ޔަމަނުގެ ހަނގުރާމައިގައި ސަރުކާރުންނާއި ހޫޘީން ހިފެހެއްޓި ހާހަކަށް ވުރެ ގިނަ މީހުން ދޫކޮށްލައިފި

ޔަމަނުގެ ސަރުކާރުން މިނިވަން ކުރި ހޫޘީ ހަނގުރާމަވެރިން ގެންދިޔައީ ސަންއާ އަށް -- ފޮޓޯ: އޭއެފްޕީ

ސަންއާ (އޮކްޓޯބަރު 16): ޔަމަނުގެ ދާހިލީ ހަނގުރާމައިގެ ތެރޭ އެގައުމުގެ ސަރުކާރުންނާއި ހޫޘީން ހިފަހައްޓާފައިވާ 1،000 އަށް ވުރެ ގިނަ މީހުން ފާއިތުވި ދެ ދުވަސް ތެރޭ ދޫކޮށްލައިފި އެވެ.

އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ) އާއި އދ.ގެ ބެލުމުގެ ދަށުން މިދިޔަ ދެ އަހަރު ތެރޭ ޔަމަނުގެ ސަރުކާރާއި ހޫޘީންނާ ދެމެދު ބޭއްވި މަޝްވަރާތަކަށް ފަހު އެ ދެ ފަރާތުން ސިޔާސީ ހައްޔަރީން ދޫކޮށްލަން އެއްބަސްވުމެއް ހެދި އެވެ. އަދި އައިސީއާރުސީން ބުނި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ބުރާސްފަތި ދުވަހު އެ ދެ ފަރާތުން 700 އަށް ވުރެ ގިނަ މީހުން ދޫކޮށްލުމަށް ފަހު، އިއްޔެ 352 މީހަކު ވަނީ މިނިވަންކޮށްފަ އެވެ.

ޔަމަނުގެ ރައީސް އަބްދުއްރައްބު މަންސޫރު ހާދީގެ ސަރުކާރުން ދޫކޮށްލި ހޫޘީ ހަނގުރާމަވެރިން ގެންދިޔައީ ސަންއާއަށެވެ. އަދި ހޫޘީން ދޫކޮށްލި ސަރުކާރަށް ތާއިދު ކުރާ މީހުން ގެންދިޔައީ އަދަނަށެވެ.

އދ.އިން ޔަމަނަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު މާޓިން ގްރިފިތްސް ވިދާޅުވި ގޮތުގައި ހައްޔަރުކޮށްފައިވާ މީހުން ބަދަލު ކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކީ "އުއްމީދުން ފުރިފައިވާ" ދަތުރެކެވެ. ނަމަވެސް ހަނގުރާމައާ ގުޅިގެން ދެ ފަރާތުން ހިފަހައްޓާފައިވާ އެތައް ހާސް މީހުން އަދި ވެސް ތިބި ކަމަށާއި އިތުރު މީހުން މިނިވަން ކުރުމަށް ދެ ފަރާތުން ވީހާ ވެސް އަވަހަށް މަޝްވަރާ ކުރުމަށް ގްރިފިތްސް ގޮވާލެއްވި އެވެ.

މީގެ އިތުރުން ހޫޘީ ތަރުޖަމާނު މުހައްމަދު އަބްދުލް ސަލާމް ވަނީ އެ އޮޕަރޭޝަނުގެ ސަބަބުން ޔަމަނުގައި ސުލްހަ ގާއިމު ކުރުމުގެ އުއްމީދު އާލާވެފައިވާ ކަަމަށް ބުނެފަ އެވެ. އަދި ރައީސް ހާދީގެ އިންފޮމޭޝަން މިނިސްޓްރީން ވަނީ އިދިކޮޅު ފަރާތްތަކުން ހިފަހައްޓާފައިވާ މީހުން މިނިވަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ.

ދެހާސް ސާދަ ވަނަ އަހަރު ހޫޘީން ޔަމަނުގެ ވެރިރަށް ސަންއާ ހިފުމަށް ފަހު އެމީހުންގެ ވެރިކަމެއް ގާއިމު ކުރި ފަހުން އެގައުމުގައި ފެށުނު ހަނގުރާމައިގައި މިހާތަނަށް 110،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި އެތައް މިލިއަން މީހުންނަށް ކާނާ ނުލިބި، ބަލިމަޑުކަމާ ކުރިމަތިލާނެ ވަސީލަތްތައް ވަނީ ނެތިފަ އެވެ.

ޔަމަނުގެ ރައީސް ހާދީގެ ވެރިކަން ރުޖޫއަ ކުރުމަށް ސައުދީ އަރަބިއާ އިސްވެ އޮންނަ ކޯލިޝަނަކުން ވަނީ 2015 ވަނަ އަހަރު އެ ހަނގުރާމައިގައި ބައިވެރިވެފަ އެވެ.

ޔަމަނުގެ ހަނގުރާމަ މޮނިޓާ ކުރާ ޔަމަން ޑާޓާ ޕްރޮޖެކްޓުން މިދިޔަ އަހަރު ބުނި ގޮތުގައި ސައުދީ އިސްވެ އޮވެ ދޭ ބޮމުގެ ހަމަލާތަކުގައި އަނިޔާވި ނުވަތަ މަރު އާއްމު ރައްޔިތުންގެ އަދަދު 17،000 އަށް ވުރެ އިތުރުވާނެ އެވެ.

comment ކޮމެންޓް