ޑުރަގާއެކު އަތުލައިގަތް އީރާން ބޯޓެއް ސަފާރީއަކަށް، މޭސްތިރިއަކީ ޝަހީބު

މިދިޔަ އަހަރު ތެރޭ މަސްތުވާތަކެއްޗާއެކު ރާއްޖެ ސަރަހައްދުން އަތުލައިގަތް އިރާންގެ ބޯޓަކާ ދިވެއްސަކު ހަވާލުވެ އެ ބޯޓު މިހާރު ސަފާރީއަކަށް ބަދަލު ކުރާކަން ހާމަވެއްޖެ އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި އއ. ހިމަންދޫގެ ހުޅަނގުން ގާތްގަނޑަކަށް 4.8 ނޯޓިކަލް މޭލު ބޭރުން އެ ބޯޓު އަތުލައިގަތީ މިދިޔަ އަހަރު ނޮވެމްބަރު މަހު އެވެ.

އިތުބާރު ހުރި މަސްދަރުތަކުން "ސަން"އަށް ކަށަވަރުކުރެވިފައިވާ ގޮތުގައި، އެ ބޯޓު މިހާރު އޮތީ ހިންމަފުށީ އޮޑި ހަރުގެއެއްގަ އެވެ. އެކަން އެ ރަށު ކައުންސިލުން ވެސް "ސަން"އަށް ކަށަވަރުކޮށްދެ އެވެ.

އަތުލައިގަތް އީރާން ބޯޓު ސަފާރީއަކަށް ބަދަލު ކުރަނި --- ސަން ފޮޓޯ/ ކިޔުންތެރިއެއް

އެ ބޯޓުން އީރާންގެ ހަތް މީހުން ހައްޔަރު ކުރި އިރު، އެ މައްސަލައިގައި ކޯޓުން ޖާމިނުވީ، މިފަހުން ފުލުހުން އަތުލައިގަތް 130 ކިލޯގެ މަސްތުވާތަކެތީގެ ނެޓްވޯކުގައި އިސް މޭސްތިރިއެއްކަމަށް ފުލުހުން ތުހުމަތު ކުރާ ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބް އިބްރާހިމެވެ.

"ސަން"އަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ޝަހީބް އިބްރާޙިމް އެ ބޯޓާ ހަވާލުވުމަށްފަހު، އޭނާ ވަނީ އެ ބޯޓު ސަފާރީއަކަށް ބަދަލު ކުރުމަށް ހިންމަފުށީ ވަޑާން ކުރާ މީހަކާ ހަވާލުކޮށްފަ އެވެ. އަދި އެ މަސައްކަތް ހިނގަމުންދެ އެވެ. އަދި އެކަމުގައި މެދުވެރިއަކަށްވީ، ޝަހީބްގެ ނެޓްވޯކުގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތު ކުރާ އިސްމާއިލް ރަޝީދު ކިޔާ މީހެކެވެ. އޭނާއަކީ ހިންމަފުށިން އެއް ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުވެސް ކުރި މީހެކެވެ.

ހުޅުމާލޭ ފަޅުން އަތުލައިގަތް 130 ކިލޯގެ ޑްރަގުގެ މައްސަލައިގައި ހައްޔަރުކުރި ޝަހީބު އިބްރާހިމް: އިރާން ބޯޓު ސަފާރީއަށް ބަދަލު ކުރުމުގައި އިސްކޮށް ހުރީވެސް އޭނަ -- ފޮޓޯ/ ޕީއެސްއެމް

"ސަން"އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މިހާރު އެ ބޯޓުގެ ވަޑާމުގެ މަސައްކަތްކޮށް ވަރަށް ބޮޑަށްކޮށް ބޯޓުގެ ބޮޑު ބައިވަނީ ސަފާރީއަކަށް ބަދަލުކޮށްފަ އެވެ. އެ ބޯޓު ސަފާރީއަކަށް ބަދަލު ކުރުމަށް ޝަހީބް ވަނީ ވަޑާން ކުރާ މީހާއަށް ގިނަ އަދަދެއްގެ ފައިސާ އެޑްވާންސަށް ދީފައިކަން ވެސް އެނގިފައިވެ އެވެ.

އެބޯޓުގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތްތަކެއް ކޮންމެވެސް ވަރަކަށް ފެނުނުއިރު، މާ ގިނަ އަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައެއް ނުވެ އެވެ. ގިނަ އަދަދެއްގެ މަސްތުވާތަކެތި އެ ބޯޓުން ފެނިފައި ނުވަނީ ދެ ސިނާރީއޯ އަކާ ގުޅިގެން ކަމަށް ވެސް ފުލުހުން ލަފާކުރެ އެވެ.

މަސްތުވާތަކެއްޗާއެކު އެތުލައިގަތް އީރާން ބޯޓު: އެ ބޯޓު މިހާރު ހަދަމުން ދަނީ ސަފާރީއަކަށް --- ފޮޓޯ/ އެމްއެންޑީއެފް

އެއް ސިނާރީއޯ އަކީ، ބޯޓު އަތުލައިގަތުމުގެ ކުރިން އެ ބޯޓުން ރައްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް ބޯޑަރު ސަރަހައްދުން އެހެން އުޅަނދަކަށް މަސްތުވާތަކެތި ބަދަލު ކޮށްފައި ވުމެވެ. އަނެއް ސިނާރިއޯއަކީ، ފުލުހުންނާއި ސިފައިން އެ ބޯޓު ކައިރިއަށް އަންނަކަން އެނގުމުން ކަނޑަށް އެ ތަކެތި އުކާލުމެވެ. ޔަގީންވާ އެއް ކަމަކީ، އެ އުޅަަނދަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން ބޭނުން ކުރި އުޅަނދެއްކަމެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި ހަތް މީހުން ފަހުން ވަނީ ދޫކޮށްލާފަ އެވެ. އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)އިން ނިންމީ، ހަތް މީހުންގެ މައްޗަށް ދައުވާ ނުކޮށް، އެ މީހުން ޑީޕޯޓްކޮށްލުމަށެވެ.

އަތުލައިގަތް އީރާންގެ ބޯޓު ތެރޭ ފަޅުވެރިން: އެ ބޯޓުން ހަތް އީރާން މީހުން ހައްޔަރު ކުރި --- ފޮޓޯ ފުލުހުން

ޕީޖީން އޭރު ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، ތަހުގީގުން އެނގުނު ގޮތުގައި އެ މީހުން ރާއްޖެއިން އަތުލައިގަތީ އިންޖީނު ހަލާކުވެ ހާލުގައި ޖެހިފައި ވަނިކޮށް ކަމަށާއި އަދި އެ މީހުން ރާއްޖެއަށް ޑްރަގު އެތެރެކުރުމުގެ ނިޔަތް އޮތް ކަން އެނގެން ނެތް ކަމަށެވެ. އެގޮތުން ދިވެހިންގެ އެއްވެސް ބަޔަކާއި އެމީހުން ގުޅިފައިވާ ކަމުގެ ހެއްކެއް ފުލުހުންގެ ތަހުގީގަށް ހޯދިފައި ނެތް ކަމަށް ވެސް ޕީޖީން ވަނީ ބުނެފަ އެވެ.

އީރާނުގެ މިފަދަ ބޯޓުތަކުގައި މީގެ ކުރިންވެސް ވަނީ ރާއްޖެއަަށް މަސްތުވާތަކެތި އެެތެރެކޮށްފަ އެވެ. އެގޮތުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އެންމެ ގިނައިން ފުލުހުން އަތުލާ ބޯޓުތަކުގެ ތެރޭގައި އީރާންގެ ބޯޓުތައް ހިމެނެ އެވެ.

comment ކޮމެންޓް