ގަނޑުވަރު ތެރެއިން 33

ފަތިހުގެ އަލިކަން ފައުޅުވެ ބިންމަތި މުޅިންހެން އަލިކޮށްލައިފިއެވެ. ޔޫގަންނާއާއި ލޫކާ ވާހަކަދައްކަމުން ގަނޑުވަރާއި ދިމާލަށް ވަޑައިގެންނެވިއެވެ. ހަގުރާމަ ހިނގުމުގެ ސަބަބުން ގަނޑުވަރުގެ ދޮރާށީގެ ފާރަވެރިންވެސް ވީ ހަގުރާމައިގެ މައިދާނުގައެވެ. ގަނޑުވަރު ބަލަހައްޓާ އެއްވެސް ސިފައިންގެ މީހަކު ފެންނާކަށް ނެތެވެ. ޔޫގަންނާމެން އެތެރެއަށް ވަދެވަޑައިގަންނަވަނިކޮށް ކޮންމެވެސް މީހަކު ބަނދެލާފައި އޮތް އެއްޗެއް ކޮނޑުމައްޗަށް ލައިގެން ދަނިކޮށް ފެނުނެވެ. ލޫކާ އެމީހަކު ހުއްޓުވިއެވެ.

"ކަލެއަކީ ކާކުތަ؟ " ލޫކާ ސުވާލުކުރިއެވެ.

ޔޫގަންނާއަށް އެއީ ކާކުކަން އެނގިވަޑައިގަތުމުން ވަރަށް ބޮޑަށް ކޯފާވިއެވެ.

"ކަލޭގެ ކޮނޑުމަތީ ވަނީ ކޯނޗެއްތަ؟" ޔޫގަންނާ ސުވާލުކުރެއްވިއެވެ.

ސާޖިސް ދުއްވައިގަތުމުން ލޫކާ ފަހަތުންގޮސް ހިފަހައްޓާފައި ބިންމައްޗަށް ގަންނަވާލައިފިއެވެ. އޭނަގެ ކޮނޑުމަތީގައި ފޮތިގަނޑެއްގައި އޮޅާ ބަދެލާފައި އޮތް މީހަކީ ކާކުކަން ބަލަން ލޫކާ އަވަސްވެގަނެގްނ ފޮތިގަނޑު ނިއުޅާލިއިރު އެއީ ޔޫގަންނާގެ ދަރިކަނބަލުން ލޫސީއެވެ. އޭނައޮތީ ޚަބަރު ހުސްވެފައެވެ.

ޔޫގަންނާ ކޯފާގެ ކޮޅެއްނެތް ހާ ބޮޑަށް ކޯފާ އިސްކުރައްވާ އޭނަގެ ކަރުގައި ހިފެހެއްޓެވިއެވެ.

"އޭ ސުންޕާ ކަލޭގެއާ. ކަލޭ ލޫސީ އޮތް ގަނޑުވަރަށް ވަދެގަތީ ކިހިނެއްތަ؟ "

ސަޖިސް ބިރުން ރޫރޫ އަޅައިގަތެވެ.

"މާތް ސާހިބާ. އަޅުގަނޑަށް މާފުކޮށްދެއްވާ. މަނިކުފާނު ރޫމީންނާއި ހަގުރާމަކުރައްވާތަން ފެނުނީމަ ދަނޑިވަޅު ބަލާފައި އަޅުގަނޑު މިގަނޑުވަރަށް އައީ. އޭރު ރޫމީންގެ ހަތަރު ސިފައިން ދޮރާށި ކައިރީ ފޯރިމަރަން ތިބި. އަޅުގަނޑު ދެންނެވިން ހަގުރާމަ ވަރަށް ހޫނުވެއްޖެއޭ ކަލޭމެން ތިހެން ތިބެގެން އަދި ވާކަށް ނޯންނާނެއޭ. އެމީހުންވެސް ރާސްލާފައި ދުއްވައިގަތީ. ސިފައިންގެ ބެލުމުގެ ދަށުން ތަން ދޫވުމާއެކު ގަނޑުވަރަށް ވަދެ އަޅުގަނޑަށް ލޫސީ އޮތް ކޮޓަރިއެއް ނޭގިގެން ވަރަށް ހޯދަންވެސް ޖެހުނު. އެންމެފަހުން އެކޮޓަރިކޮޅަށް ވަދެ އެންމެ ކުރިން ޒައިތޫނުގެ މޫނުފުޅުގައި ރުމާ އަޅައިގެން ހޭފުޅު ނައްތާލީ. ލޫސީވެސް ހޭފުޅުނެތުނީމަ ޝީޓުތަކުގައި އޮޅާލައިގެން އަވަހަށް ނުކުތީ. ނަމަވެސް މިއީ އަޅުގަނޑުގެ ނަސީބުގައި ހުރިކަމެއް ނޫންކަން އެނގިއްޖެ. އަޅުގަނޑު ދެން މިފަދަ ކެހިވެރި އަމަލެއް ނުކުރަން މަސީހު ގަންދީ ހުވާކުރަން. އިއްޒަތްތެރި ރަސްގެފާނު އަޅުގަނޑަށް މާފުކޮށްދެއްވާ..." ސާޖިސް އާދޭހާއެކު ޔޫގަންނާގެ ފައި މައްޗަށް ތިރިވެއްޖެއެވެ.

ޔޫގަންނާ ހުންނެވީ އޭނަގެ ވާހަކަތަކަށް ޖަވާބެއް ދެއްވާވަރަށް ވުރެ ބޮޑަށް ކޯފާވެފައެވެ. ކޯފާގެ ސަބަބުން އަމިއްލަ ކޮއްކޯފުޅު އަވަހާރަކޮށްލިއިރު މިފަދަ ނުބައި އަމަލަަށް އޭނައަށް ކެތްކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ވަގުތުން އަތްޕުޅުގައި އޮތް ޚަންޖަރު ސާޖިސްގެ ބުރަކަށްޓަށް ކޮށްޕަވާލެއްވުމާއެކު ބިރުވެރި ގޮތަކަށް ހަޅޭއްލަވައިގެންފިއެވެ. އޭރު ދުނި ޖަހާފައި ބުރަކަށިން ލޭގަނޑު އޮހިގަތެވެ. އިރުކޮޅެއްނުވެ މަރުވެގެން ކަޅި މައްޗަށް އަރައިފިއެވެ.

ޔޫގަންނާ ލޫސީ އަތްދަނޑި މައްޗަށް ނަންގަވައިގެން ކޮޓަރިކޮޅަށް ގެންދަވާ އެނދުގައި ބޭއްވެވިއެވެ. މާގިނައިރެއްނުވެ ހޭއެރިއެވެ. އޭރު ޒައިތޫންވެސް ހޭފުޅު އަރާ މަލަކާވެސް އިންނެވީ ލޫސީގެ ޚަބަރެއް ނުވެފައެވެ. ލޫކާގެ ފަރާތުން އެ ހާދިސާ އޮޅުން ފިލުމުން ހުރިހާ އެންމެން މާތްﷲއަށް ޝުކުރުދެންނެވިއެވެ.

މާލިކް އަޝްތަރުގެ ސިފައިން ރޫމީންގެ ގައިދީންތައް ކޭމްޕުތަކުގައި ހައްޔަރުކުރުމަށްފަހު އަރާމުކުރަން އޮށޯތެވެ. ހައްޔަރު ކުރި މީހުންގެ ތެރޭ ގައި ލޫކާއަށް އިސްލާމްދީން އޮޅުން ފިލުވާ ދިނުމުގައި ފަސްޖެހުނު ފާދިރީ ހިމެނުނެވެ. އޭނަ ބުނި ގޮތުން އެހެން ވާންޖެހުނު ސަބަބަކީ ދީނީ މައްސަލަައިގާ އޭނަގެ އަޚުންނާއި ދަރިންވެސް ދުނިޔެއާއި ވަކިވެގެން ގޮސްފައި ވުމެވެ. އޭނަ މާލިކުއާއި އެކި ސުވާލުކުރުމަށްފަހު އެންމެ ފަހުން އިސްލާމް ދީން ގަބޫލުކުރުމުން ލޫކާވެސް އެކަމާ އުފާކުރިއެވެ. މުޅި ދުވާލު ހަަތަރު ދަމު ދަތުރުުކުރުމަށްފަހު ގަަދަފަދަ ހަގުރާމައެއް ކުރަންވުމުން މުޖާހިދުން ވަރުބަލިވެފައި ތިބުމުން ކޭމްޕްތަކުގައި ޖައްސާލިގޮތަށް ނިދުމުގެ ފޮނި އާލަމުގައި އެތައް އިރެއްވާންދެން ތިއްބެވެ.

***

ޔޫގަންނާ ދާރިޔަސްގެ ޖަނާޒާ އީސާއީ ދީނުގެ އާދަކާދައިގެ މަތިން ބާއްވަވާ ޝާހީ ގަބުރުސްތާނުގައި އޭނަގެ ހަށިކޮޅު ފަސްދާނުވެޑުވިއެވެ. ދާރިޔަސްގެ ގާތިލު ހޯދަން މަސައްކަތް ކުރެއްވި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. ބައެއް ރިވާގައިވާ ގޮތުން އޭނަ ގަތުލުކުރެއްވީ އަނބިކަނބަލުން މަލިކާއެވެ. އަނެއްބައި ރިވާގައި ލޫކާ ނޫނީ ކޮއްކޮއިން ކަމުގައިވެސް ބުނެވުނެވެ.

އެދުވަސްކޮޅު ތެރޭ ދާރިޔަސްގެ އަނބިކަބަލުންނާއި ދަރިކަނބަލުންތައް ވެސް އިސްލާމްވެ ވަޑައިގެންފިއެވެ. އޭގެ ތެރޭ ޒާރާ ހިމެނިވަޑައިގަންނަވައެވެ.

ލާވަންއަށް ފުރިހަމަ ސިއްހަތެއް ލިބެންދެން މުސްލިމުންގެ ލަޝްކަރު އެ ކިއްލާގައި މަޑުކުރެއްވިއެވެ. އެއަށްފަހު ޔޫގަންނާއާއި ޒައިތޫން އަދި މަލިކާ ހުރިހާ ކުދިން ގޮވައިގެން އިސްލާމީ ލަޝްކަރާއެކު ހަލަބަށް ދަތުރުފެށިއެވެ.

***

އައުޒާޒު ކިއްލާ ފަތަހަވިކަމުގެ ޚަބަރު ލިބި ވަޑައިގަތުމުން އަބޫއުބައިދާ އުފާފުޅުވިއެވެ. މުސްލިމުންނަށްވެސް އިންތިހާ ދަރަޖައިގެ އުފާވެރިކަމެއް ލިބުނެވެ. މާލިކު އަޝްތަރުއާއި ޔޫގަންނާ އަދި ލަޝްކަރުގެ އިންތިޒާރުގައި އެންމެން ހަލަބުގައި ދުވަސްތައް ވޭތުކުރަމުން ދިޔައިރު ވަރަށް ގިނަ ރޫމީން އިސްލާމްވިއެވެ. ރޫމީން އިސްލާމީ ލަޝްކަރަށް އައިސް މުދާތައް ވިއްކުމާއި އެކު ވިޔަފާރި ކުރަން ފެށުމުން މުސްލިމުންގެ ރީތި ސިފަތައް ފެނި އެމީހުންނަށް އެކަމުގެ އަސަރުކުރީއެވެ. މުސްލިމުން ގެ އަމާނާތްތެރިކަމާއި ވައުދަށް ކަމޭހިތުންފަަދަ ކަންތައްތައް ފާހަގަކުރެވުނެވެ. ވިޔަފާރީގައި އެއްވެސް މަކަރެއް އޮޅުވައިލުމެއް ނެތެވެ. އެމީހުންގެ ކާމިޔާބުގެ އެއް ސިއްރަކީ އެއީކަންވެސް ދެނެގަނެވުނެވެ. ކުރީކޮޅުގައި އަންހެންވެރިންވެސް މުސްލިމުންގެ ލަޝްކަރުގެ ތެރެއަށް ނިވާކަން ކުޑަ ގޮތަށް ހެދުން އަޅައިގެން އަންނަން ފެށުމުން ބުއްދިވެރިން އެވާހަަކަ އަބޫއުބައިދާއަށް ދަންނަވާ އެކަން ހުއްޓުވިއެވެ. އެކަމަކު އެމީހުންނަށް މުސްލިމުންގެ އަންހެނުންގެ ތެރެއަށް ގޮސް ވިޔަފާރީގެ ކަންތައް ކުރެވިދާނެކަމުގައި ނިންމެވިއެވެ.

ދުވަސްތަކަކަށްފަހު އަބޫއުބައިދާއަށް މާލިކު އަޝްތަރުގެ ލަޝްކަރު އަންނަ ޚަބަރު ލިބިގެން އެންމެން ރަށްބޭރަށް ނުކުތެވެ. ފާތިހުންނަށް މަރުހަބާ ކިޔަން ނުކުތް ލަޝްކަރުގެ އެންމެ ކުރީގައި ތިއްބެވީ އަބޫއުބައިދާ ޚާލިދު ޟިރާރުފަދަ ފަހުލަވާނުންނެވެ. އިރުގަނޑެއްނުވަނީސް އަރަބި ލަޝްކަރުގެ ސަވާރުން ފެންނާން ފެސިއެވެ. ދެފަރާތުން ﷲއަކްބަރުގެ ނައުރާ ކިޔަންފެށި އަޑު ފަޒާގެ ތެރެއަށް އަރައިގެން ދިޔުމުން ކައިރީގައިވާ ވިލެޖްތަކުގެ އަހުލުވެރިންވެސް ނުކުމެ ވެގެން އުޅެނީ ކީއްތޯ ބަލަންފެށިއެވެ. އެންމެ ކުރީސަފުގައި މާލިކު އަޝްތަރާއި ޔޫގަންނާ އަދި އާއިލާގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ލަޝްކަރާއެކު ރޫމީ ގައިދީންތައްވެސް ގެނެއެވެ. މާލިކު އަޝްތަރާއި ޔޫގަންނާ އަހުން ފައިބާ ވަޑައިގެން ސަލާމް ކުރެއްވުމަށްފަހު ހަލަބާއި ދިމާލަށް ދަތުރު ކުރައްވަމުން ދިޔައިރު އައުޒާޒު ކިއްލާ ފަތަހަވީގޮތް ކިޔާދެއްވިއެވެ. ހަލަބާއި ހަމަޔަށް ގޮސްފައި މުސްލިމުންގެ ލަޝްކަރު ކިއްލާގެ ބޭރުގައި ފޭލިގެތައް ޖަހަން ފެށިއެވެ.

ރޫމީންގެ ގައިދީންތައް ގެންދެވުނީ ކިއްލާގެ ތެރެއަށެވެ.

އަބޫ އުބައިދާ ލާވަންއާއި ލޫސީއަށް ސަލާމް ކުރައްވާ ހާލުގެ ވާހަކަ އެއްސެވިއެވެ.

"މާތްﷲގެ އިރާދަފުޅާއެކު އަޅުގަނޑުގެ ހާލު ރަގަޅު...." ލޫސީ އަދަބުވެރިގޮތަކަށް ބުނެލިއެވެ.

"އަލްހަމްދުލިﷲ.." އަބޫއުބައިދާ ލާވަންއަށް ނަޒަރު ހުއްޓަވާލެއްވިއެވެ. "މަނިކުފާނުގެ މޫނުފުޅަށް ބަލާފައި އާލާސްކަންފުޅެއްގައި އުޅުއްވާހެން ހީވޭ........."

"ލައްބަ. އަޅުގަނޑު ދުވަސްގަނޑެއްވާންދެން ތަންމަތީގައި އޮތުމަށްފަހު ތެދުވެވުނީ. އެހެންވެ އަދިވެސް މުޅިން ވަރުބަލިކަން ނުފިލާ..........."

"އެހެންތޯ؟ އެހެންވިއްޔާ ދަތުރުގެ ސަބަބުން އިތުރަށް ވަރުބަލިފުޅުވާނެ. އަވަހަށް އަރާމުކުރެއްވުމަށް ވަޑައިގަންނަވާ......މާތްﷲ ތިޔަބޭފުޅުންނަށް ރަހުމަތް ލައްވާށި..."

އަބޫއުބައިދާ އެކުދިންނަށް ސަލާމް ކޮށްލައްވާފައި ވަޑައިގަތުމުން އެންމެން އެކީގައި ގަނޑުވަރާއި ދިމާލަށް ދަތުރުުކުރިއެވެ.

ލޫސީ އާއި މަރިޔަމް ކޮޓަރިއަށް ވަންއިރު ޚާދިމާއަކު ބައްތިތައް ދިއްލާލައިފިއެވެ. މަޣުރިބު ނަމާދު ވަގުތުކަމުން ދެކުދިން އަވަސްވެގަތީ ވުޟޫކޮށްލައިގެން ނަމާދުކުރުމަށެވެ. މުސައްލާ ފަތުރާލައިގެން ނަމާދުކުރުމަށްފަހު ދެކުދިން ވާހަކަަދައްކާލަން އިރުގަނޑެއްވާންދެން ތިބިއިރު މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ލޫސީމެން ނެތުމުން ފަޅުކަން ލިބިފައިވާ ހަލަބުގެ ގަނޑުވަރުވެސް މިރޭ ފެންނަނީ ހަލަބޮލިކޮށެވެ. ހުރިހާ ކޮޓަރިތައް ބިއްލޫރި ބަޑިޔާތަކުން ދިއްލާ އަޅާފައެވެ. ރޭގަނޑު އެންމެން އެކީ ކެއުމަށްފަހު އިޝާކޮށްލައިގެން ދަތުރު ވަރުބަލިކަން ފިލުވަން ޖައްސާލުމާއެކު ނިދިއްޖެއެވެ.

***

ރޭގަނޑު އަރާމު ނިދިން ހޭލައިގެން ފަތިސް ނަމާދުކޮށްގެން ޔޫގަންނާ ދާނިޔަލް ލޫކާ އަދި ލާވަންވެސް އަބޫ އުބައިދާއާއި ބައްދަލުކުރައްވަން ވަޑައިގަތެވެ. އޭރު ޚާލިދު ފަދަ މުޖާހިދުންވެސް ކޭމްޕްގައި ތިއްބެވިއެވެ. އައުޒާޒު ކިއްލާ ފަތަހައާއި ބެހޭގޮތުން ޔޫގަންނާ އަބޫއުބައިދާއަށް ކޮންމެވެސް ވަރަކަށް ކިޔާދެއްވިއެވެ.

"އަޅުގަނޑުމެންގެ ރޭވުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބު ނުވީ ޖާސޫސަކު ކޮތަރެއް މެދުވެރިކޮށް ފޮނުވި ސިޓީ އޭނައަށް ލިބިވަޑައިގެންފާ އޮތީމަ. ބާޒު ފޮނުވައިގެން އެ ކޮތަރު އަތުނުލެވުނީ އެހެން ގޮތަކަށް ކިއްލާ ފަތަހަވާން ތަގުދީރުގައި ލިޔުއްވާފައި އޮތީމަ. އައުޒާޒުއިން އޭނަ ކެހިވެރިގޮތަކަށް އަޅުގަނޑުމެން ހައްޔަރުކޮށްލެއްވީ. މާތްﷲގެ އެހީތެރިކަން ލިބިވޮޑި ނުގަތްނަމަ ހުރިހާ މުސްލިމުން ޝަހީދުވާނެކަން ޔަގީން. ހުރިހާ ޝުކުރެއް ހުރީ ހެއްދެވި ފަރާތަށް...." ޔޫގަންނާ ވިދާޅުވިއެވެ.

"އަޅުގަނޑަށްވެސް އެނގޭ. މުސްލިމުން ހައްޔަރުގައި ތިއްބާ ދޫކޮށްލެއްވީ ކޮން ބޭފުޅެއްތޯ؟ " އަބުއުބައިދާ އެއްސެވިއެވެ.

"ދާރިޔަސްގެ ދަރިކަލުން ލޫކާ.. މިއިންނެވީ އެބޭފުޅާ.." ޔޫގަންނާ އަބޫއުބައިދާއަށް ލޫކާ ތައާރަފުކޮށްދެއްވިއެވެ.

"ޝެހެޒާދާ ލޫކާ. ހުރިހާ މުސްލިމުންގެ ފަރާތުން މަނިކުފާނަށް ހިފެހެއްޓުމެއްނެތި ޝުކުރުވެރިވަން.........."

"އެއީ މަނިކުފާނު ޝުކުރުވެރިވަޑައިގަންނަވާ ވަރުގެ ކަމެއްނޫން. މާ ކުރީއްސުރެން އަޅުގަނޑުގެ ހިތުގައި މުސްލިމުންނާއިމެދު އިހުތިރާމާ ގަދަރު އުފެދިއްޖެ. އޭރު އެެހެން ވާންޖެހުނު ސަބަބެއް ނޭގުނު. ފަހުން އިސްލާމް ދީނާއިމެދު ޝައުގުވެރިކަން އުފެދި ދީން އޮޅުން ފިލުވަން ސުވާލު ކުރަން ފެށީމަ ފާދިރީ އިންކާރުކުރި. މުސްލިމުންނަށް ދެވިފައިވާ ގަދަރެއްގެ ބޮޑުކަމުން އެމީހުން ދޫކޮށްލީ. މިހާރު އަޅުގަނޑު މުސްލިމްވެއްޖައިން. ދީނަށްޓަކާ ފުރާނަ ދުއްވާލުންވެސް އުފަލެއްކަމުގައި ދެކެނީ." ލޫކާ ބުނެލިއެވެ.

"ތިހެންވިއްޔާ އަދި ވަކިން ބޮޑަށް ޝުކުރުވެރިވަން. ސަބަބަކީ މަނިކުފާނުގެ ބައްޕާފުޅު އަވަހާރަވުމުގެ ސަބަބުން ކޯފާވެ މުސްލިމުންނަށް ކޮންމެފަދަ ގޮތެއް ހައްދަވާލުމުގެ ފުރުސަތު ލިބިވަޑައިގެން ވަނިކޮށް އެފަދަ ފިޔަވަޅެއް އެޅުއްވީ. ތިޔަ ދެބޭފުޅުންނަށްވެސް މާތްﷲ ރަހުމަތްލައްވާށި. ޝެހެޒާދާ ލާވަންގެ ހާލު ކޮޅު މިހާރު ކިހިނެއްތޯ...." އަބޫއުބައިދާ ސުވާލުކުރެއްވިއެވެ.

"އަޅުގަނޑު މިހާރު މުޅިން ރަގަޅު އަލްހަމްދުލިﷲ...." ލާވަން ހީލިއެވެ.

ޔޫގަންނާއާއި ލާވަންވެސް އެތަނުން ނުކުތުމުން އަރަބި ކޮމަންޑަރުންވެސް ބޭރަށް ނިކުންނާން ފެށިއެވެ. ލޫކާ ހުރީ ފުރުސަތަކަށް ބަލަބަލައެވެ. އޭނަ އަބޫއުބައިދާއާއި ވާހަކަދައްކާލަން ބޭނުންވާ ކަމަށް ބުނުމުން އެކަލޭގެފާނު އިށީދެ ވަޑައިގެންފިއެވެ.

"އަވަހަށް ވިދާޅުވޭ"

"މިއީ ވަރަށް ސިއްރުވެރި ވާހަކައެއް....." ލޫކާ ކުޑަކޮށް ހީލިއެވެ.

"ސިއްރުވެރި ވާހަކައެއް ހިއްސާކުރައްވާ ވަރަށް އިތުބާރު ކުރެއްވިކަމަށްޓަކާ ވަރަށް އުފާކޮށްފިން. އަޅުގަނޑު މިހިރީ އަޑުއަހަން......."

"އަޅުގަނޑުގެ ކޮއްކޮ ލާވަން އަދި ޔޫގަންނާގެ ދަރިކަނބަލުން ލޫސީގެ ލޯބީގެ ހާދިސާތައް ފަހަރެއްގައި މަނިކުފާނު އައްސަވާފައި އޮތުން އެކަށީގެންވޭ..."

"ތި ވާހަކަ އެހިން..."

"އަޅުގަނޑުގެ ކޮއްކޮ ހަލަބުގެ ކިއްލާއިން އެނބުރި ދިޔުމަށްފަހު އެހާ ބޮޑަށް ބަލިވީ ލޫސީގެ ލޯބީގެ ސަބަބުން. ލޫސީގެ އާއިލާ އިސްލާމްދީނަށް ވެދެވަޑައިގެންނެވުމުން ބައްޕާފުޅުގެ ދުޝްމިނުންނަށް އެ ބޭފުޅުންވި. އެހެންވުމުން ކޮއްކޮއާއި ލޫސީގެ ގުޅުމަށް ދެކޮޅު ހެއްދެވީ. ކޮއްކޮ ހުރީ ލޫސީއަށްޓަކާ ފުރާނަވެސް ދޫކޮށްލަން ތައްޔާރަށް. ބައްޕާފުޅުވެސް އަވަހާރަވެފައިވާތީ ޔޫގަންނާއާއި ހަމަޔަށް އެ ކައިވެންޏަށް އެދި ހުށަހަޅާނެ އިސްފަރާތެއްވެސް ނުވޭ. އަޅުގަނޑަށްވެސް މި ވާހަކަ ދައްކާކަށް ނުކެރުނު. އެހެންވެ މަނިކުފާނު އަރިހުން އެދެނީ ޔޫގަންނާއާއި ހަމަޔަށް މި މައްސަލަ ގެންގޮސްދެއްވުން...."

"ޝެހެޒާދަ ލޫކާ. ތިއީ ސިޔާސީ މައްސަލައެއް ނަމަ ތިކަމާއި ބެހޭގޮތުން ވާހަކަދައްކާ އެކަން ކުރުވަން ބާރު އެޅިދާނެ. އަދި މި ކިއްލާގެ ވެރިކަމާއި ބެހޭގޮތުން އެދިވަޑައިގެންނެވި ނަމަ އެވާހަކަ ދެއްކިދާނެ. ނަމަވެސް ތިއީ އާއިލީ މައްސަލައެއް. ތިޔަބޭފުޅުންގެ އަމިއްލަ ކަމެއް. އަޅުގަނޑު ތިޔަކަމުގެ ތެރެއަށް ވަނުމަކީ ރަގަޅު ކަމަކަށް ނުވެ ހިނގައިދާނެ......" އަބޫއުބައިދާ ވިދާޅުވިއެވެ.

"މަނިކުފާނު މިކަމާއި ނޫޅުއްވައިފިއްޔާ މި ވާހަކަ ދައްކާނެ މީހަކު ނުވެދާނެ. އަޅުގަނޑަށްވެސް ފަސްޖެހެވެނީ ޔޫގަންނާގެ ޖަވާބެއް ނޭގޭތީ............."

"މަނިކުފާނުގެ މަންމާފުޅު ޔޫގަންނާ އަރިހަށް ފޮނުއްވާ....."

"އެންމެ ރަގަޅު. އެކަމަކު މަނިކުފާނު ވެސް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ވެ ވަޑައިގެންފިއްޔާ ރަގަޅު......."

"މަންމާފުޅު އަޅުގަނޑުގެ ލަފާއަކަށް އެދިވަޑައިގެންފިއްޔާ އަޅުގަނޑު ތިކަންކޮށްދޭނަން....."

އަބޫއުބައިދާއާއި ލޫކާ ސަލާމް ކޮށްލައްވާފައި ދިޔަގޮތަށް އޭނަގެ މަންމާފުޅާއި މަޝްވަރާކުރެއްވިއެވެ. ފިރިކަލުން އަވަހާރަވުމުގެ ހިތާމަފުޅުގައި އިންނެވިޔަސް ދަރިފުޅުގެ އުފަލަށްޓަކާ އެކަމަ ފަސްޖެހިވަޑައިގަންނަވަން ބޭނުންފުޅު ނުވިއެވެ. ޒައިތޫނާގެ ކޮޓަރިކޮޅަށް ވަޑައިގެން ލާވަންގެ ފަރާތުން ލޫސީގެ ކައިވެންޏަށް އެދިވަޑައިގެންފިއެވެ. ހަމައެއާއެކު ދާނިޔަލްއާއި ޒާރާގެ ކައިވެނިވެސް އެއްކޮށް ނިންމަވާލަން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެ ވާހަކަފުޅުގައި ތިއްބަވަނިކޮށް ޔޫގަންނާއަށް ވަދެ ވަޑައިގެންނެވުނެވެ.

"މަލިކާ އެބަ އެދިވަޑައިގަންނަވާ އަޅުގަނޑުމެންގެ ލޫސީއާއި ލާވަންގެ ކައިވެނީގެ ގޮތުން ގުޅުމަށް.. އަދި ދާނިޔަލްއާއި ޒާރާވެސް......."

"އެހެންތޯ؟ އެކަމަކު ލާވަން ތިކަމާ ބެހޭގޮތުން އަޅުގަނޑު ގާތުގައި އެއްވެސް ވާހަކައެއް ނުދައްކާ. ވީއިރު ޖަވާބު ދޭކަށް އަދި ނޭގޭ..ދާނިޔަލްއާއި ޒާރާގެ ކައިވެނި މާކުރިންވެސް ހަމަޖެހިފައި އޮތްކަމެއް................." ޔޫގަންނާގެ މޫނުފުޅު އަލިވިގޮތުން އެކަމާއި ވަރަށް ގަބޫލުފުޅުވެފައި ހުންނެވިކަން އެނގުނެވެ.

ޖެހިގެން އައި ދުވަހު ލާވަންއާއި ލޫކާ އެކީގައިގޮސް ޔޫގަންނާގެ ގާތުގައި ލޫސީގެ ކައިވެންޏަށް އެދި ވާހަކަދެއްކިއެވެ.

ޔޫގަންނާ އެ ކައިވެންޏާމެދު ގަބޫލުފުޅުކަން ވަގުތުން އެންގެވިއެވެ. އަދި ދާނިޔަލްއާއި ލާވަންގެ ކައިވެނީގެ ތާރީޚު ކަނޑައަޅާ އެކަމަށްޓަކާ ހަލަބުގެ ގަނޑުވަރު ޒީނަތްތެރިކުރާން ފަށައިފިއެވެ. މިކަމުގައި އެތައް ހާސް ބަޔަކު ބައިވެރިވިއެވެ. ޔޫގަންނާ ވަނީ އެކައިވެންޏަށްޓަކާ މުޅި އިސްލާމީ ލަޝްކަރަށް ދައުވަތު ދެއްވާފައެވެ.

