އައްޑޫ ފްލައިން ސްކޫލަށް ފިޔަވަޅު އަޅަން ހަޔައެޑިއުކޭޝަނުން ނިންމައިފި

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކޮށްފައިވާ ފްލައިން ސްކޫލް - ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ފްލައިން ސްކޫލު، އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގެ ދަރިވަރުންނާ ގުޅޭ ކަންތަކުގައި އެ އެކެޑަމީ އިން އިހުމާލުވެފައިވާތީ، އެތަނާމެދު ފިޔަވަޅު އެޅުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ނިންމައިފި އެވެ.

އެ މިނިސްޓްރީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު 2019 ވަނަ އަހަރުގެ އޭޕްރިލް މަހު އަދި މިއަހަރުގެ އޮކްޓޯބަރު މަހުވެސް ފާހަގަކޮށްފައިވާ ކަންކަމަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ކަމަށެވެ.

އަދި 2019 ވަނަ އަހަރުގެ އޭޕްރިލް އިން ފެށިގެން މިއަހަރުގެ އޮކްޓޯބަރާ ހަމައަށްވެސް އެކަންކަން ރަނގަޅުކުރުމަށް އެދެވޭ މިންވަރަށް މަސައްކަތްކޮށްފައި ނުވާ ކަމަށާއި، ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާއާއެކު، ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވައިދާއި އެއްގޮތަށް އެކަޑަމީއަށް ފިޔަވަޅުއަޅަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ އެ އެކަޑަމީގައި މިވަގުތު މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު ފުރުސަތުގައި ކިޔަވަމުންދާ ދަރިވަރުންނާއި، އަމިއްލަ ހަރަދުގައި ކިޔަވަމުންދާ ގިނަ ދަރިވަރުންތަކެއްވެސް ހިމެނޭ ކަމަށެވެ.

އެގޮތުން މިނިސްޓްރީއިން އެ އެކަޑަމީއަށް އަންގާފައި ވަނީ މިއަދުން ފެށިގެން މަސައްކަތު 20 ދުވަހުގެ ތެރޭގައި މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު ފުރުސަތުގައި އެ އެކަޑަމީގައި ކިޔަވަމުންދާ 96 ދަރިވަރުންނާއި، އަމިއްލަ ހަރަދުގައި ކިޔަވަމުންދާ ދަރިވަރުންގެ ވެސް ކޯސް ނިންމުމަށް އިންޑިވިޖިއުލް އެޑިއުކޭޝަން ޕްލޭންއެއް ހެދުމަށްފަހު މިނިސްޓްރީ އަށް ހުށަހެޅުމަށެވެ.

އެ ޕްލޭން ތަންފީޒުކުރުމާއި ގުޅޭ ހުއްދަ މިނިސްޓްރީ އިން ހޯދައިގެން ކުރިއަށް ގެންދިއުމަށް އެ ފަރާތަށް އަންގާފައިވާނެ ކަމަށާއި އެ އެކަޑަމީއިން ހުށަހަޅާ ޕްލޭންއެއް ކުރިއަށް ގެންދިއުމުގައި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރެވޭނެ ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.

"ޕްލޭންއާ އެއްގޮތަށް އަމަލުކޮށް، ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރެވެންދެން، އިތުރު ދަރިވަރުން އެކަޑަމީގައި އެންރޯލްނުކުރެވޭނެ ކަންވެސް އެ ފަރާތަށްވާނީ އަންގާފައެވެ. އަދި ސިވިލް އޭވިއޭޝަނުން އޮކްޓޯބަރު މަހު ފުރިހަމަ ކުރި އޮޑިޓަށްފަހު ހުށަހަޅާފައިވާގޮތަށް ހަފްތާއަކު ތިން ދުވަހުގެ ބަދަލުގައި ފަސް ދުވަހަށް އޮޕަރޭޝަންސް ބަދަލުކުރުމަށްވެސް އަންގާފައިވާނެ އެވެ." ހަޔާ އެޑިއުކޭޝަނުން ނެރުނު ބަޔާނުގައިވެ އެވެ.

އެ މިނިސްޓްރީ އިން ބުނީ ދެފުށް ފެންނަ ގޮތަށް، ދުރާލާ ޝެޑިއުލްތައް ތާވަލްކޮށް ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދަން ފަސޭހަވާނެހެން ތަމްރީނާއި އިމްތިހާނުގައި ބައިވެރިވުމުގެ މަގުފަހުކޮށްދިނުމަށް ވެސް އޭއޭޢޭ އަށް އަންގާފައިވާނެ ކަމަށާއި އެއްވެސް އެއާ ކްރާފްޓަކަށް މައްސަލައެއް ދިމާވެފައިވާނަމަ، އެކަމެއް އަވަހަށް ހައްލުކޮށް، ނުވަތަ ދަރިވަރުންގެ އަތުން ނެގޭ ފީ އިތުރު ނުވާނެހެން، ގަވާއިދުތަކުގެ ތެރެއިން އެހެން އެއާކްރާފްޓެއް ބޭނުންކޮށްވެސް ދަރިވަރުންގެ ކިޔެވުމަށް ބުރުއެއް ނާންނަގޮތަށް ކުރިއަށްގެންދިއުމަށް އަންގާފައިވާނެ ކަމަށެވެ.

މީގެ އިތުރުން އޭއޭއޭ އިން ދަރިވަރުންގެ އަތުން ފީ ނަގަމުންދަނީ ބޭރު ފައިސާއިން ކަމަށާއި އެގޮތަށް ރާއްޖޭގައި ކިޔަވައިދޭ ތަނަކުން ދަރިވަރުން އަތުން ބޭރު ފައިސާ އިން ފީ ނެގުމަކީ މިއީ މަނިޓަރީ ގަވާއިދާއި ހިލާފުކަމަށްވާތީ، މިކަން ނުކުރުމަށްވެސް އަންގާފައިވާނެ ކަމަށް ބުންޏެވެ.

އެއްވެސް ހާލެއްގައި ދަރިވަރުންގެ ކިޔެވުމަށް ބުރޫއެރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ހަޔާ އެޑިއުކޭޝަނުން ބުުނީ އޭއޭއޭގެ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ހޯދައިދިނުމަށް، ރާއްޖޭގައި ކިޔެވުމަށް ދޫކޮށްފައިވާ މަތީ ތައުލީމާއި ތަމްރީނުގެ ލޯނު ފުރުސަތުގައި ކިޔަވަމުންދިޔަ ދަރިވަރުން ރާއްޖެއިން ބޭރަށް ބަދަލުވެގެން ކިޔެވުމުގެ ހުއްދަ 16 ޖުލައި 2019 ގައި ދީފައިވާނެ ކަމަށެވެ.

"އާއްމުކޮށް މި މިނިސްޓްރީއިން އަމަލުކުރާ އުސޫލަކީ ރާއްޖޭގައި ކިޔެވެން ހުންނަ ފުރުސަތުތަކަށް ރާއްޖެއިން ބޭރުގައި ކިޔެވުމަށް ލޯނު ފުރުސަތަށް ހުޅުވާނުލުން ކަމުގައި ވީނަމަވެސް، މި ޕްރޮގްރާމް ކިޔެވުމުގެ ހުއްދަ މިއަހަރު ރާއްޖެއަށް ހުޅުވާލާފައެއް ނުވާނެއެވެ" މިނިސްޓްރީ އިން ބުންޏެވެ.

މީގެ އިތުރުން ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރުމުގައި ހުރި ގޮންޖެހުންތަކަށް ފުރިހަމަ ހައްލެއް ލިބިފައިނުވާތީ، މިނިސްޓްރީގެ މަތީ ތައުލީމާއި ތަމުރީނުގެ ލޯނު ފުރުސަތުގެ ދަށުން އޭއޭއޭގަިއ މިހާރު ކިޔަވާ 96 ދަރިވަރުންގެ ވެސް ލޯނު އަނބުރާ ދައްކަން ފެށުމުގެ މުއްދަތު، ކޯސް ނިންމޭ މުއްދަތަށް ހެކި ލިބޭނެ ލިޔެކިޔުން ދަރިވަރުން ހުށަހެޅުމުން، ކޯސް ނިންމޭ ތާރީހަކުން ފެށިގެން 6 މަސްދުވަހަށް އިތުރުކޮށްދީފައިވާނެ ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.

ފްލައިން ސްކޫލްގެ ޕައިލެޓްކަން ކިޔަވަން އާންމުކޮށް ހޭދަވަނީ އެއް އަހަރާއި 18 މަސް ދުވަހުގެ މުއްދަތެކެވެ. އަދި އެ މުއްދަތު ނިމުމުން ދަރިވަރުން ހަ މަސްތެރޭގައި ލޯން ދައްކަން ބަޔާންކޮށްފައި އޮތް ނަމަވެސް ކޯސް ދިގުލައިގެން ގޮސް ދެތިން އަހަރުވެސް ހޭދަވެ އެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ ޒިންމާދާރުކަމާއިއެކު ދަރިވަރުންގެ ޕްރޮގްރާމް ފުރިހަމަކޮށްދިނުމާއި، ޕްރޮގްރާމްގެ ފެންވަރު ހިފެހެއްޓުމަށް އޭއޭއޭ އަށް އަންގާފައިވާނެ ކަމަށެވެ.

comment ކޮމެންޓް