އަނގޮޅިތީމު ބަނދަރު ތަރައްގީކުރަން އެމްޓީސީސީއަށް

ރ. އަނގޮޅިތީމު ބަނދަރު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި 42،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 221 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން އަދި 166 މީޓަރުގެ ސަރހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ.

މީގެ އިތުރުން 91.44 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި 1110 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން އެމްޓީސީސީން ކުރާނެ އެވެ.

ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާމިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުއަށް 44.31 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. ގާތްގަނޑަކަށް 365 ދުވަހުގެ ތެރޭގައި މި މަޝްރޫއު ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ލަފާކުރެ އެވެ.

comment ކޮމެންޓް