދަލުކުރަން ޖެހޭ ކަމަށް ނުފެންނަ ކަމަށެވެ. އަދި އެކަމަށް އިއުތިރާޒުވާ ކަމުގައިވާނަމަ ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހައްގު އަޒާންއަށް ލިބިގެންވާ ކަމަށްވެސް ފިޔާޒް މިއަދުގެ އަޑުއެހުމުގައި ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް