އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމަކީ ޖިންސީ ތަފާތު ކުރުމެއް ނޫން: ދައުލަތް

އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމާ ބެހޭ ދުސްތޫރީ މައްސަލައިގައި މިއަދު ބޭއްވި އޮންލައިން އަޑުއެހުމުގައި ދައުލަތުގެ ވަކީލުން --

ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމަކީ ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ނޫން ކަމަށާއި، އެއީ ޖިންސީ ތަފާތު ކުރުމެއްވެސް ނޫން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި މިއަދު ބުނެފި އެވެ.

ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ހާއްސަކުރަން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފު ކަމަށް ބުނެ، ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް، މޫސާ އަންވަރު ވަނީ ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފަ އެވެ. މިއަދު އެ މައްސަލައިގެ ދެވަނަ އަޑުއެހުން ވަނީ އޮންލައިންކޮށް ބާއްވާފަ އެވެ.

އެ އަޑުއެހުމުގައި މިއަދު ދައުލަތުން ބުނެފައި ވަނީ، އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމަކީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާއާ ހިލާފަށް ކުރި ކަމެއް ކަމަށް މޫސާ އަންވަރު ވިދާޅުވިޔަސް، އެ މާއްދާގެ (ށ)ގެ ދަށުން އެކަން ކުރެވޭނެ ކަމަށެވެ.

ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ގާނޫނު އަސާސީއިން ލިބިދޭ ހައްގުތައް ދިނުމުގައި އެ މީހާގެ ނަސްލަށް، ކުލަޔަށް އަދި ޖިންސު ފަދަ ކަންކަމަށް ބަލައި ތަފާތު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް، ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ މުޖުތަމައުގައި އާންމު ހާލަތަށްވުރެ ނިކަމެތިކަން ލިބިފައިވާ ބަޔަކަށް، ނުވަތަ އިޖުތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަމެއް ލިބެން ޖެހޭ ބަޔަކަށް އެހީވުމަށް، ކުރާ ކަންތައްތަކަކީ އެ މާއްދާގެ (ހ)ގައި ބުނާ ފަދަ ތަފާތުކުރުމެއް ނޫން ކަމަށެވެ.

ދައުލަތުން ބުނި ގޮތުގައި، އަންހެނުންނަކީ މުޖުތަމައުގައި އާންމު ހާލަތަށްވުރެ ނިކަމެތިކަން ލިބިފައިވާ، ނުވަތަ އިޖުތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަމެއް ލިބެން ޖެހޭ ބައެކެވެ. އެހެންކަމުން، އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ހޯދުމަށް ގޮނޑި ހާއްސަ ކުރުން ފަދަ ފިޔަވަޅުތައް އެޅުމަކީ ގާނޫނުއަސާސީ ތަސައްވުރު ކުރާ ކަމެއް ކަމަށް ދައުލަތުން ބުންޏެވެ.

"ދިވެހި ރާއްޖޭގައިވެސް އަންހެނުންނަށް މިފަދައިން ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ޓަކައި ދައުލަތުގެ ފަރާތުން އެފާމެޓިވް އެކްޝަންތަކެއް ނެގުމަކީ ގާނޫނުއަސާސީ ތަސައްވުރު ކުރާ ކަމެއްކަން ގާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ށ)އިން އެބަ އެނގޭ،" ދައުލަތުން ބުންޏެވެ.

އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމަކީ ތަފާތު ކުރުން ކަމަށް ނުބެލެވޭނެ ކަމަށް، ބައިނަލްއަގުވާމީ މުއާހަދާތަކުންވެސް އެނގެން އޮންނަ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އަދި އަންހެނުންނަކީ އިޖުތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަން ލިބިދޭން ޖެހޭ ބައެއްކަން އިލްމީ ލިޔުންތަކުންވެސް އެނގެން އެބަ ހުރިކަމަށާއި އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމަކީ ޖިންސީ ތަފާތު ކުރުން ނޫން ކަމަށް ޔޫރަޕިއަން ކޯޓް ހިއުމަން ރައިޓްސް އަދި ޔޫރަޕިން ކޯޓް އޮފް ޖަސްޓިސްއިން މީގެ ކުރިން ކަނޑައަަޅާފައިވާކަން ދައުލަތުން ފާހަގަ ކުރި އެވެ.

ދައުލަތުން އިތުރަށް ބުނީ، އަންހެނުންނަށް އިންތިހާބީ މަގާމުތައް ހާއްސަ ކުރުމަކީ "ސަބްސްޓޭންޓިވް އިކުއަލިޓީ"ގެ މަހްފޫމްގެ ދަށުން ކުރިއަރާފައިވާ ގައުމުތަކުން މިހާރު ވެސް ކުރާ ކަމެއް ކަމަށެވެ. އެގޮތުން ކެނަޑާ، އިންޑިއާ، އަދި ސައުތު އެފްރިކާ، ފަދަ ގައުމުތަކުގައި އެގޮތަށް އަމަލު ކުރާކަން ފާހަގަ ކުރި އެވެ.

އަންހެނުންނަށް ގޮނޑި ހާއްސަ ކުރި އިސްލާހަކީ ގާނޫނުއަސާސީއިން ލިބޭ ހައްގުތަކާ ހިލާފު އިސްލާހެއް ނޫން ކަމަށް ދެކޭ ކަމަށާއި، އެގޮތަށް ކަނޑައަޅައިދިނުމަށް ދައުލަތުން މިއަދު ހައިކޯޓުގައި އެދުނެވެ.

ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވަމުން މޫސާ އަންވަރު ވިދާޅުވީ، ވަކި ގިންތިއެއްގައި ހިމެނޭ ބަޔަކަށް ހަމަހަމަ ފުރުސަތު ހޯދައިދޭން ހާއްސަ ފިޔަވަޅުތައް އެޅުމަކީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، ގާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ށ)ގެ ދަށުން އެފަދަ ހާއްސަ ފިޔަވަޅެއް އަޅާއިރު އެއް ގިންތިއެއްގައި ތިބި ބަޔަކަށް ތަފާތު ކުރެވޭ ގޮތަށް ކަމެއް ކުރެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް ވިދާޅުވި އެވެ. އަދި އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމުން މަދުން ވޯޓު ލިބޭ މީހުންވެސް އިންތިހާބުވުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.

ބައެއް ގައުމުތަކުގައި މިހާރުވެސް އަންހެނުންނަށް ގޮނޑި ހާއްސަ ކުރާކަން ދައުލަތުން ފާހަގަ ކުރުމުން އެކަމާ މެދު މޫސާ އަންވަރު ވިދާޅުވީ، އެފަދަ ބައެއް ގައުމުތަކުން އެކަން ކުރީ، އަންހެނުންނަށް ގޮނޑި ހާއްސަ ކުރެވޭ ގޮތަށް އެ ގައުމުތަކުގެ ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށެވެ. ނަމަވެސް، އަންހެނުންނަށް ގޮނޑި ހާއްސަ ކުރަން ރާއްޖޭގެ ގާނޫނުއަސާސީ ތަން ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި އަންހެނުންނަށް ގޮނޑި ހާއްސަ ކުރެވޭނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށެވެ.

އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމާ ބެހޭ ދުސްތޫރީ މައްސަލައިގައި މިއަދު ބޭއްވި އޮންލައިން އަޑުއެހުމުގައި މޫސާ އަންވަރު ވާހަކަ ދައްކަވަނީ --

އަންހެނުންނަށް ކައުންސިލްތަކުން ގޮނޑި ހާއްސަކުރީ ކައުންސިލްތަކުގައި އަންހެނުންގެ ބަައިވެރިވުން މަދުވުމުން ރިޔާސީ ވައުދެއްގެ ގޮތުގައި އެކަން ހިމަނައިގެން ކަމަށް މިއަދު ދައުލަތުން ބުނެފައިވެ އެވެ. އެކަމަކު، ރިޔާސީ ވައުދެއްގެ ގޮތުގައި ކަމެއް ހިމެނުމަކީ އެކަން ގާނޫނު އަސާސީއާ ހިލާފަށް ކުރެވޭނެ އުޒުރެއް ނޫން ކަމަށް މޫސާ އަންވަރު ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ ދެވަނަ ބާބުގެ 18 ވަނަ މާއްދާގެ ދަށުން ހައްގުތަކާއި މިނިވަންކަން ކުރިއަރުވަން ދައުލަަތަށް ލާޒިމު ކުރާއިރު، ހަމަ އެ ބާބުގައި ފާހަގަކޮށްފައިވާ ހައްގުތައް ހިފަހައްޓައި ނިގުޅައިގަތުމަކީ ވާޖިބެއް ކަމަށް ދައުލަތުން ދެކުމަކީ، ގާނޫނުއަސާސީގެ 18 ވަނަ މާއްދާ ދައުލަތަށް ލާޒިމު ކުރާ ކަމެއް އޭގެ އިދިކޮޅަށް މާނަކުރުން ކަމަށް ދެކޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިންތިހާބީ މަގާމެއް ވަކި ޖިންސަކަށް ހާއްސަ ކުރެވޭ ނަމަ، ވޯޓުލުމުގެ ހައްގުވެސް ވަކި ޖިންސަކަށް އެކަނި ލިބޭ ގޮތަށް ހެދުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލުތަކުން ގޮނޑި ހާއްސަ ކުރި ރައްޔިތުންގެ މަޖިލީހުން ގޮނޑި ހާއްސަ ނުކުރީ ކީއްވެތޯވެސް އޭނާ ސުވާލު އުފެއްދެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުން ގޮނޑި ހާއްސަކޮށްފައި ނެތުމުންވެސް އެނގެނީ ދައުލަތުގެ އިހުލާސްތެރިކަމެއް ނެތް ކަމެވެ. އޭނާ އެހެން ވިދާޅުވުމުން، މައްސަލަ ބައްލަވާ ބެންޗުން ވިދާޅުވީ އެއީ މައްސަލައާ ގުޅުންހުރި ވާހަކަތަކެއް ނޫން ކަމަށެވެ.

އަދި މި މައްސަލައިގައި އަޑުއެހުމެއް އޮންނާނެ އެވެ. އެއީ ހުކުމް ކުރުމުގެ ކުރިން ބާއްވާނެ އެންމެ ފަހު އަަޑުއެހުމެވެ.

މި މައްސަލައަކީ ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބަލާ މައްސަލައެކެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ދެން ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިިމާއި ފަނޑިޔާރު ހުސައިިން ޝަހީދުގެ އިތުރުން ފަނޑިޔާރު ހާތިފް ހިލްމީ އެވެ.

comment ކޮމެންޓް