ހަނދުގައި ފެން ހުރި ކަމުގެ ހެކި ހޯދިއްޖެ: ނާސާ

ހަނދުގައި ފެން ހުރި ކަމުގެ ހެކި ހޯދިއްޖެ ކަމަށް އެމެރިކާގެ ގައުމީ ޖައްވީ އިދާރާ ނާސާއިން ބުނޭ -- ފޮޓޯ: ވިކްޓޯރިއާ ގިލް

ހަނދުގައި ފެން ހުރި ކަމުގެ ހެކި ހޯދިއްޖެ ކަމަށް އެމެރިކާގެ ގައުމީ ޖައްވީ އިދާރާ ނާސާއިން ބުނެފި އެވެ.

މީގެ 11 އަހަރު ކުރިންވެސް ހަނދުގައި ފެން ހުރި ކަމަށް ސައިންސުވެރިންނަށް ލަފާ ކުރެވުނު ނަމަވެސް އެކަން ޔަގީން ނުކުރެވެ އެވެ. ނަމަވެސް ސައިންޓިފިކް ޖާނަލްއެއް ކަމަށްވާ ނޭޗާ އެސްޓްރޮނޮމީގައި އިއްޔެ ޝާއިއު ކުރި ދެ ލިޔުމުގެ ތެރެއިން އެއް ލިޔުމުގައިވާ ގޮތުން ހަނދުގައި ފެން ހުރިކަން މިހާރު ނާސާއިން ވަނީ ޔަގީންކޮށްފަ އެވެ. އެ ލިޔުމުގައިވާ ގޮތުން ފެން ފެނިފައި ވަނީ ހަނދަށް އިރުގެ އަލި ފޯރާ ފަރާތުންނެވެ.

މީގެ ކުރިން 2018 ވަނަ އަހަރު ސައިންސުވެރިންތަކެއް ވަނީ ހަނދަށް އިރުގެ އަލި ނުފޯރާ ހިސާބުން ގަނޑުފެން ހޯދާފަ އެވެ. އަދި އިއްޔެ ޝާއިއު ކުރި ދެވަނަ ލިޔުމުގައިވާ ގޮތުން އެ ސަރަހައްދުގައި ކުރިން ހީކުރި ވަރަށް ވުރެ ގިނައިން ގަނޑުފެން ހުރި ކަމަށް މިހާރު ބެލެވެ އެވެ.

"ހަނދަށް އިރުގެ އަލި ފޯރާ ފަރާތުގައި އެޗްޓޫއޯ - އަޅުގަނޑުމެން މި ދަންނަ ފެން - ހުރި ކަމުގެ ހިލަމެއް މީގެ ކުރިން ވެފައިވޭ. މިހާރު އަޅުގަނޑުމެންނަށް އެކަން އެބަ އެނގޭ،" ނާސާ ހެޑްކުއާޓާސްގެ ސައިންސް މިޝަން ޑިރެކްޓޮރޭޓްގެ އެސްޓްރޯފިޒިކްސް ޑިވިޝަން ޑިރެކްޓަރު ޕޯލް ހާޓްޒް ވިދާޅުވި އެވެ.

އެ ދިރާސާގެ ސަބަބުން، ނާސާއިން ހަނދުގައި ދާއިމީ މަރުކަޒެއް ގާއިމު ކުރުމަށް ކުރާ އުއްމީދަށް ހިތްވަރު ލިބޭ ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި އެ ފެނާ ބެހޭ އިތުރު މައުލޫމާތު ހޯދާ، މުސްތަގުބަލުގައި ހަނދަށް ދާ އިންސާނުން އެ ފެން ބުއިމަށާއި ދަތުރުތަކަށް ބޭނުން ކުރެވޭނެ ގޮތެއް ހޯދަން ނާސާއިން ބޭނުންވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެ ދިރާސާ ހަދާފައި ވަނީ އެކަމަށް ހާއްސަކޮށް އުފައްދާފައިވާ ބޯއިން 747 މަރުކާގެ ބޯޓެއްގައި ބަހައްޓާފައި ހުންނަ އިންފްރާރެޑް ޓެލެސްކޯޕަކުންނެވެ. އެ ބޯޓު އޮޕަރޭޓު ކުރަނީ ނާސާ އާއި ޖަރުމަނުގެ ޖައްވީ އިދާރާ ޑީއެލްއާރުއިންނެވެ.

ނާސާއިން ދަނީ 2024ގައި ހަނދަށް އިންސާނުން ފޮނުވަން ތައްޔާރު ވަމުންނެވެ. އަދި އެއީ 2030ގެ އަހަރުތަކުގައި މާސްއަށް އިންސާނުން ފޮނުވުމަށްވާ ތައްޔާރީއެއް ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް