ބިލްބޯޑްސްގެ ބޮޑު އެވޯޑު މިއަހަރު ޕޯސްޓް މަލޯންއަށް

ދާދި ފަހުން ނިމިގެންދިޔަ ބިލްބޯޑްސް މިއުޒިކް އެވޯޑްސް ހަފްލާގައި ޕޯސްޓް މަލޯން އެވޯޑާ ހަވާލުވަނީ --- ފޮޓޯ : ޕީޕަލް

ބިލްބޯޑްސް އިން ކޮންމެ އަހަރަކު ބާއްވާ ބިލްބޯޑްސް މިއުޒިކް އެވޯޑްސްގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "ޓޮޕް އާޓިސްޓް"ގެ އެވޯޑު މިއަހަރު ރެޕް ލަވަކިޔުންތެރިޔާ ޕޯސްޓް މަލޯން އަށް ލިބިއްޖެއެވެ.

މިއަހަރުގެ ބިލްބޯޑްސް މިއުޒިކް އެވޯޑްސް ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހުގެ 29ގައެވެ. ނަމަވެސް ކޮވިޑް އާ އެކު އެ އިވެންޓު ވަނީ ފަސްކޮށްފައެވެ. ދާދި ފަހުން ނިމިގެންދިޔަ މިއަހަރުގެ ބިލްބޯޑްސް އިވެންޓުގައި އޯޑިއެންސްއެއް ބައިވެރިއެއް ނުވެއެވެ. ބައިވެރިވީ ހަމައެކަނި ފަންނާނުންނެވެ. އެ އިވެންޓު މިފަހަރު ހޯސްޓުކޮށްފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ކެލީ ކްލާކްސަން އެވެ.

އެ އެވޯޑަށް އެންމެ ގިނަ ނޯމިނޭޝަންތަކެއް ލިބިފައިވަނި ބިލީ އައިލިޝް އާއި ލިލް ނަސް އެކްސް އަށެވެ. އޭގެތެރެއިން އަހަރުގެ އާ އާޓިސްޓުގެ އެވޯޑު މިފަހަރު ލިބިފައިވަނީ ބިލީ އައިލިޝް އަށެވެ. އެ އެވޯޑަށް ވަނީ ލިލް ނާސް ވެސް ނޮމިނޭޓް ވެފައެވެ.

ފޭނުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯދައިގެން "ޓޮޕް ސޯޝަލް އާޓިސްޓް"ގެ އެވޯޑު ލިބިފައިވަނީ ކޭޕޮޕް ބޭންޑު ބީޓީއެސް އަށެވެ. މިއީ ބީޓީއެސްއަށް އެ އެވޯޑު ޖެހިޖެހިގެން ލިބުނުތާ ހަތަރުވަނަ އަހަރެވެ.

އިޖުތިމާއީ ގައިދުރުކަމާއެކު ކުރިއަށް ގެންދިޔަ އެ އެވޯޑް ހަފްލާގައި ހޮލީވުޑްގެ ބޮޑެތި ފަންނާނުން ވަނީ ޕާފޯމްވެސް ކޮށްފައެވެ. އެގޮތުން އެ އިވެންޓުގައި ޕާފޯމްކޮށްފައިވާ ފަންނާނުންގެ ތެރޭގައި ޑެމީ ލޮވާޓޯ އާއި ބީޓީއެސް އާއި ޑޯޖާ ކެޓް އާއި ބްރޭންޑީ އަދި ބޭޑް ބަނީ ފަދަ ފަންނާނުން ހިމެނެއެވެ.

comment ކޮމެންޓް