ފަންފުޅަށް ޖަހައިގެން ތިބޭ ޒަމާން ގޮއްސި، ކުރިޔަށްދާނީ ހުރިހާ ގައުމަކާއެކު: ޝާހިދު

ރާއްޖެއިން ބަވަނަވެފައިވާ ދުނިޔެއެއްގައި އެހެން ގައުމުތަކަށް އޮންނަ ބިރު އަދި އޮންނަ ޝައްކުތަކާއި ހެދި އެކުގައި މަސައްކަތްކުރަން ފަސްޖެހި ފިލާ ތިބޭ ޒަމާނުގެ ވިސްނުމަކީ ބޯދާ އަދި ފާއިތުވެފައިވާ ވިސްނުމެއްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

"ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވިގޮތުގައި މި ޒަމާނަކީ ހުރިހާ ގައުމަކާއިވެސް ވާހަކަަދައްކައިގެން ތަރައްގީއަށް މަސައްކަތްކުރަންޖެހޭ ޒަމާނެވެ. އަދި މި ސަރުކާރު އޮތީ އެއްވެސް ގައުމެއްގެ އަތްދަށުނުވާނޭފަދަ ހަރުދަނާ ސިޔާސަތުތަކެއްގެ މަތީގައިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު އަބަދުވެސް ބުނަމުން އަންނަ ވާހަކައެއް. ދިވެހިރާއްޖެ ވަށައި ފަންފުޅަފެއް ޖަހާލައިގެން އޭގެ އެތެރޭގައި ތިބެވޭނެ ޒަމާން ހިންގައްޖެއޭ. މިއަދު އަޅުގަނޑުމެން ޖެހޭނީ ފަހުރުވެރިކަމާއިއެކު ނިކުމެ ބޭރު މީހުންނާއިއެކުގައި ވާހަކަދައްކަން،" މިނިސްޓަރު ވިދާޅުވި އެވެ.

މި މަސައްކަތުގެ ތެރެއިން އެހެން ގައުމުތަކުން ބޭނުންވާހާ ގޮތަށް ކަންކަން ވިޔަ ނުދޭނެކަމުގެ ޔަގީންކަން އަމިއްލަ ނަފްސަށް އޮންނަންޖެހޭނެކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. އަދި މި ޔަގީންކަމާއިއެކު ކުރާ މަސައްކަތުގެ ނަތީޖާއަކީ ގައުމުތަކުގެ މެދުގައި ހަރުދަނާ ރަނގަޅު ގުޅުން ބަދަހިވެ އިސްވެރިންގެ މެދުގައި އެކަކު އަނެކަކަށް އިހްތިރާމު އުފެދުންކަމަށް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ގޮސް އެމެރިކާގެ ހާރިޖީ ވަޒީރު އަރިހުގައި ނުވަތަ އިނގިރޭސި ވިލާތުގެ ހާރިޖީ ވަޒީރުގެ ކުރިފުޅުމަތީގައި އިށީންނަ އިރުގައި އަމިއްލަ ނަފްސަށް އިތުބާރު އޮންނަން ޖެހޭނެއޭ، އެ އަޅުގަނޑުގެ ކުރިމަތީގައި އެ އިންނެވީވެސް ގައުމެއްގެ ޙާރިޖީ ވަޒީރެކޭ، އަޅުގަނޑުވެސް މި ރަމްޒުކުރަނީ ކިތަންމެ ކުޑަ ނަމަވެސް ގައުމެކޭ. އެހެންވީމަ އެފަރާތުން ބޭނުންވާހާކަމެއް ބޭނުންހާ ގޮތަކަށް އަޅުގަނޑު ލައްވާ ނުކުރުވޭނޭ. އަމިއްލަ ޒަމީރަށް އެ ޔަގީންކަން އޮންނަން އެބަ ޖެހޭ ނޫންތޯ؟" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

މިގޮތަށް ބޭރުގެ އެހެން ވެރިންނާއި ވާހަކަދައްކަން ފަސްޖެހި ނުވަތަ ވަކި ގައުމަކަށް ކަންކަމުގައި ބަރޯސާވެ، ބޭރުގެ ފަރާތްތަކުގެ ނިޔަތްތަކަށް އޮންނަ ޝައްކުގެ ވިސްނުމަކީ ގައުމުތަކާއިއެކު ތަރައްގީގެ މަގުން ކުރި އަރަން އޮންނަ ހުރަސްތަކެއްކަމަށް މިނިސްޓަރު ސިފަކުރެއްވި އެވެ. އަދި އެއީ ބޯދާ، މާ ކުރި ޒަމާނުގެ ވިސްނުމެއްކަމަށް ވިދާޅުވަމުން ރާއްޖެއަކީ ހުރިހާ ގައުމަކާއި އެކު ގުޅުން ބަދަހިކޮށް ތަރައްގީއަށާއި ސުލްހައަށް ގޮވާލާ ގައުމެއްކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

