އަބްދުﷲ ގާޒީ ހުންނެވި ތަނެއް ވަގުތުން އެންގުމަށް ޕީޕީއެމުން ގޮވާލައިފި

ކްރިމިނަލް ކޯޓުގެ ޣާޒި އަބުދުﷲ މުހައްމަދު ވަގުތުން ދޫކޮށްލައި އޭނާ ސިފައިންގެ ހައްޔަރުގައި ބަހައްޓާފައި ހުރި ތަނެއް މިހާރުން މިހާރަށް ހާމަކުރުމަށް ޕީޕީއެމުން މިއަދު ސަރުކާރަށް ގޮވާލައިފި އެވެ.

ޕީޕިއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ވަގުތީ ރައީސް ފުނަދޫ ދާއިރާގެ މެންބަރު އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ ގާނޫނުތަކާ ހިލާފަށް އަބުދުﷲ ޣާޒީ ސިފައިން ހައްޔަރު ކުރުމަށް ފަހު 24 ގަޑިއިރު ވެގެންދިޔަ އިރު އޭނާ ބަހައްޓާފައި ހުރީ ކޮންތަނެއްގައި ކަން އާއިލާ އަށް ވެސް އަންގާފައި ނުވާ ކަމަށާއި އަދި ވަކީލެއް އައްޔަންކުރުމުގެ އެފަދަ އެއްވެސް ފުރުސަތެއް ސިފައިން ދީފައި ނުވާ ކަމަށެވެ.

"ސިފައިންނަކަށް މީހުން ހިފާހައްޔަރެއް ނުކުރެވޭނެ. އެއީ ގާނޫނުގައި އެ މީހުންނަށް ދީފައިވާ އިހުތިޔާރެއް ނުވަތަ ބާރެއްނޫން. މީހެއް ހައްޔަރުކުރާ ނަމަ 24 ގަޑިއިރުތެރޭގައި އޭނާ ބަންދުގައި ބަހައްޓާފައި ހުރިތަނެއް ވެސް ބުނެދެން ޖެހޭ. މީގެން އެއްވެސް ކަމެއް މިވީހާތަނަށް ސިފައިން ކޮށްފައެއް ނުވޭ،" އަބުދުއްރަހީމްވިދާޅުވި އެވެ.

އަބުދުއްރަހީމް ވިދާޅުވީ ހައިކޯޓުން އަބްދުﷲ މުހައްމަދު ކޯޓަށް ހާޒިރު ނުކޮށްދިން ސަބަބު އޮޅުން ފިލުވައިދިނުމަށް އެންގި ނަމަވެސް އެކަން ސިފައިން ކުރާނެ ކަން އެނގިވަޑައިނުގަންނަވާ ކަމަށާއި މިސަރުކާރުން ބޭނުން ވަނީ ގާނޫނޫ އަސާސީގެ ބާރުކަނޑުވާލުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ ޝަރުއީ ދާއިރާގެ ބާރުކަނޑުވާލަން ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތަށް ހައްލެއް ލިބެންދެން މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށާއި މުޒާހަރާ ވަރުގަދަ ކުރުމަށް ޓަކައި އިދިކޮޅު ހުރިހާ ފަރާތަތަކާ ގުޅިގެން މިހާރު މަސައްކަތްކުރައްވަމުން ގެންދާ ކަމަށެވެ.

"މުޒާހިރާގެ ބައިވެރިންނަށް ދަންނަވާލަން ޖެހޭނީ މިއަދު ވެސް އެމްއެމްއޭ ކުރިމަތީގައި މުޒާހަރާ އޮންނާނޭ. މުޒާހިރާގެ ބައިވެރިން ވެސް ސުލްހަ މަސްލަސްކަން ނުގެއްލޭގޮތަށް މުޒާހިރާ ކުރުމަށް ގޮވާލަން. އެހެންނޫނީ މިސަރުކާރުން ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކޮށްފާނެ،" އަބުދުއްރަހީމް ވިދާލުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައދަލްވުމުގައި ވާހަކަ ދައްކަވަމުން އަބުދުއްރަހީމް ވިދާޅުވީ ޕްރޮސިކުޓާ ޖެނެރަލް އަހުމަދު މުއިއްޒުގެ އިތުބާރު ނެތް ކަމަށް މިހާރު އެމްޑީޕީން ސޮއިކުރަމުންދާ ޕެޓިޝަނަށް ޕީޕީއެމުން ތާއިދު ނުކުރާނެ ކަމަށާއި އެކަން މަޖިލިހުގެ ތެރެއިން ވެސް ފޭލްކޮށްލަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ގައުމީ މަސްލަހަތަށް ޓަކައި ޑީއާރްޕީ އާ ގުޅިގެން ވެސް މަސައްކަތްކުރުމަށް ތައްޔާރު. އަދި އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން ކުރާ މަސައްކަތުގައި ޕީޕީއެމުން ފަހަތަކަށް ނުޖެހޭނެ،" އަބުދުއްރަހީމް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު