ތިލަމާލެ ބުރިޖު އެޅުމަށް 400 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފި

ލޯނު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން --- ސަން ފޮޓޯ ފަޔާޒު މޫސާ

މާލެ، ވިލިމާލެ ތިލަފުށި ގުޅުވާލާ ބުރިޖުގެ މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެގްރިމަންޓްގައި ރާއްޖެއިން މިއަދު ސޮއިކޮށްފި އެވެ.

"ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކުގެ ޖެނެރަލް މެނޭޖަރު ނިރްމިތު ވޭދް އަދި ޗީފް މެނޭޖަރ ހަރީޝް ކުމާރެވެ.

މި ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ މަޝްރޫއު ނިމޭތާ ފަސްއަހަރު ދުވަހުގެ ފަހުން ކަމަށްވާއިރު މި ލޯނު އަނބުރާ ދައްކަން 20 އަހަރު ލިބޭނެ އެވެ. ފިނޭންސުން ބުނީ މިއީ ލައިން އޮފް ކްރެޑިޓްގެ ކޮމްޕޮނެންޓު ހިމެނޭ އެއްބަސްވުމެއް ކަމުން މަޝްރޫއު ތަކުގެ ޕްރޮޖެކްޓް ކޮމްޕޯނެންޓް ގެ 75-65 ސޯސް ކުރެވޭނީ އިންޑިއާއިން ކަމަށެވެ. މީގެ ސަބަބުން ދިވެހި ކުންފުނިތަކަށާއި ހިދުމަތްތެރިންނަށް މަޝްރޫއުތަކުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ފިނޭންސުން ބުންޏެވެ.

މި މަޝްރޫއުގެ ކޮންސަލްޓެންޓުގެ ގޮތުގައި ހަރަކާތްތެރި ވަނީ އެމްއެސް އަރޫޕް ލިމިޓެޑެވެ. ފިނޭންސް މިނިސްޓްރީއިން ބުނީ ކޮންސަލްޓެންޓް ތައްޔާރުކޮށްފައިވާ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް (ޑީޕީއާރު) އަށް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުގެ ޓެކްނިކަލް އޮތޯރިޓީ ތަކުން މިހާރު އެޕްރޫވަލް ލިބިފައިވާ ކަމަށެވެ.

ފިނޭންސުން ބުނީ މަޝްރޫއު ހިންގާނެ ކޮންޓްރެކްޓަރެއް ހޯދުމަށް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ބައިނަލްއަގުވާމީ ޓެންޑަރިންއަށް ހުޅުވާލާނެ ކަމަށެވެ. އަދި އަންނަ ޑިސެމްބަރު މަހު ބުރިޖް އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.

ތިލަމާލެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގައި އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.

މި މަޝްރޫއުގެ ދަށުން މާލެ އަދި ވިލިނގިލި ގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރެވޭނެ އެވެ. އަދި ގުޅިފަޅު އަދި ތިލަފުށީގައި ރައުންޑްއެބައުޓް ތަކެއް ގާއިމް ކުރެވޭނެ އެވެ. ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށް ހަމަޖެހިފައިވެ އެވެ. އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމުގެ ގޮތުން މި މަޝްރޫއުގެ ރޯޑް ލައިޓިން، ނެވިގޭޝަން ލައިޓިން، ދެކް ސެލް ލައިޓިން ސީސީޓީވީ އަދި ސައިން ގެންޓްރީ ގެ ލައިޓިން އާއި އާކިޓެކްޗަރަލް ލައިޓިންގައި ބޭނުން ކުރާނީ އިރުގެ ހަކަތަ ކަމަށް ފިނޭންސުން ބުންޏެވެ. ލޭމްޕް ޕޯސްޓް ތަކާއި ބްރިޖްގެ ޕަރަޕެޓް ތަކުގައި ސޯލާ ޕެނަލް މަޝްރޫއުގެ ދަށުން ހަރުކުރާނެ އެވެ.

comment ކޮމެންޓް