ތިމަރަފުއްޓަށް ބީއެމްއެލް ސެލްފް ސާވިސް ބޭންކިން ސެންޓަރެއް

ތ. ތިމަރަފުށީގައި ހުޅުވި ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ސެންޓަރު -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ތ. ތިމަރަފުށީގައި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

ބީއެމްއެލްއިން ބުނީ ތިމަރަފުށީގައި ހުޅުވި، އެ ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

އެ ސެންޓަރގެ ސަބަބުން ރަށުގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށާއި، ވިޔަފާރިތަކަށް އަދި ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ބޭންކިން ހިދުމަތްތައް ހޯދުމަށް ވަރަށް ބޮޑަށް ލުއި ފަސޭހަވެގެންދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އަދި ފައިސާގެ މުއާމަލާތްކުރުމަށް އެންމެ ކައިރި ބްރާންޗަށް ކުރާ ދަތުރުތަކަށް ނިމުމެއް އައިސް ބޭނުން ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބުންޏެވެ.

މިއީ ތ. އަތޮޅުގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ދޭން ފެށި ތިން ވަނަ ރަށެވެ. ބީއެމްއެލްއިން އަންނަނީ ގުރައިދޫ އަދި ވޭމަންޑޫގައިވެސް އޭޓީއެމް އަދި ބްރާންޗްގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

ބީއެމްއެލްއިން 20 އަތޮޅެއްގައި 38 ބްރާންޗް، 61 ސެލްފްސާވިސް ބޭންކިން ސެންޓަރު، 124 އޭޓީއެމް ހިންގަ އެވެ. އަދި ބީއެމްއެލްގެ 200އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ތިބެ އެވެ.

comment ކޮމެންޓް