ހިޔާ ފްލެޓުތަކުގައި އާބާދުވާން ފަށަންވާ އިރަށް ވަގުތީ މިސްކިތެއް އަޅަނީ

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ ފްލެޓުތަކުގައި މީހުން އާބާދުވާން ވާއިރަށް، އެތަނުގައި ދިރިއުޅޭ މީހުންނަށް ނަމާދު ކުރެވޭނެ ގޮތަށް ވަގުތީ މިސްކިތެއް އަޅަން ނިންމާފައިވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ދެވަނަ ފިޔަވަހީގައި އެޗްޑީސީން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު "ސަން"އާ ހިއްސާކުރައްވަމުން ސުހައިލް ވިދާޅުވީ، ދެވަނަ ފިޔަވަހީގައި އާބާދުވާ ސަރަހައްދުގައި ކުރަން ޖެހޭ ކަންތައްތައް އެޗްޑީސީއިން މިވަގުތު ކުރަމުންދާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނޭ މިސްކިތް އެޅުމުގެ މަސައްކަތުގައި އަމިއްލަ ތިން ފަރާތެއްގެ މިސްކިތް ހިމެނޭ ކަމަށާއި ހިޔާ ފްލެޓްތައް އާބާދުވާން ވާއިރަށް ވަގުތީ މިސްކިތެއް ވެސް އަޅާނެ ކަމަށް ސުހައިލް ވިދާޅުވި އެވެ.

"މީހުން އުޅެން ފަށާއިރަށް ހިޔާ ފްލެޓުތައް ކައިރީގައި ވަގުތީ މިސްކިތެއް އަޅާނެ. އެކަން ކުރާނީ މިނިސްޓްރީއިން،" ސުހައިލް ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގެ މަސައްކަތް ނިމި، އަންނަ އަހަރުގެ ފެބްރުއަރީގައި މީހުން އާބާދުވާން ފަށާނެ ކަމަށް ލަފާކޮށްފައިވުމާއެކު، ވަގުތީ މިސްކިތުގެ މަސައްކަތް ވެސް އެހިސާބަށް ނިންމާލެވޭނެ ކަމަށް ސުހައިލް ވިދާޅުވި އެވެ.

އަމިއްލަ ފަރާތްތަކުން ހަދިޔާކުރާ މިސްކިތްތަކުގެ ތެރެއިން އެއް މިސްކިތުގެ އަމަލީ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެެވެ. ސުހައިލް ވިދާޅުވީ އެއީ ދެ ފަންގިފިލާގެ މިސްކިތެއް ކަމަށާއި މިސްކިތުގެ އެތެރޭގެ ޖާގަ އެހާބޮޑު ނުވި ނަމަވެސް، މިސްކިތުގެ ގޯތީގައި ނަމާދު ކުރެވޭ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަމިއްލަ ދެ ފަރާތަކުން އަދި އިތުރު ދެ މިސްކިތް އަޅަން ހުށަހަޅާފައިވާ ކަމަށް ވެސް ސުހައިލް ވިދާޅުވި އެވެ. އެއީ ގާތްގަނޑަކަށް 2،000 މީހުންގެ ޖާގަ ހިމެނޭ މިސްކިތަކާއި 1،400 މީހުންގެ ޖާގަ ހިމެނޭ މިސްކިތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޑީސީން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިޔާ ފްލެޓްތަކުގެ ތެރެއިން ކޮންމެ ފްލެޓެއްގައި ކުނި ޖަމާކުރާނެ ތަނެއް ހެދުމާއި ލޭންޑްސްކޭޕިންގެ މަސައްކަތް ހިމެނެ އެވެ.

މީގެ އިތުރުން ދެ ބަސް ސްޓޮޕްއާއި ޕާކިން އޭރިއާއެއް ވެސް އާބާދުވާ ސަރަހައްދުގައި ތަރައްގީކުރާނެ ކަމަށާއި ހުރިހާ މަސައްކަތެއް ވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް ސުހައިލް ވިދާޅުވި އެވެ.

comment ކޮމެންޓް