ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ވޭމަންޑޫގައި ހިތްގައިމު ޕިކްނިކް ސަރަހައްދެއް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ތ. ވޭމަންޑޫގައި ތަރައްގީކުރި ޕިކްނިކް ސަރަހައްދު-- ފޮޓޯ/ބީއެމްއެލް

ބީއެމްއެލްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ދަށުން ތ. ވޭމަންޑޫގެ ތުނޑީކޮޅުގައި ދަތުރުގޮސް އުޅެވޭ ސަރަހައްދެއް ތަރައްގީކޮށްފި އެވެ.

ފަރުހިލާ ތުނޑީގެ ނަމުގައި ތަރައްގީކޮށް އާންމުންނަށް ބޭނުން ކުރެވޭނެހެން މިހާރު އެ ސަރަހައްދު ވަނީ ހުޅުވާލާފަ އެވެ.

މިއީ ވޭމަންޑޫގައި އާންމުކޮށް އާއިލާތައް ދަތުރު ދިއުމަށް ބޭނުންކުރާ ސަރަހައްދެއް ކަމުން، އެތަން ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ފަދައިން ހިޔާވާ ގޮތަށް އަތިރިމަތީގައި ކުޑަ ޖަހައި، ހަޓު ހެދުމުގެ އިތުރުން ޖޯލިފަތި ބަހައްޓައި، ދަތުރު ގޮސް އުޅޭ ފަރާތްތަކަށް ބާބަކިއު ހެދުމަށާއި ކައްކާ ކެއުމަށް ހާއްސަ ތަންތަން މިހާރު ވަނީ ގާއިމުކޮށްފަ އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ތ. ވޭމަންޑޫގައި ތަރައްގީކުރި ޕިކްނިކް ސަރަހައްދު-- ފޮޓޯ/ބީއެމްއެލް

މީގެ އިތުރުން މިނީ ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއްވެސް އެ ސަރަހައްދުގައި އަޅައި، 2500 ލީޓަރުގެ ފެން ޓޭންކެއްވެސް ވަނީ ބަހައްޓާފަ އެވެ. އަދި މި ތުނޑިއަށް ދަތުރު އަންނަ ފަރާތްތަކުން ކުނި އުކާލުމަށްޓަކައި އެ ސަރަހައްދުގައި ޑަސްޓްބިންވެސް ވަނީ ބަހައްޓާފަ އެވެ.

ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ކޮމިއުނިޓީ ފަންޑުގެ ދަށުން މިފަދަ އެތައް ޕްރޮޖެކްޓު ހިންގަން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މިފަދަ ޕްރޮޖެކްޓުތަކުގެ ސަބަބުން ރަށްރަށަށް އުމްރާނީ އަދި އިޖްތިމާއީ ތަރައްގީ ވެސް ގެނެސްދެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޭމަންޑޫ ކޮމިއުނިޓީ ޕިކްނިކް އޭރިއާ ޕްރޮޕޯސަލް ކާމިޔާބު ކުރި ފަހުދު އަބްދުއް ޝަކޫރު ވިދާޅުވި ގޮތުގައި ރަށުގެ ތުނޑީކޮޅު ޕިކްނިކް ސަރަހައްދަކަށް ހެދުމުގެ އެންމެ ބޮޑު މަގްސަދަކީ ހިތްހަމަޖެހުމުގެ ތެރެއިން އެކުވެރި ބަދަހި އާއިލާތަކެއް އުފައްދައި، އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުމެވެ.

"މުސްތަގުބަލުގައި މިސަރަހައްދު އިތުރަށް ތަރައްގީކޮށް އަވަށްޓެރި ރަށްތަކުގެ ރައްޔިތުންވެސް މި ސަރަހައްދު ބޭނުންކުރުމަށް އަންނާނެހެން މި ސަރަހައްދު ތަރައްގީ ކުރުމަކީ އަޅުގަނޑުމެންގެ ތަސައްވަރު." އޭނާ ވިދާޅުވި އެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން ތިން ފިޔަވައްސަކަށް ބަހާލުމަށް ވަނީ ހަމަޖެހިފަ އެވެ. ފުރަތަމަ ދެ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވާފައިވާއިރު ތިންވަނަ ފިޔަވަހީގައި އެކަނިވެސް 10 ޕްރޮޕޯސަލް ހޮވުމަށް ބޭންކުން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް