ކުޑަކުއްޖަކާ ބެހުނު މީހަކު 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

ހައިކޯޓު:--- ސަން ފޮޓޯ

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގި ކަމުގެ ކުށް ސާބިތުވި މީހަކު 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްގައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ދ. ކުޑަހުވަދޫ ފައިވްސްޓާ އިމްރާހިމް ޝުޖާއުގެ މައްޗަށެވެ.

އެ މައްސަލާގައި މީގެ ކުރިން ކުޑަހުވަދޫ ކޯޓުން ހުކުމްކޮށްފައިވަނީ ދައުވާ ސާބިތުވާވަރަށް ހެކި ލިބިފައި ނުވާތީ ޝުޖާއުގެ މައްޗަށް އެ ދައުވާ ސާބިތު ނުވާ ކަމަށެވެ.

ކުޑަހުވަދޫ ކޯޓުގެ ނިންމުން ދައުލަތުން ވަނީ އިސްތިއުނާފުކޮށްފައެވެ. އެ މައްސަލާގައި ހައިކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.

ހައިކޯޓުން މިއަދު ހުކުމް ކޮށްފައިވަނީ އެ މައްސަލާގައި ކުޑަހުވަދޫ ކޯޓުން ޝުޖާއުގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށް ކުރު ހުކުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ޝުޖާއުގެ މައްޗަށް ސާބިތުވާވަރަށް ހެކި ލިިފައިވާ ކަމަށް ހައިކޯޓުގެ ނިންމުމުގައި ވެއެވެ.

ޝުޖާއުގެ މައްޗަށް ދައުވާ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލަކުން އަމަލު ކުރުމުގެ ގާނޫނުގެ ނުވަވަނަ މާއްދާގެ (ހ) އާ ހަވަލާދީ، އެ މާއްދާގެ (ށ)ގެ ދަށުންނެވެ.

މި ހާދިސާ ހިނގިއިރު ކުއްޖާގެ އުމުރަކީ ނުވަ އަހަރެވެ. ހައިކޯޓުގެ ހުކުމުގައި ބުނީ ކުޑަކުއްޖާ އާއި މެދު އޭނާގެ ދޮން ބައްޕަ ޖިންސީ އަމަލު ހިންގާފައިވާކަމަށް ބުނެ، އެވާހަކަ ކިޔައިދިން ގޮތުގެ
މައްޗަށާއި، ކުއްޖާގެ މަންމަގެ އިތުރުން ކަމާބެހޭ ފަރާތްތަކަށް އެ ކުއްޖާ
ވާހަކަ ކިޔައިދީ، އެ ހާދިސާ ތަފާތު މާހައުލުތަކުގައި ސިފަކޮށްފައިވާ ގޮތުގެ މައްޗަށް ބަލާއިރުވެސް، ކުއްޖާގެ ވާހަކަތަކުގައި، އެ ވާހަކަތަކާ މެދު އެކަށީގެންވާ ޝައްކެތް އުފެދޭފަދަ ފުށުއެރުންތަކެއް ނެތްކަން
ފާހަގަކުރެވޭ ކަމަށެވެ.

comment ކޮމެންޓް