"އެހެންވީމަ އެކަން ނުކުރާންވެގެން ފިލާ، އެކަން ނުކުރާންވެގެން މީސްމީހުންނާއި ބައްދަލުނުކޮށް. އެކަން ނުކުރާންވެގެން އެމީހުން ވާހަކަދައްކާ ބަސްބަސް ބޭނުންނުކޮށް އަޅުގަނޑުމެންގެ އަމިއްލަ ބަހުން އެމީހުންނާއި ދިމާލަށް ބޭއަދަބީ އެއްޗިހި ބުނެ، އެ ޒަމާން ހިނގައްޖެ މިހާރު. މިހާރު ޖެހޭނީ ހަމަ ރީތިކޮށް ވާހަކަދައްކަން،" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

އޮކްޓޫބަރ 21، 2020: ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސަން އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއީ ރާއްޖޭގެ އިސްތިގުލާލަށް ބުރޫ އަރާފާނޭފަދަ މަސައްކަތެއް ނޫންކަމަށް ވިދާޅުވެ، މިއީ މިއަދުގެ މާހައުލުގައި ރާއްޖެ ކުރިއަރައި ތަރައްގީވާން އޮތް މަގު އަދި ސަލާމަތާއި ރައްކާތެރިކަން ލިބޭނެ މަގުކަމަށްވެސް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖެއާއި އެހެން ކުދި ޖަޒީރާ ގައުމުތަކާއި މިނިވަންކަމާއި އިސްތިގުލާލު، މި މާހައުލުގައި، ބަވަނަވެފައިވާ ދުނިޔެއެއްގައި އަޅުގަނޑުމެންނަށް ޔަގީންކުރެވޭނީ ހަމަ އެންމެ ގޮތަކަށް. އެއީ ގައުމުތަކާއިއެކު މަސައްކަތް ކުރުން. އަޅުގަނޑުގެ ސައްތައިން ސައްތަ ޔަގީންކަން އެބަ އޮތް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިގުލާލަށް ކުޑަވެސް ލޮޅުމެއް ނާންނާނެކަމަށް. ކުޑަވެސް ލޮޅުމެއް ނާންނާނެ." މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ރާއްޖެ އެއްވެސް ގައުމަކާއި އަރައިރުމެއް ނެތްކަން ފާހަގަ ކުރައްވައި މިނިސްޓަރު ޝާހިދު ވިދުވީ ރާއްޖެ މިހާރު މިއޮތީ ބޭރު އެހެން އެއްވެސް ގައުމެއްގެ އަތްދަށު ނުވާނޭ ފަދަ ހިސާބެއްގައިކަމަށާއި ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެއަށް އިހުތިރާމް އެބަ އޮތް ކަމަށެވެ.

"މި ދިވެހިރާއްޖެ މިއަދު މިވަނީ ބައިނަލްއަގްވާމީ މުޖުތަމައުގައި އެއްވެސް ބޭރު ބައެއްގެ އަތްދަށު ނުވާވަރަށް މިއަދުގެ ސަރުކާރުގެ ޒިންމާދާރު ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގެ އިހްތިރާމާއި ގަދަރު ލިބިފައި." މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

އެއްގައުމަކަށް މާ ބޮޑަށް ބަރޯސާ ވުމުގައި ކުރީގެ ސަރުކާރުގެ އަމަލުތައް ހުރި ނަމަވެސް، މި ސަރުކާރުގެ ސިޔާސަތަކީ ރާއްޖެއާއިއެކު ތަރައްގީގެ މަގުގައި ކުރިޔަށް ދާން އޮތް ގައުމެއްވިއްޔާ ގުޅުން ބަދަހިކޮށް ހުރިހާ ގައުމަކާއިއެކު ކުރިޔަށް ދިޔުންކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްވެސް ގައުމަކާއި އަރައިރުމެއް ނެތް. ޒުވާބެއް ނެތް. އަޅުގަނޑުމެންނަކީ ބައިނަލްއަގްވާމީ ދާއިރާގައި ސުލްހައަށް ގޮވާލާ ބައެއް. އަޅުގަނޑުމެން ބުނާހާވެސް ވާހަކައަކީ އޮމާންކަމާއި އަމާންކަމާއިއެކީގައި ރތަރައްގީގެ މަގުގައި ކުރިޔަށް ދާންވީއޭ. އަޅުގަނޑުމެންނާއިއެކު ތަރައްގީގެ މަގުގައި ކުރިޔަށް ދިޔުމަސް މަސައްކަތްކުރަން ތައްޔާރަށް ތިބި އަޅުގަނޑުމެންނާއިއެކު އެކުވެރިކަމުގެ ގުޅުން ބަދަހިކުރަން ބޭނުންވާ ބައިނަލްއަގްވާމީ ގާނޫނަށް ބޯލަނބާ ހުރިހާ ގައުމަކާއިއެކީގައި އަޅުގަނޑުމެން ކުރިޔަށް ދާނަން." މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި މިގޮތަށް ރާއްޖެއިން އެކުގައި މަސައްކަތް ނުކުރާނޭ ގައުމުތަކަށް ތިބޭނީ ވަރަށް މަދު ގައުމެއްކަމަށެވެ. އަދި އެ ގައުމުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކަށް ބޯނުލަނބާ ގައުމުތަށް ކަމަށާއި އެފަދަ ގައުމުތަކާއި އެއްވެސް ހާލެއްގައި ގުޅުން ބަދަހި ނުކުރާނޭކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

comment ކޮމެންޓް