ޖޮކޮވިޗް ބަލިކޮށް ފެޑެރާގެ ރެކޯޑާ ނަޑާލް ހަމަކޮށްފި

ފްރެންޗް އޯޕަންސް ޓެނިސް މުބާރާތް ކާމިޔާބު ކުރުމަށްފަހު ނަޑާލް އުފާފާޅު ކުރަނީ --- ފޮޓޯ// ބެންސްޕްރަޓް: ލަައިވްސްކޯ

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ނޮވަކް ޖޮކޮވިޗް ބަލިކުރުމަށްފަހު ޓެނިސް ލެޖެންޑް ރޮޖާ ފެޑެރާގެ ރިކޯޑާ ރަފައެލް ނަޑާލް ހަމަކޮށްފިއެވެ.

މި މުބާރާތުގައި ތޭރަ ފަހަރު ފައިނަލުގައި ކުޅެ މިހާތަނަށް އެ މުބާރާތުގެ ފައިނަލުގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓަމުން އައި ނަޑާލް ފައިނަލުން ކުރި ހޯދީ ސީދާ ތިން ސެޓުން ޖޮކޮވިޗް ބަލިކޮށްގެންނެވެ. ނަޑާލް އެ މެޗުގެ ސެޓުތައް ގެންދިޔައީ 6-0، 6-2 އަދި 7-5 އިންނެވެ. ނަޑާލް މި ފަހަރުގެ މުބާރާތް ކާމިޔާބުކުރީ ވެސް ސެޓެއް ވެސް ނުގެއްލި އެވެ. އަދި އެ މުބާރާތުގެ ތަށްޓާ އެކު އޭނާ ވަނީ ތާރީހީ 20 ގްރޭންޑް ސްލޭމް ހޯދައި އެންމެ ގިނަ ފަހަރު ގްރޭންޑް ސްލޭމް ހޯދި ފެޑެރާއާ އެއްވަރުކޮށްފަ އެވެ.

ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން މިފަހަރުގެ ފްރެންޗް އޯޕަންސްގައި ވާދަކޮށްފައި ނުވާ ފެޑެރާ 20 ވަނަ ގްރޭންޑް ސްލޭމް ކާމިޔާބު ކުރީ 2018 ވަނަ އަހަރު އެވެ. އޭގެ ދެ އަހަރު ފަހުން ނަޑާލް އެ އަދަދަށް އަނެއްކާވެސް ގްރޭންޑް ސްލޭމް ހަމަ ކުރި އިރު، ނަޑާލްގެ 20 ގްރޭންޑް ސްލޭމް މުބާރާތުގެ ތެރެއިން 13 ތަށްޓަކީ ފްރެންޗް އޯޕަން އެވެ.

ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ނަޑާލް ބުނީ، ފްރާންސްގެ މި ކޯޓުގައި މި ލިބުނު މޮޅާ އެކު ހުރިހާ އުފަލެއް ލިބިއްޖެ ކަމަށެވެ. އެކަމަކު އެ އުފަލަކީ ކޮންމެހެން ފެޑެރާގެ ރެކޯޑާ އެއްހަމައަކަށް ދެވުމުން ލިބުނު އުފަލެއް ނޫންކަމަށާއި، ނަންބަރުތަކުން ކާމިޔާބީ މިނެ ނުކިޔާނެ ކަމަށް ނަޑާލް ބުންޏެވެ.

"ރޯލާންޑް ގަރޯސް ކާމިޔާބު ކުރުމަކީ އަބަދުވެސް ލިބޭ ހާއްސަ އުފަލެއް. އަހަރެންގެ ޓެނިސް ހަޔާތުގެ އެންމެ މުހިއްމު ދުވަސްތައް ހޭދަކުރެވުނީ މިތަނުގައި [ފްރާންސްގައި]. މިކަމުގައި ކާމިޔާބީ ހޯދައިދިނުމަށް ހުރިހާ ސަޕޯޓަރުން ކޮށްދިން މަސައްކަތަށް ޝުކުރުވެރިވަން." ނަޑާލް ބުންޏެވެ.

މޮޅާއެކު ނަޑާލް ވަނީ ފްރެންޗް އޯޕަނުގައި 100 މޮޅު ހަމަކޮށްފައެވެ. އޭނާ މި މުބާރާތުގައި މިހާތަނަށް ބަލިވީ އެންމެ ދެ މެޗުންނެވެ. އޭގެ ތެރެއިން އެއް މެޗުން ބަލިވީ ޖޮކޮވިޗް އަތުންނެވެ.

comment ކޮމެންޓް