އަސްކަރިއްޔާއިން އަބްދުﷲ ގާޒީ ގެންދިޔައީ ހިމާޔަތަށް ކަމަށް ވެދާނެ: އެމްޑީޕީ

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގައުމީ ދިފާއީ ބާރުން ހައްޔަރު ކުރި ކަމަށް އަދި ނިންމެން ނެތް ކަމަށާއި އޭނާ ދިރިއުޅޭ ގެއިން ނެރެގެން އެމްއެންޑީއެފުން ގެންދިޔައީ ހިމާޔަތްދިނުމަށް ކަމަށް ވެސް ވެދާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އަބްދުﷲ ގާޒީގެ ނަމުން ނަން މަޝްހޫރުވެފައިވާ ކްރިމިނަލް ކޯޓްގެ އިސްގާޒީ ރޭ ހައްޔަރު ކުރުމާ ގުޅިގެން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރި ކަމަށް އަދި ނިންމެން ނެތް ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރާ މައްސަލައަކީ ޖޭއެސްސީގެ ސޫލޫކީ މައްސަލާގައި ފިޔަވަޅު އެޅުން ލަސްވާ މައްސަލަކަމަށް ވެސް ނިންމެން ނެތް ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރީ އޭނާގެ މައްޗަށް ޖިނާއީ ބޮޑެތި ތުހުމަތުތަކެއް ކުރެވިގެން ކަމަށް އިޝާރާތް ކުރައްވައި އަލްހާން ވިދާޅުވީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އަބްދުﷲ ގާޒީ އަސްކަރިއްޔާގެ ބާރުގެ ދަށަށް އަބްދުﷲ ގާޒީ ގެންދިޔައީ ގައުމުގެ މަސްލަހަތާއި އޭނާގެ ވެސް ހިމާޔަތަށް ކަމަސް ވެދާނެ ކަމަށެވެ. އަދި ވިދާޅުވީ އަބްދުﷲ ގާޒީއަކީ ގައުމުގެ މަސްލަހަތަށް ހުރި ބިރެއްކަން ރޭ މާލެތެރޭގައި ހިނގި ހަމަނުޖެހުންތަކުން އެނގިގެން ހިގައްޖެ ކަމަށާއި "މަސްލަތައް އުފެދުމުގެ އަސްލަކީ" އަބްދުﷲ ގާޒީ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރީކޯ މޫސާ މަނިކު ވިދާޅުވީ "ގާނޫނު އަސާސީއާއި ހިލާފަށް ސަރުކާރަކުން ވެސް އަދި އެމްއެންޑީއެފަކުން ވެސް އަމަލް ނުކުރާ" ކަމަށެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރު ކުރުމުން މުޅި ޖުޑީޝަރީ ރޭ ހޭލައިތިބެގެން، ނޫސްބަޔާނާއި އަމުރު ނެރުނުމުން މުޅި ޖުޑީޝަރީގެ މަންޒަރު ފެނިގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދަކީ ކާފަރެއްކަމަށް ބުނެ އިނދިކޮޅު ފަރާތްތަކުން ބޮޑެތި އިލްޒާމްތަކެއް އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވާ އިރު ޖުޑީޝަރީން ވެސް އަދި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އެއްވެސް އެއްޗެއް ވިދާޅުނުވާ ކަމަށެވެ.

މޫސާ ވިދާޅުވީ ރައީސް ނަޝީދަކީ ކާފަރެއްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަށް "ތިޔަހެނެއް ނުކިޔޭނެ" ކަމަށް އުއްތަމަފަނޑިޔާރު ބުނަން ޖެހޭނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު