އަންނަ މަހުގެ ތިނެއްގައި އެމެރިކާގެ ރިޔާސީ އިންތިހާބު ބޭއްވުމުގެ ކުރިން އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ލަންކާއަށާއި ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް އިންޑިއަން އެކްސްޕްރެސް ނޫހުން ރިޕޯޓުކޮށްފި އެވެ.
އިންޑިއަން އެކްސްޕްރެސްގައިވާ ގޮތުން ލަންކާއަށާއި ރާއްޖެއަށް ޕޮމްޕެއޯ ވަޑައިގަންނަވާނީ އޭނާ އާއި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މާކް އެސްޕާ އަންނަ ހޯމަ ދުވަހު، އިންޑިއާއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅަށް ފަހު އެވެ. އެ ދަތުރުފުޅުގައި ދެ ބޭފުޅުން އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު އެސް ޖައިޝަންކަރާއި ޑިފެންސް މިނިސްޓަރު ރާޖުނާތު ސިންހާ ބައްދަލު ކުރައްވާނެ އެވެ.
އިންޑިއަން އެކްސްޕްރެސްގައިވާ ގޮތުން ޕޮމްޕެއޯ ލަންކާއަށް ވަޑައިގަންނަވަނީ އެގައުމުގައި މިހާރު އޮތް ސަރުކާރުން ޗައިނާއާ ބާއްވާ ގާތް ގުޅުމާ ބެހޭ ގޮތުން އެމެރިކާއިން ކަންބޮޑުވެފައި ވަނިކޮށެވެ.
ލަންކާ ފޮރިން މިނިސްޓްރީއިން ވެސް މިހާރު އިއުލާންކޮށްފައިވާ ގޮތުގައި ޕޮމްޕެއޯ އެ ގައުމަށް ވަޑައިގަންނަވާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ނަމަވެސް ރާއްޖެއިން އަދި އެކަމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ބުނީ އެފަދަ ރަސްމީ ދަތުރެއް ހަމަޖެހި ކަންކަން ފައިނަލްވުމުން އިއުލާންކުރާނެ ކަމަށެވެ. އަދި ދޭދޭ ގައުމުތަކުގެ އިސްވެރިން ރާއްޖެ ވަޑައިގަތުމަށް ފޮރިން މިިނިސްޓްރީއިން މަރުހަބާ ކިޔާނެ ކަމަށް ވެސް ބުންޏެވެ.
ޕޮމްޕެއޯ ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ރިޕޯޓުކޮށްފައިވާ އިރު، ރާއްޖެ އާއި އެމެރިކާއާ ދެމެދު ދިފާއީ ގުޅުން ވަރުގަދަ ކުރުމަށް އެކުލަވާލި ފްރޭމްވޯކަކާ ބެހޭ އެއްބަސްވުމެއްގައި މިދިޔަ މަހު ދެ ގައުމުން ވަނީ ސޮއިކޮށްފަ އެވެ.
"ފްރޭމްވޯކް ފޯ ޔޫއެސް ޑިޕާޓްމެންޓް އޮފް ޑިފެންސް - މޯލްޑިވްސް މިނިސްޓްރީ އޮފް ޑިފެންސް - ޑިފެންސް އެންޑް ސެކިޔުރިޓީ ރިލޭޝަންޝިޕް" ގެ ނަމުގައި އެކުލަވަލި މި ފްރޭމްވޯކް އާ ބެހޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އެވެ. އެމެރިކާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިޔުޓީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯ ސައުތު އެންޑް ސައުތު އީސްޓް އޭޝިއާ، ރީޑް ވާނާ އެވެ.
އެ ފްރޭމްވޯކާއެކު ދެ ގައުމުގެ ޑިފެންސް މިނިސްޓްރީ ގުޅިގެން އިތުރު ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން ދިފާއީ އަދި ސަލާމަތީ ދާއިރާގައި ހިމެނޭ ވެރިންގެ މެދުގައި މަޝްވަރާ ބައްދަލުވުންތައް ބާއްވައި، ރާއްޖޭގެ ދިފާއީ މުވައްސަސާ އިތުރަށް ހަރުދަނާ ކުރުމަށް ހަރަކާތްތައް ހިންގާނެ އެވެ. އަދި މެރިޓައިމް ސެކިޔުރިޓީސް ގެ ރައްކާތެރިކަން ދެމެހެއްޓުމަށް އެއްބާރުލުން އިތުރުކޮށް، ޓެރަރިޒަމާ ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާކޮށް ގުދުރަތީ ކާރިސާތަކާއި އިންސާނީ އެހީ އަށް ބޭނުންޖެހޭ ހާލަތްތަކުގައި ގުޅިގެން އޮޕަރޭޝަން ހިންގުންވެސް މި ފްރޭމްވޯކުގައި ހިމެނެ އެވެ.