***

ޝާހީ ކައިވެނިތައް ހަމަޖެހުނު ރޭގެ އިރު އޮއްސުނުއިރު މުޅި ގަނޑުވަރު ބިއްލޫރި ބަޑިޔާތަކުން ދިއްލާ އަޅާލައިފިއެވެ. މުޅި ހިސާބުގައި އުއްބައްތިތައްވެސް ދިއްލާލާފައިވާއިރު ގަނޑުވަރު ފެންނަލެއް ނިކަން ހިތްގައިމެވެ. މަލުގެ ދޫލަތަކުން ފައި ގެނބޭވަރުވެއެވެ. އެކި ދިމާލުގައި މީރުވަސްދުވާ މާ ޓުކުރިތަކެވެ. ހަފްލާ ނިކަން ފުރިހަމައަށް ތައްޔާރުކޮށްލާފައިވާއިރު ލޫސީއާއި ޒާރާ ފަށުވި ހެދުންތައް ލައިގެން ތައްޔާރުވެއްޖެއެވެ. ހެދުމާއި ގަހަނާތައް ޖަވާހިރުން ދަޅަ އަޅައެވެ. ގަނޑުވަރުގެ ކުރިމަތީގައިވާ މައިދާންގައި ބޯ ދޫލަ އަޅާ ބާލީސްތައް ޖަހާފައިވަނީ މެހުމާނުން އިށީދެވަޑައިގަތުމަށެވެ. އިޝާ ނަމާދަށްފަހު އަބޫއުބައިދާއާއި ލަޝްކަރުގެ އިއްޒަތްތެރިން ވަޑައިގެންފިއެވެ. ލާވަންއާއި ދާނިޔަލްގެ އެއްފަރާތުގައި އަބޫ އުބައިދާ އަދި އަނެއް ފަރާތުގައި ޔޫގަންނާ އިށީދެ ވަޑައިގެންފިއެވެ. ކައިވެނިކޮށްދެއްވީ އަބޫއުބައިދާއެވެ. ކައިވެނީގެ ޚުތުބާއަށްފަހު ހުރިހާ އެންމެން ލާވަންއާއި ދާނިޔަލްއަށް މަރުހަބާ ކިޔަންފެށިއެވެ. ނިންމާލަމުން ކައިވެނި ބާއްޖަވެރިވުން އެދި އެންމެން ދުޢާކުރިއެވެ. އެއަށްފަހު ކައިވެނީގެ ޖާފަތް ފެށުނެވެ.

އެރޭ ފަދަ ހިތާމަވެރި ރެއެއް މަރިޔަމްގެ ހަޔާތުގައި ނައި ނަމަވެސް އެކުއްޖާ ބޭރުފުށުން ފާޅުކުރީ އުފާވެރިކަމެވެ. ދާނިޔަލް ރަސްދަރިކަލަކަށް ވުމުން އޭނަގެ ފެންވަރު ނޫންކަމުގައި ހިތަށް ވިސްނާދީ ހިނިތުންވާން ދަސްކުރީއެވެ. އޭނައަށްޓަކާވެސް ހަޔާތުގެ ކޮންމެވެސް ހިސާބަކުން ބައިވެރިއަކު އަންނަން ތަގުދީރުގައި ހުރިއްޔާ އެމީހަކު އަންނާނެއެވެ. ނެތަސް ހެއްދެވި ފަރާތަށް ޝުކުރުވެރިވާން އޭނަ ދަސްކޮށްފިއެވެ. އީސާއީއެއްގެ ގޮތުގައި ހުރިއިރު އޭނަ ކެތްކުރަން ދަނެއެވެ. މުސްލިމަކަށްވުމުން އެއަށްވުރެ ބޮޑަށް ކެތްތެރިވާން ދަސްވެ ދީނަށް ހިތުގައި ލޯބި ޖެހިއްޖެއެވެ. ވަގުތެއް ވާއިރަށް އޭނަ އިންނަނީ ގުރުއާން ދަސްކުރަން އަރަބިންގެ ފޭލިގޭގައެވެ.

މުސްލިމް ކޮމާންޑަރެއްގެ ނަޒަރުގައި މަރިޔަމް އަޅައިގަތުމުން އޭނަ އެކުއްޖާއާއި ބެހޭ މައުލޫމާތު ހޯދިއެވެ. އެއީ ޔޫގަންނާގެ ލަޝްކަރުގެ ވެރިޔާ ކާރކަސްއަށް ބޮޑުބޭބެ ކިޔާކުއްޖެއްކަން އެނގުމުން ކައިވެންޏަށް އެދި ހުށަހެޅިއެވެ. ކާރކަސް ބުނީ މަރިޔަމްގެ ރުހުން އޮތިއްޔާ އޭނަ ގަބޫލުކަމުގައެވެ.

***

ހެދުނު އަވީގެ ރަންދޯދިތައް ގަނޑުވަރުގެ ކޮޓަރިތެރެއަށް އެޅިގެން ދިޔައިރު ލޫސީ މޭޒުދޮށުގައި އިނެވެ. އިސްތަށިގަނޑު ހުޅިއެއް ޖަހާލައިގެން އިންއިރު ދޮންމޫނަށް ރަންކުލަ ވެރިވެފައިވިއެވެ. އޭނަގެ ފެހި ލޯ ކަރުނުން ތެމިފައެވެ. އަތުގައި އޮތީ ބޮޑުބޭބެ ޔޫހަންނާގެ ސިޓީއެވެ. އެއީ ކައިވެންޏަށްފަހު ކަނޑަން ބޮޑުބޭބެ ވަސިއްޔަތް ކުރި ސިޓީއެވެ.

"ދަރިފުޅާ ލޫސީ

ދަރިފުޅުގެ ކައިވެނީގެ އުފަލުގައި މުބާރިކްބާދީ ކިޔަން މިއަދު ދުނިޔޭގައި ނެތަސް ވަރަށް އުފާކުރަން. ދަރިފުޅުގެ އުއްމީދުތައް މިއަދު ވަނީ ފުރިހަމަވެފައި. ބޮޑުބޭބެގެ ހެޔޮދުޢާތައް އަބަދުވެސް ދަރިފުޅާއެކު ވާނެ. މާތްރަސްކަލާނގެ ތިޔަދެކުދިންނަށް ރަހުމަތް ލައްވާށި. އަދި ދާނިޔަލްއާއި ޒާރާގެ ކައިވެނިވެސް ކުރެވިފައިވާނެ ކަމުގައި ބޮޑުބޭބެ އުއްމީދުކުރަން. އެކުދިންނަށްވެސް މުބާރިކްބާދީއާއި ހެޔޮ ދުޢާކުރަން. އަދި ހީވާގޮތުން ބޭބޭފުޅުވެސް އިސްލާމްވެ ވަޑައިގެން މުސްލިމުންނާއެކު ވާނީ. މާތް ރަސްކަލާނގެ ބޭބޭފުޅަށްވެސް ރަހުމަތްލައްވާށި. މިދުވަސްދެކެން ހުރެވޭނެނަމަ އޭ ހިތަށް އެރިޔަސް ކޮންމެ ކަމަކަށް ހިކުމަތެއްވާނެ. ދުނިޔެއަކީ ވަގުތީ ގޮވަތްޗެއް. ދަރިފުޅާ. ބަހާރުވާދީގައި ދަރިފުޅަށްޓަކާ ބޮޑުބޭބެ ރައްކާކޮށްފައިވާ ޚަޒާނާއެއް ވާނެ. އެއްވެސް މީހަކަށް ޗާޓުންވެސް އެ ޚަޒާނާ ހުރިތަނެއް ހޯދައެއް ނުގަނެވޭނެ. އެވާދީގެ ތެރޭގައިވާ މަރުމަރު ހިލައިގެ ގޮނޑިދަށުގައި އެ ޚަޒާނާ ފޮރުވިފައިވާނެ.

މިއަދު ބޮޑުބޭބެ މިވަނީ ދަރިފުޅާއި އާއިލާގެ އެންމެންގެ ހެޔޮ ދުޢާއަށް ބޭނުންވެފައި. ހެޔޮ ދުޢާކުރައްޗޭ.

ދަރިފުޅުދެކެ ލޯބިވާ ބޮޑުބޭބެ ޔޫހަންނާ

ލޫސީގެ ކަރުނަތައް އިތުރުވިއެވެ. ލާވަން ކޮޓަރިއަށް ވަންއިރު ލޫސީ އެހާވަރަށް ކަރުނަ އޮއްސާތަން ފެނި ކަންބޮޑުވިއެވެ. ސުވާލުކުރަން ފެށިއެވެ. ލޫސީ އެ ސިޓީ ދެއްކިއެވެ.

"ލޯބިވާ ލާވަން. އެންމެ ފަހު ވަގުތުގައިވެސް ބޮޑުބޭބެ އަޅުގަނޑުމެން މަތިން ހަދާން ނައްތައެއް ނުލައްވާ....."

"ހިތާމަ ނުކުރޭ. ތިގޮތަށް ރުއިމަކީ ބޮޑުބޭބެ އެދިވަޑައިގަންނަވާނެ ކަމެއްނޫން..." ލާވަން ލޫސީ ގެނެސް މޭގައި ޖައްސައިލިއެވެ.

"މެންދުރު ކެއުމަށްފަހު އަޅުގަނޑު ބަހާރުވާދީއަށް ދާން ބޭނުން....."

"އެންމެ ރަގަޅު. އެކަންތައް ހަމަޖައްސަމާ...."

މެންދުރު ކެއުން ނިމިގެން ލާވަންއާއި ލޫސީ ގަނޑުވަރުގެ ޚާދިމުން ގޮވައިގެން ބަހާރުވާދީއަށް ދިޔައިރު އެތަން ދުވާލު ފެންނަނީ ދުނިޔެމަތީގެ ސުވަރުގެ ގޮތުގައެވެ. ފެން އާރުގެ އަޑާއި ދޫނިތަކުގެ ލަވަ ޖެހުމުގެ ހިތްގައިމު އަޑުން ހިތްތަކަށް އުފާވެރިކަން ގެނުވާނެއެވެ. ލާވަންއާއި ލޫސީ އަތުގައި ހިފާލައިގެން ހިނގާލަން ދިޔައެވެ. އެއަށްފަހު އެނބުރި އައިސް އެ މަރުމަރު ހިލައިގެ ގޮނޑި ހުރިތަން ކޮންނަން ޚާދިމުންނަށް އެންގިއެވެ. އެތަނުގެ ތެރޭގައި އޮތް ހިލަ ނެގުމާއެކު ލޯތައް ތަރަތަރަޖަހައިގެން ދާ ވަރުވިއެވެ. އެތާގައި ވަނީ ހޮހަޅައެކެވެ. ރަނާއި ރިއްސާއި ޖަވާހިރުން ފުރިފައެވެ. ނީލަމާ އަގީދު އަލިމަސް ފީރޯޒް ޔާގޫތު ފަދަ ކުލަކުލައިގެ ޖަވާހިރުތަކެވެ. މިލިއަނުން އަދަދުނުކުރެވޭހާ އަގުހުރި ޚަޒާނާއެކެވެ. ލޫސީ ޚާދިމުން ފޮނުވައިގެން ބައްޕާފުޅަށް އެކަން އެންގެވިއެވެ. ޔޫގަންނާ ވަޑައިގަތީ އަބޫއުބައިދާވެސް ގޮވައިގެންނެވެ. އެދެބޭފުޅުންނަށްވެސް އެ ޚަޒާނާ ފެނި ހައިރާންވީވަރުން ބަސްފުޅު ހުއްޓިފައި ބައްލަވަން ތިއްބެވިއެވެ.

""މިއީ ބައްޕާފުޅުގެ ޚަޒާނާއެއް. މިތަކެތި ޝާހީ ޚަޒާނާއަށް ލައްވާނީ. އެންމެ ރަގަޅުގޮތަކީ އެއީ......." ލޫސީ ބުނެލިއެވެ.

"ނޫން. ތިއިން އެންމެ ރިހި ފައިސާ ފޮތްޗެއްވެސް ބައްޕަ ބޭނުމެއްނޫން. އެންމެ ރަގަޅުވާނީ މުސްލިމުންނަށް ދިނިއްޔާ. މާތްﷲގެ މަގުގައި ހަގުރާމަކުރާ މުޖާހިދުންގެ ހައްގެއް ތިއީ...." ޔޫގަންނާ ވިދާޅުވިއެވެ.

"ނޫން. ތިއީ މުސްލިމުންގެ އެއްޗެއްވެސް ނޫން. ތިއީ ލާވަންއާއި ލޫސީގެ މުދާ..." އަބޫއުބައިދާ ވިދާޅުވިއެވެ.

ޚަޒާނާ ބަލަން ދާނިޔަލްއާއި ޒާރާވެސް ފަހުން އައެވެ. ލޫސީއަށް އެކަނި ދިނުން ހައްގުތޯ ކިޔާ ދާނިޔަލް ސަމާސާކުރިއެވެ. ނަމަވެސް ބޮޑުބޭބެ ދުނިޔޭގައި ހުންނެވިއިރު އޭނައަށް ދެއްވި އެއްޗެހި މަދެއް ނޫނެވެ. އޭނައަކީ ހަލަބު ކިއްލާގެ ވަލީ އަހުދެވެ. ޚަޒާނާގެ ވެރިޔާއެވެ. ކޮއްކޮދެކެ ބޮޑުބޭބެފުޅު ވީ މަތިވެރި ލޯތްބެކެވެ.

"ބޭބޭ ތިހުންނެވީ ބޭވަފާތެރިވެފައި. އެކަމާ އަޅުގަނޑަށް މާފުނުވެސް ކުރެވޭނެ. މަރިޔަމްގެ ހިތް ހަލާކުކޮށްލެއްވީ....." ލޫސީ ހަމައެކަނި އޭނަގެ ބޭބެއަށް އިވޭވަރަށް ބުނެލައިފިއެވެ.

"ހަމައެކަނި ހިތުގެ އެދުމަށް ނޫން ވިސްނަންވީ. އާއިލާގެ މަސްލަހަތާއި މައިންބަފައިންގެ އުފަލަށްވެސް ވިސްނަމޭ ލޯބިވާ ކޮއްކޯ. ބައެއްފަހަރު ލޯބި ގުރުބާންކުރަންވެސް ޖެހިދާނެ. ލޯބީގެ ދެވަނަ ނަމަކީ ގުރުބާން. ހުރިހާ ދުއާއެއްވަނީ މަރިޔަމްއާއެކު. އިރާދަކުރެއްވިއްޔާ ބޭބެއަށް ވުރެ އުފަލުގައި މަރިޔަމް އުޅޭނެ...." ދާނިޔަލް ސީރިޔަސްވިއެވެ. ޒާރާ އަރާ ހަމަވެފައި ދައްކަނީ ކޮން ވާހަކައެއް ތޯ އެހުމުން ދާނިޔަލް ހީލަމުން ޒާރާގެ އަތުގައި ހިފަހައްޓައިލިއެވެ.

"ޚަޒާނާއާއި ހެދި ކޮއްކޮއާއި އަރައިރުންވީ. ދެން އަޅާނުލަމާ. އެއްކޮޅުން ޒާރާގެ ބޭބެ އަނެއްކޮޅުން އަހަރެންގެ ކޮއްކޮ...." ދާނިޔަލް ހެމުން ބުނެލިއެވެ.

***

ދެހަފްތާފަހުން މަރިޔަމްއާއި މުސްލިމް ކޮމާންޑަރުގެ ކައިވެނިވެސް ކުރެވުނެވެ. މަރިޔަމް ހިތްއެދޭފަދަ ބައިވެރިޔަކަށް އެ ޒުވާނާ ވިއެވެ. ހިތްވަރުގަދަ ޖެހިލުންކުޑަ މުޖާހިދަކު ލިބުމުން މަރިޔަމްގެ ހިތް އުފަލުން ފުރުނެވެ. އޭނަގެ ހިތުގެ "ޕްރިންސް"އަކީ އޭނަ ކަމުގައިވެއްޖެއެވެ. ދާނިޔަލް މަތިން ހަދާން ނައްތާލާ ހަޔާތުގެ ނަވުގެ ލަގަނުގައި ހިފަހައްޓާނެ ބައިވެރިޔަކު ލިބުނީއެވެ. ފަސް އެނބުރި ބަލައިނުލާ ކުރިއަށް ދަތުރުކުރަން މަރިޔަމް އަޒުމް ކަނޑައެޅިއެވެ.

ލާވަންއާއި ލޫސީވެސް ހަލަބުގައި މައްސަރެއްހާ ދުވަސް ހޭދަކުރުމަށްފަހު އައުޒާޒް ކިއްލާގައި ދިރިއުޅެން ދަތުރު ފެށީ އުފަލާއެކުގައެވެ. ދާނިޔަލްގެ ދެމަފިރިން ހަލަބުގައި މަޑުކުރިއިރު މުސްލިމުންގެ ލަޝްކަރާއެކު ޔޫގަންނާ ފުރާ ވަޑައިގަތީ ފަތަހަތަކުގެ ސިލްސިލާގައި ބައިވެރިވެ ވަޑައިގެން ޖިހާދުކުރެއްވުމަށެވެ. އޭނަގެ ލަޝްކަރާއެކު ވަޑައިގެން އަންތާކިޔާ ފަތަހަކުރައްވަން ގަސްތު ކުރައްވާ އެ ދިމާލަށް މިސްރާބު ޖެއްސެވިއެވެ.

އިސްލާމީ މުޖާހިދުން ހަލަބް އަދި އައުޒާޒް ކިއްލާ ފަތަހު ކުރިގޮތާއި އަދި ރޫމީންގެ ޝާހީ އާއިލާގެ ބޭފުޅުންގެ ލޯބި އަސްލަކަށް ހިމަނައިގެން ލިޔެފައިވާ އިސްލާމީ ތާރީޚުގެ ފޮތްތަކަކުން ނަކަލުކޮށްފައިވާ މި ވާހަކަ ނިމުނީ

(މި ވާހަކަ ނިންމުމުގެ ތައުފީގު ދެއްވި ކަމަށްޓަކާ މާތްﷲއަށް ހަމްދުކުރަން. އަދި ކިޔުންތެރިން ދެއްވި ތަރުހީބާއި ލޯތްބަށްޓަކާ ހިތުގެ ފުންމިނުން ޝުކުރުކުރަން. މި ވާހަކައަށްފަހު ޚަލީފާއިންނާއި ސަހާބީންގެ ވާހަކަ، އަންދަލުސްގެ ތަރި، މިސްރުގެ ފަތަހަ، ޝާހީން، މުހައްމަދު ބިން ގާސިމް، ފަލަސްތީން ފަތަހަ އަދިވެސް އުސްމާނީ ދައުލަތް ފަދަ މުސްލިމް ތާރީޚީ ވާހަކަފޮތްތަކުގެ ތަރުޖަމާ ގެނެސްދޭނަން އިންޝާﷲ. ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ މާތް ސަހާބީންގެ ވާހަކަތަކާއި މުސްލިމުންގެ ތާރީޚުގެ ކޮންމެ ވާހަކައަކީ ހިތްގައިމު އިބުރަތްތެރި ވާހަކަތަކެއް ކަމުގައި ވުމުން ކިޔުންތެރިންނާއި ހިއްސާކޮށްލުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް. އިރާދަކުރެއްވިއްޔާ ކޮންމެ ހުކުރު ދުވަހަކު އިސްލާމީ ވާހަކައިގެ ސިލްސިލާ ގެނެސްދޭނަން. السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ )

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު