އަބްދުﷲ ގާޒީއަށް ހުކުމް ލިޔެދެއްވަނީ އާޒިމާ ކަމަށް މުސްތޮފާ ވިދާޅުވުމުން އާޒިމާ ދައުވާ ކުރަނީ

ހުކުމްތައް އިއްވަންވީގޮތް ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދަށް އެސްއެމްއެސް ކޮށްދެއްވަނީ އައިޝަތު އާޒިމާ ޝަކޫރު ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ ދެއްކެވި ވާހަކަފުޅު ދޮގު ކުރައްވާ އަބުރުގެ ދައުވާ ހިމެނޭ ގޮތަށް މުސްތޮފާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ކުރަންޖެހޭ މަސައްކަތް ކުރައްވާނެ ކަމަށް އާޒިމާ ވިދާޅުވެއްޖެ އެވެ

މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާޒިމާ މިއަދު ވިދާޅުވީ އޭނާއަށް ތުހުމަތުކޮށް މުސްތޮފާ ދެއްކެވި ވާހަކަތަކާމެދު އަބުރުގެ ދައުވާއާ ހިމެނޭ ގޮތަށް ގާނޫނީ ފިޔަވަޅު އެޅުމަށް އޭނާގެ ގާނޫނީ ވަކީލުންގެ ޓީމާ މަޝްވަރާކުރައްވައި މިހާރު މައްސަލަ ދިރާސާ ކުރަން ފައްޓަވާފައިވާ ކަމަށެވެ.

"އެ ވާހަކަތަކަށް [ މުސްތޮފާ ދެއްކެވި ވާހަކަތަކަށް] އަޅުގަނޑު އިންކާރު ކުރަން. އަދި އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރަން." އާޒިމާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭނާއަކީ ކްރިމިނަލް މައްސަލަތަކަށް ޝައުގުވެރިވެ ވަޑައިގަންވާ ބޭފުޅެއް ނޫން ކަމަށާއި ކޯޓްތަކުގައި ވަކާލާތު ކުރެއްވުމުގެ ހަޔާތުގައި ވެސް ކްރިމިނަލް ކޯޓަށް ވަޑައިގެން ވަކާލާތު ކޮށްފައި ވަނީ ވަރަށް މަދު ފަހަރެއްގައި ކަމަށެވެ.

"ކްރިމިނަލް މައްސަލަތަކެއްގައި އަޅުގަނޑު އުޅުނީ ވެސް ޔާމީން މައްސަލައާ ޑރ. ޖަމީލުގެ މައްސަލައާ ޣައްސާންގެ މައްސަލައިގަ. އެއީ ވެސް މުއްދަތު ޖެހުމުގެ މައްސަލަތައް،" އާޒިމާ ވިދާޅުވި އެވެ. "އެއް އިރެއްގައި ވެސް އަޅުގަނޑުގެ އިންޓްރެސްޓެއް ނޯވޭ ކްރިމިނަލް މައްސަލަތަކަށް އަދި ކްރިމިނަލް ކޯޓަކަށް ވެސް އަޅުގަނޑުގެ އިންޓްރެސްޓެއް ނުހުރޭ،"

އާޒިމާ ވިދާޅުވީ ދުވަހަކު ވެސް އަބްދުﷲ ގާޒީއަށް އެސް އެމްއެސް ފޮނުވާ ފޯނުން ވާހަކަފުޅު ދައްކަވާ ނޫޅުއްވާ ކަމަށާއި ރާއްޖޭގެ ކޮމިނިއުކޭޝަން އޮތް ގޮތާ ފަރުދުންގެ ޕްރައިވަސީ އޮތް ގޮތް ވެސް ވަރަށް އެނގިވަޑައިގަންވާ ކަމަށެވެ.

"އަނެއްކާ މުސްތޮފާއަށް އެސްއެމްއެސްތައް ލިބުނު ގޮތަކާ އޭގެ ކްރެޑިބިލިޓީއާ ދޭތެރޭގައި ވެސް ސުވާލު އުފެދޭ؟" ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާ ދެކޮޅަށް ވަކާލާތު ކުރައްވާ، ބޮޑެތި އެތައް މައްސަލައެއްގައި ކާމިޔާބު ހޯއްދަވާފައިވާ އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ ދޮގު ވާހަކަތަކެއް މުސްތޮފާ ދެއްކެވި ނަމަވެސް ވަކާލާތު ކުރެއްވުމުގަ އާއި ގާނޫނީ މަސައްކަތްތައް ކުރެއްވުމުގައި ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށައި މިދެއްކިވާހަކަތުގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅުތަކައިގެން ކުރިޔަށް ވަޑައިގަންނަވާނެ ކަމަށެވެ.

އާޒިމާގެ މައްޗަށް ތުހުމަތުތަކެއް ކުރައްވާ މުސްތޮފާ ވާހަކަފުޅު ދެއްކެވީ އެމްޑީޕީގެ "ތިޔަހަނެއް ނުކިޔޭނެ" ކެމްޕޭނުގައި ޖަލްސާއެއްގައި ރޭގަ އެވެ. ރޭގެ ޖަލްސާގައި މުސްތޮފާ ވިދާޅުވެފައި ވަނީ ސިފައިން ހައްޔަރުކޮށްފައިވާ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ފޯނަށް މީގެ ހަަ މަސްކުރިން ފެށިގެން އިއްޔެއާ ހަމައަށް ފޮނުވާފައިހުރި އެސްއެމްއެސް ރިކޯޑިން ތައް ފެނިފައިވާ ކަމަށާއި އެ ރިކޯޑިންތައް ބެލިއިރު އެސްއެމްއެސް އިން ހުކުމްތައް ދީފައި ހުންނަނީ އާޒިމާ ކަމަށެވެ.

"އާޒިމާ ޝުކޫރު އިންނަނީ ހުކުމްދީފައި. މިހެން ހުކުމް ކުރާށޭ އެހެން ހުކުމް ކުރާށޭ. އަބްދުﷲ ގާޒީ މި އިންނަނީ ބުނެފައި ތިމަންނަ ހުކުމުގައި ގެންނާނެ އިބާރާތަކީ މިއޭ. ކިހިނެއްތޯއޭ ފެންނަނީ. އާޒިމާ ޝަކޫރު ބުނަނީ އެހެނެއް ނޫނޭ ހުކުމުގެ އިބާރާތް ގެންނާނީ މި ގޮތަށޭ. މިވެނި ދުވަހެއްގައި ބޭންކް ފާޅާލި މީހާ 18 މިލިއަން ރުފިޔާގައި ބައިވެރިވެއޭ އެއީ ތިމަންނާގެ މިވެނި މީހެކޭ އެނާ މިއަދު ދޫކޮށްލާށޭ...'' މުސްތަފާ ވިދާޅުވެފައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު