ޝާހިދުގެ ޔަގީންކަން: އެއް ގައުމަކަށް ބަރޯސާވެ ނުތިބޭނަން

އޮކްޓޫބަރ 21، 2020: ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސަން އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު މި ސަރުކާރުގައި ބައްޓަންކޮށް ބައިނަލްއަގްވާމީ މަސްރަހުގައި ރާއްޖެ ފައިހަމަކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ އެއް ބޭފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ރާއްޖޭގައި އެކި އަހަރުތަކުގެ މަތިން އޮތް އެކި ސަރުކާރުތަކުގެ އެތައް އިސް މަގާމުތަކެއް ފުރުއްވާފައި މިނިސްޓަރު ޝާހިދަކީ ރާއްޖެ އާއި އެހެން ގައުމުތަކާ އޮންނަ ގުޅުން އަދި ސަރުކާރުގެ ސިޔާސަތުތައް ހިންގުމުގައި ފުރިހަމަ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. މަގާމަށް ވަޑައިގެންނެވިފަހުން މަޑުޖެހުމެއް ނެތި ބޭރުގެ އެކި އެކި ގައުމުތަކާއި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތުގައި މިނިސްޓަރު ޝާހިދަށްވެސް ވަނީ ރާއްޖެއިން ވަކި ގައުމަކަށް މާ ބޮޑަށް ބަރޯސާވެ އެ ގައުމަކާއި ގުޅުން ބަދަހިކުރާކަމުގެ އިލްޒާމުގެ އިނގިލި ދިއްކުރެވިފަ އެވެ.

"ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެފަދައިން ހީވެފައި އޮންނަ ސިޔާސަތުތަކުގެ ފަހަތުގައި ހަގީގަތުގައި ވަނީ ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ވިދާޅުވެ އެ ސިޔާސަތުތައް ތަފްސީލު ކޮށްދެއްވައިފަ އެވެ.

އިންޓަވިއުގައި މިނިސްޓަރު ޝާހިދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިޔާސަތު އަބަދުވެސް ބައްޓަންވެފައި އޮންނަނީ ރާއްޖެއަށް އެންމެ ފައިދާވާނޭ ގޮތަށް ކަމަށާއި އަދި މި ސަރުކާރުގެ ވިސްނުމަކީ ހުރިހާ ގައުމަކާއިއެކުގައި ވެސް ގުޅުން ބަދަހިކޮށްގެން ކުރިޔަށް ދިޔުންކަމަށް ވިދާޅުވެފަ އެވެ.

"ހާރިޖީ ސިޔާސަތަކީ އެންމެ ސާފު އިބާރާތުން ދަންނަވަންޏާ، އަބަދުވެސް އަމިއްލަ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަން ކުރެވޭނެ ގޮތަށް ބައްޓަންކޮށްފަ އޮންނަ ސިޔާސަތެއް. ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެންމެ ބޮޑު އަސާސަކަށް ވާން ޖެހޭނީ ރައްޔިތުންނަށް ލިބެން އޮންނަ ލުއިތަކެއް ހޯދައިދިނުން. އެއީ ވިޔަފާރީގެ ދާއިރާއިން ޓޫރިޒަމްކަމަށްވިޔަސް މަސްވެރިކަމުން ވިޔަސް މަގުފަހިކޮށްދިނުން." މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދު ފާހަގަކުރެއްވި ގޮތުގައި ކުރީގެ ސަރުކާރާއި ހިލާފަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރަކީ އެއްވެސް ގައުމަކަށް ވަކިން ހާއްސަކޮށް ބަރޯސާވެ، އެ ގައުމެއް މެދުވެރިކޮށް ހުރިހާކަމެއް ކުރަން ވިސްނާ ސިޔާސަތެއް ގެންގުޅޭ ސަރުކާރެއް ނޫނެވެ.

"އަޅުގަނޑުމެންނަކީ ވަކި އެއް ގައުމަކަށް ބަރޯސާވެގެން އެކުވެރިކަން ބަދަހިކުރާ ގައުމެއް ނޫން. އަޅުގަނޑުމެންނަކީ ހުރިހާ ގައުމުތަކަކަށް ހުޅުވާލެވިގެން ހުރިހާ ގައުމުތަކާއި އެކު ގުޅުން ބަދަހިކުރާ ބައެއް. އެއީ ދިވެހިރާއްޖެއަށް އޮތް އެންމެ ފައިދާ ހުރި ގޮތަކީ." މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

އިންޑިޔާގެ ގުޅުމުން އޮތީ ފައިދާ!

ރާއްޖެއިން ބައިނަލްއަގްވާމީ މައިދާނުގައި ހަރަކާތްތެރިވެ އެހެން ގައުމުތަކާއި ގުޅުން ބަދަހި ކުރި މިންވަރަކުން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދަމަހައްޓައި އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރެވޭނެކަމަށް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވި އެވެ. އިންޑިޔާ ކަނޑުގެ ރައްކާތެރިކަން ހިފެހެެއްޓުން އެއީ މި ސަރުކާރުގެ އެހެން އިސްވެރިންވެސް ވަރަށް ބޮޑަށް ފާހަގަކުރައްވާ އަދި ބާރު އަޅުއްވާ ކަމެކެވެ.

"އެހެންވީމަ ދިވެހިރާއްޖެއިން މަސައްކަތްކުރާނީ އިންޑިޔާ ކަނޑަށް އެއްވެސް ބޭރު ސަރަހައްދެއްގެ ކޮންފްލިކްޓެއް ނުގެނެސް ވޭތޯ. އަޔަ ނުދިނުމަށްޓަކައި ކުރަން ޖެހުނު ހުރިހާކަމެއް ކުރާނަން. މި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓޭނީ ބައިނަލްއަގްވާމީ މުޖުތަމައުގައި އަޅުގަނޑުމެން ހަރަކާތްތެރިވި މިންވަރަކަށް، އަޅުގަނޑުމެން ބައިވެރިވި މިންވަރަކަށް، އަޅުގަނޑުމެން ގައުމުތަކާއި އެކު މަސައްކަތްކުރި މިންވަރަކަށް." މިނިސްޓަރު ޝާހިދު ފާހަގަކުރެއްވި އެވެ.

އޮކްޓޫބަރ 21، 2020: ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސަން އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއާއި އިންޑިޔާއާ އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި މިނިސްޓަރު ޝާހިދު ވިދާޅުވީ އިންޑިޔާއަކީ މި ސަރަހައްދުގައި ޖިއޮގްރަފީގެ ގޮތުން ބެލިނަމަވެސް އެންމެ ކައިރީގައި އެހީތެރިވެވެން އޮތް ގައުމަކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ ދަށުން ރާއްޖޭގެ އެތައް ރައްޔިތުންނަކަށް އެތައް ފައިދާތަކެއްވަމުންދާކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެގޮތުން 1988 ވަނަ އަހަރުގެ އުދުވާނީ ހަމަލާ، ސުނާމީ ކާރިސާ، އަދި 2014 ވަނަ އަހަރު މާލެ ފެނަށް ޖެހުނު ހާދިސާތަކަށް އިޝާރާތްކުރައްވަމުން އެ ހާލަތްތަކުގައި އިންޑިޔާގެ ފަރާތުން ލިބުނު އެހީތެރިކަމުގެ އަވަސްކަން ފާހަގަކުރައްވައިފައެވެ. އަދި މިހާރުވެސް ރާއްޖޭގެ ރައްޔިތުންނަށް ކޮވިޑުގެ ހާލަތުގައިވެސް އިންޑިޔާގެ ފަރާތުން ވާ އެހީތަކާއި ބޭސްފަރުވާގެ ކަންކަމުގައި އޮތް ފަސޭހަތަކަކީ ރާއްޖެއާއި އިންޑިޔާއާއި ދެމެދުގައި އޮންނަ ގާތްގުޅުމުގެ ސަބަބުން ލިބޭ ފައިދާތަކެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޗައިނާއާއި އަރައިރުމެއް ނެތް، އޮންނަނީ ހަމަ އެއް ސިޔާސަތެއް

މި ސަރުކާރުގައި ޗައިނާ އާއި އެއްވެސް އަރައިރުމެއް ނެތްކަމަށް ފާހަގަކުރައްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސާދުކަމުގައިވާ ޗައިނާ އާއި ދޭތެރޭވެސް ރާއްޖެއިން ގެންގުޅެނީ ހަމަ ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތްތައް ހޯދުމުގެ ސިޔާސަތުކަމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަން ކުރަންޖެހޭނީ ޗައިނާގެ އިގްތިސޯދުގެ ތެރެއިން އަޅުގަނޑުމެންގެ ގައުމަށް ނެގެން އޮތް ފައިދާއެއް ނެގުމަށް. ޗައިނާއަކީވެސް ރާއްޖެއަށް ދީލަތި އެހީތަކެއް ވަމުން އަންނަ ޒަމާންވެފަ އޮތް ގައުމެއް. ދެން އަޅުގަނޑު އަބަދުވެސް ބުނަމުން އަންނަ ވާހަކައަކީ ހުރިހާ ގައުމަކާއި އެކުގައިވެސް މަސައްކަތްކުރާނަމޭ،" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

މިިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 30 ޕަސެންޓަކީ ޗައިނާގެ ފަތުރުވެރިންނެވެ. އަދި ސަރުކާރުން ދަނީ ރާއްޖޭގައި ބާނާ މަސް ޗައިނާ އަދި ރަޝިއާ ފަދަ ގައުމުތަކަށްވެސް ބޭރުކުރުމަށް މަސައްކަތްކުރަމުންނެވެ. މިފަދަ ގާތް އަދި ފައިދާހުރި ގުޅުންތަކެއް ރާއްޖެއާ އެހެން ގައުމުތަކާ ދެމެދުގައި އޮންނަ ހިނދު ރާއްޖެއިން އެއްވެސް ގައުމަކާއި އިދިކޮޅަށް ނުވަތަ އަދާވާތްތެރިގޮތަކަށް ބަސްބުނަންޖެހޭ ހިސާބަކަށް ނުދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފެބްރުއަރީ 4، 2020: ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ޒޭންގް ލިޒޮންގް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަޅުގަނޑުމެން ޗައިނާއާއި ދިވެހިރާއްޖެއާއި ދެމެދުގައި މިއޮތް ގާތް ގުޅުން ބަދަހިކުރަމުން ގެންދާނަން. ދެ ގައުމުގެ ފައިދާއަށްޓަކައި. އަޅުގަނޑުމެންގެ އެއްވެސް ކަހަލަ އަރައިރުމެއް ނުރުހުމެއް ނުވަތަ އެނޫންވެސް ހިޔާލުތަފާތުވުމެއް ނެތް ޗައިނާއާއި ދެތެރޭގައި،" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެއްވެސް ގައުމަކުން މަދު ހާލަތެއްގައި މެނުވީ އެހެން ގައުމަކަށް ހާއްސަ އިނާޔަތްތަކެއް ނުދޭނެ އެވެ. ކޮންމެ ގައުމަކުންވެސް އެ ގައުމެއްގެ ރައްޔިތުންނަށް ނިކަމެތިވާފަދަ ގޮތަކަށް ނިންމުމެއް ނުނިންމާނޭފަދައިން ކޮންމެ ގައުމެއްގައިވެސް ހާރިޖީ ސިޔާސަތަކީ އެގައުމެއްގެ ރައްޔިތުންގެ މަސްލަހަތާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. ހަމަ އެގޮތަށް ރާއްޖޭގެ ސިޔާސަތުވެސް ބައްޓަންވެފައިވަނީ ހުރިހާ ގައުމަކާއިއެކުގައި ވެސް ގުޅުން ބަދަހިކޮށް އަމިއްލަ މަސްލަހަތަށް ފައިދާ ހޯދުމެވެ.

"އެއީ މި ދަންނަވާ، ހާރިޖީ ސިޔާސަތުގައި އޮންނަ އެންމެ ފަހުން ދަމާލާ ރޮނގުވެސް އަދި އެންމެ ކުރިން ނެރޭ ވިސްނުމަކީވެސް އަމިއްލަ ގައުމުގެ، އަމިއްލަ ރައްޔިތުންގެ މަސްލަހަތު އިސްކުރުން." މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

comment ކޮމެންޓް